ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު، ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.
ސިރާޖު، ޕީޕީއެމްއާ ގުޅިވަޑައިގެންނެވީ ލ. ގަމުގައި މިރޭ ބެއްވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެމްޕޭން ޖަލްސާގައެވެ. ޕީޕީއެމްއާ ގުޅިވަޑައިގެންނެވިކަމުގެ ފޯމު ސިރާޖު ހަވާލުކުރެއްވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ އަދި މުއިއްޒުއާއެވެ.
ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެން މުއިއްޒަށް ތާއީދުކުރައްވާކަން ހާމަކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހު ސިރާޖު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ލ. އަތޮޅުން އެމްޑީޕީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރި ހޯއްދެވި ކަމުގައިވިޔަސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް އެ އަތޮޅުން ކާމިޔާބު ނުވާނެ ކަމަށެވެ.
އެމްޑީޕީގެ ތެރޭގައި އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް ސޯލިހުގެ ދެ ފެކްޝަން އުފެދިގެން އައި އިރު، ސިރާޖު ހުންނެވީ ނަޝީދާއެކުއެވެ. ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޭނާ ތާއީދުކުރެއްވީ ރައީސް ސޯލިހަށެވެ.
ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ސިރާޖު ފާޑުވިދާޅުވަމުން ގެންދަވާ އިރު، އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މާލެ ސަރަހައްދުން ހިލޭ ބިން ދިނުމެވެ. އޭނާ ވިދާޅުވާ ގޮތުގައި މާލެ ސަރަހައްދުން ހިލޭ ބިން އިންސާފުން ބެހުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި އަތޮޅުތެރެއާއި މާލެއާ ދެމެދު އޮތް ތަފާތު ކުރުންތައް ނައްތާލަންވެސް ގޮވާލައްވާފައިވެއެވެ.
މެމްބަރު ސިރާޖު، ޕީޕީއެމަށް ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ