ރައީސް މައުމޫނާއި ގާސިމް އަތޮޅުތަކަށް ދަތުރުފުޅުތަކެއް ކުރައްވަނީ

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ދެބޭފުޅުން ރާއްޖޭގެ އެކި އަތޮޅުތަކަށް ޒިޔާރަތްކުރައްވަން ނިންމަވައިފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ އެގޮތަށް ނިންމާފައި ވަނީ ޕީޕީއެމްގެ ކައުންސިލުން ކަމަށެވެ. އޭނާ ވިދާޅުވީ، ދެން ބާއްވާ ކައުންސިލް ބައްދަލުވުމެއްގައި އެ ދަތުރުތައް ކުރިއަށްގެންދާނެ ގޮތްތަކެއް ކަނޑައެޅިގެންދާނެ ކަމަށެވެ. "އަޅުގަނޑުމެން މި އުންމީދު ކުރަނީ އެންމެ އަވަހަށް ބާއްވާ ކައުންސިލް ބައްދަލުވުމުގައި ދެޕާޓީ ގުޅިގެން، އަޅުގަނޑުމެންގެ ޕާޓީގެ ރައީސް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ އެކީގައި މި ދަތުރުތައް ކުރެވޭނެ ފޯމިއުލާއެއް ރޭވުން،" ޝުޖާއު ވިދާޅުވިއެވެ. ގާސިމާއެކު މައުމޫން މިއަދު ބޭއްވި ބައްދަލުވުމުގައި ދެ ޕާޓީ ގުޅިގެން، ރާއްޖެއިން ގެއްލިފައިވާ ހަގީގީ ޑިމޮކްރެސީ އަނބުރާ އިޔާދަކުރުމަށް މަސައްކަތް ކުރުމާ ބެހޭގޮތުން މަޝްވަރާކޮށް އެއްބަސްވުންތަކަކަށް އާދެވިފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޕީޕީއެމްއަށް ތާއީދުކުރާ ގިނަ ސަޕޯޓަރުންތަކެއް މައުމޫން، އަތޮޅުތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެދެމުން އަންނަ ކަމަށެވެ. "ރައީސް މައުމޫން ބޭނުންފުޅު ވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ދަތުރުކުރަން. އެގޮތުން ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމަކީ ރައީސްގެ ވަރަށް ބޮޑު އަޒުމެއް. ރައީސް ބޭނުންފުޅުވާ ކަމެއް،" ޝުޖާއު ވިދާޅުވިއެވެ. މައުމޫނާ ބައްދަލުކުރެއްވުމަށްފަހު ގާސިމް މިއަދު ވިދާޅުވީ، ޕީޕީއެމްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައިވާގޮތުން ޕީޕީއެމްގެ ރައީސަކީ މައުމޫނު ކަމަށާއި ޕާޓީގެ އެންމެ އިސް ބޭފުޅަކީ އެމަނިކުފާނު ކަމަށެވެ. މައުމޫނާ އެކު އިސްލާހީ މަސައްކަތްތައް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް ގާސިމް މިއަދު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ