ޔާމީން ވަކިވެ އާ ޕާޓީއެއް ހައްދަވާއިރު ޕީޕީއެމް/ޕީއެންސީ ހަނު!

ޕީޕީއެމް/ޕީއެންސީގެ އެންމެ އިސް ލީޑަރެއްގެ ގޮތުގައި މިހާތަނަށް ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ޕީޕީއެމުން ވަކިވުމާ ގުޅިގެން އެއްވެސް އެއްޗެއް ވިދާޅުނުވެ، އެ ދެ ޕާޓީގެ ލީޑާޝިޕުން ހަނު ތިބެއްޖެއެވެ. ޔާމީނާއި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕާ ގުޅުން ގޯސްވެ، ރޭ އެ މަނިކުފާނު ވަނީ ޕީޕީއެމުން ވަކިވެފައެވެ. އަދި، އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ހަމަ ރޭ ވަނީ ފައްޓަވައިފައެވެ. ޕީއެންސީގެ ސަރުކާރަށް ހަފުތާއެއް ނުވަނީސް ޔާމީން ޕީޕީއެމް ދޫކޮށްލެއްވުމާ ގުޅިގެން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބަހެއް ހޯދަން 'ސަން'އިން ރެއިއްސުރެ އެ ދެ ޕާޓީގެ ލީޑާޝިޕުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް ގުޅި ނަމަވެސް ފޯނަށް ޖަވާބު ދެއްވައިފައެއް ނުވެއެވެ. ލީޑާޝިޕްގެ ބޭފުޅެއް މީސްމީޑިއާގައި ވެސް ޔާމީން ވަކިވުމާ ގުޅިގެން އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ލީޑާޝިޕުން އެ މަނިކުފާނުގެ މަޝްވަރާއާއި ހިޔާލުފުޅު ނުހޯއްދަވައި ކަމަށާއި އަދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޯނު ކުރެއްވުމުން ޖަވާބު ވެސް ނުދެއްވައި ކަމަށް ތުހުމަތު ކުރައްވައި ޔާމީން ރޭ ވަނީ ޕީޕީއެމުން ވަކިވެފައެވެ. އަދި، އަލަށް އުފައްދާ ޕާޓީގެ މަސައްކަތް ފަށައިގަނެ، އެ ޕާޓީގެ ނަމާއި ލޯގޯ ވެސް މިހާރު ވަނީ ކަނޑައަޅައިފައެވެ. އެކަމަކު، ޕާޓީގެ ނަމާއި ލޯގޯ އާންމު ކުރާނީ އިލެކްޝަންސް ކޮމިޝަނުން ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމުންނެވެ. https://sun.mv/185143 ޔާމީންގެ އާ ޕާޓީ އުފެއްދުމުގެ ހުއްދައަށް އާދިއްތަ ދުވަހު އެދެން ވަނީ ނިންމައިފައެވެ. ޔާމީން ޕީޕީއެމް ދޫކޮށްލުމާ ގުޅިގެން ރައީސް މުއިއްޒާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވެސް މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ލީޑާޝިޕުން، ޔާމީންގެ ވަކިވުމާ ގުޅިގެން އެއްޗެއް ވިދާޅުނުވި ނަމަވެސް ދެ ޕާޓީގެ ސެނެޓަރުންނާއި އާންމު މެންބަރުން ގެންދަނީ ތާއީދު ކުރާނީ ކޮން ރައީސަކަށްކަން ހާމަކުރަމުންނެވެ. މިހާރު ވެސް 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ ބާރު ޕީޕީއެމުން ކުޑަވުމުން އެ މަނިކުފާނު ވަނީ ޕާޓީ ހިންގަން 13 ބޭފުޅުންގެ ކޮމިޓީއެއް އެކުލަވައިލައްވައިފައެވެ. އެކަމަކު، އެއީ ޕާޓީގެ އަސާސީ ގަވާއިދާ ޙިލާފަށް ކުރި ކަމެއް ކަމަށް ބުނެ، ޕީޕީއެމުން ވަނީ އެ ކޮމިޓީގައި އިސްކޮށް ހުންނެވި ކުރީގެ ސައެންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުގެ މައްސަލަ ބަލައި ޕާޓީން ބޭރުކޮށްލައިފައެވެ. މަލީހުގެ މައްސަލަ ބަލާފައި ވަނީ ޕީޕީއެމްގައި މި ވަގުތު އެންމެ އިސްކޮށް ތިއްބެވި އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ. މަލީހް ބޭރުކޮށްލިތާ ކުޑަ ވަގުތުކޮޅެއް ފަހުން ޔާމީން ވެސް ވަނީ ޕީޕީއެމް ދޫކޮށްލައްވައިފައެވެ. https://sun.mv/185133 ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ތުހުމަތު ކުރެއްވި ގޮތުގައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ޔާމީން ގެކޮޅަށް ބަދަލު ކުރެއްވި ނަމަވެސް ރައީސް މުއިއްޒާއި އެ މަނިކުފާނާ ދެމެދު އެއްވެސް ގުޅުމެއް ނެތެވެ. ޔާމީން ފޯނު ކުރެއްވުމުން ރައީސް ޖަވާބު ވެސް ދެއްވާފައިނުވާ ކަމަށް ޖަމީލު ވަނީ ތުހުމަތު ކުރައްވައިފައެވެ. އެ ތުހުމަތުތަކާ ގުޅިގެން ވެސް ޕީޕީއެމް/ޕީއެންސީން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ. ޔާމީންގެ މައްޗަށް މިދިޔަ ޑިސެމްބަރު 25 ގައި ދަށު ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އެ މަނިކުފާނަށް ވާދަ ނުކުރެއްވިދާނެ ހާލަތަކަށް ބަލައި ރިޔާސީ އިންތިޚާބަށް ޕީއެންސީން ކެންޑިޑޭޓެއް ނެރެން އެންގެވީ ޔާމީނެވެ. އެކަމަކު، ރައީސް މުއިއްޒު ޕީއެންސީގެ ޓިކެޓު ހޯއްދެވި ފަހުން، ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ޔާމީނަށް ރިޔާސީ ރޭހުގައި ވާދަ ނުކުރެއްވޭނެކަމަށް ކަނޑައެޅުމާ އެކު، ޔާމީން ދެން އެންގެވީ ރިޔާސީ އިންތިޚާބު ބޮއިކޮޓު ކުރާށެވެ. އެ މަނިކުފާނުގެ އެންގެވުމަށް ސެނެޓުގައި ވޯޓެއް ނެގުމުން ދެ ޕާޓީގެ ސެނެޓުން ފާސްވީ ރައީސް މުއިއްޒާ އެކު ކުރިއަށް ދާށެވެ. އެހެންވެ، ރައީސް މުއިއްޒު ވަނީ ޔާމީންގެ ރުހުން ނުލިބެނީސް ޖެހިގެން އައި ދުވަހު [ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ސުންގަނޑި ހަމަވާން އޮތް ދުވަހު] ފޯމު ހުށަހަޅަން އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންފައެވެ. ޔާމީން، ރައީސް މުއިއްޒަށް ތާއީދު ކުރައްވަން ނިންމެވީ ފޯމު ހުށަހަޅަން އީސީގައި ތިއްބައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ