އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޝަރުއީ ދާއިރާއަށް ހާއްސަ ގައުނެއް މިއަދުން ފެށިގެން ތުރުކުރައްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ވީ ކިހިނެއް؟ - ސުޕްރީމް ކޯޓު 2008 ވަނަ އަހަރު އުފެދުނު ފަހުން މިހާތަނަށް، އެ ކޯޓާއި ޝަރުއީ ދާއިރާ ރަމްޒުކޮށްދޭ ހާއްސަ ގައުނެއް ބޭނުން ކޮށްފައެއް ނުވެ އެވެ. ސުޕްރީމް ކޯޓުން މިއަދު ބުނީ، އެކަން ނިމުމަކަށް ގެނެސް މިއަދު ތައާރަފްކޮށް ބޭނުންކުރަން ފެށި ގައުންތަކަކީ ސުޕްރީމް ކޯޓާއި ޝަރުއީ ދާއިރާ ރަމްޒުކޮށްދޭ ގައުންތަކެއް ކަމަށެވެ.
އެނގުން މުހިއްމު - ޝަރީއަތުގެ މަޖިލިސްތަކުގައި އުއްތަމަ ފަނޑިޔާރު މިހާރު ތުރުކުރައްވަނީ ރަަން ކުލައިގެ ރިބަން އަޅާފައިވާ ކަޅުކުލައިގެ ގައުނެކެވެ. އަދި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުން މިހާރު ތުރުކުރައްވާ ކަޅު ގައުންގައި އަޅާފައި ހުންނަނީ ރިހި ކުލައިގެ ރިބަނެވެ.
ތަފްސީލް - މިއަދުން ފެށިގެން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުން ތުރުކުރައްވާ ގޮތަށް ހަމަޖައްސާފައިވަނީ ރަން ކުލައިގެ ކުރެހުން އެޅި ކަޅުކުލައިގެ ގައުން އެކެވެ.
މި ދެ ގައުން ވެސް ފަރުމާ ކޮށްފައިވަނީ ދާދި އެއްގޮތަކަށެވެ. ދެ ގައުންގައި އަޅާފައިވަނީ ވެސް އެއް ކުރެހުމެކެވެ. ހަމައެކަނި ތަފާތަކީ އުއްތަމަ ފަނޑިޔާރުގެ ގައުންގައި އަޅާފައިވާ ކުރެހުން އެހެން ފަނޑިޔާރުންގެ ގައުންގައި އަޅާފައިވާ ކުރެހުމަށް ވުރެ ތަންކޮޅެއް ފުޅާކޮށް ހުރުމެވެ.
އާ ގައުންގައި ރަން ކުލައިން އަޅާފައިވާ ޑިޒައިން ރަމްޒުކޮށްދެނީ، ދިވެހި ތާރީހާއި އިސްލާމީވަންތަކަމާއި ޝަރުއީ ދާއިރާ އެވެ. އެ ކުރެހުން އަޅާފައިވަނީ މާލޭ ހުކުރު މިސްކިތުގެ ހިރިގަލުގެ މަސައްކަތް އަސްލަކަށް ބަލައިގެންނެވެ. އެއާއެކު އަދުލު އިންސާފު ގާއިމުކުރުމުގެ ބާރާއި ޝަރުއީ ދާއިރާގެ މިނިވަންކަން ރަމްޒުކޮށްދިނުމަށް ތިލަފަތުގެ މަތީގައި ތިން ތަރިޖަހައި އަޅާފައިވާ ކުރެހުމެއް ވެސް ގައުންގައި ހިމަނާފައިވެ އެވެ.
ގުޅުންހުރި - ހައި ކޯޓުގެ ފަނޑިޔާރުން ވެސް ޝަރީއަތްތަކުގައި ގައުން ތުރުކުރައްވަ އެވެ. ހައި ކޯޓުގެ ފަނޑިޔާރުން ތުރުކުރައްވަމުންދަނީ އެއްވެސް ޑިޒައިނެއް ނާޅާ ހުންނަ ކަޅު ގައުން އެކެވެ.
އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތުރުކުރައްވަން ޝަރުއީ ދާއިރާ ރަމްޒުކޮށްދޭ ހާއްސަ ގައުނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ