ފުއްގިރި މައްސަލަ: ހެކިތައް ބަލައިގަތުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަނީ!

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިނގިކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް، އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދަށު ކޯޓުގައި ކުރިޔަށް ގެންދާ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ބަލައިގަތުމަށް ނިންމި ނިންމުން އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމައިފި އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތަށް ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރި އަބްދުﷲ ޒިޔަތު ހިމެނެ އެވެ. އެހެންވެ، އެ ދެ މީހުންގެ ހެކި ބަސް ބަލައިނުގަތުމަށް ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގަ އެވެ.
އެހެން ނަމަވެސް ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރު އަލީ ނަދީމް ނިންމެވީ އެ ހެކިތައް ބަލައިނުގަންނަން ޖެހޭ ވަރުގެ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.
ކްރިމިނަލް ކޯޓުގައި މިހާރު ކުރިޔަށް ދާ ފުއްގިރި މައްސަލައިގައި ދައުވާތައް ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެކިތައް ބަލައިގަތުމަށް ނިންމި ނިންމުމާއި ހެކި ރައްކާތެރި ކުރުމުގެ އަމުރު ބާތިލުކޮށްދޭން އެދި ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ. ނަމަވެސް ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުންތައް ދެމެހެއްޓުމަށެވެ. ހައިކޯޓުން މައްސަލައިގައި މިދިޔަ ހަފްތާގައި ކުރި ހުކުމުގައި ބުނީ ރައީސް ޔާމީންގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާކަން ހާމަކުރީ، މިއަދު އޮތް ޝަރީއަތުގަ އެވެ. ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ކޯޓުގައި ބުނީ ގާނޫނުގައި ދީފައިވާ މުއްދަތުގެ ތެރޭގައި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
ފުއްގިރި މައްސަލައިގައި ރައީސް ޔާމީނާއި އެކު ދައުވާ އުފުފުލާފައިވާ މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ އާއި، ސަސް ކޮންސްޓްރަކްޝަން އެންޑް އިންޖީނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުނިން ވެސް ހެކިތަކާއި ގުޅޭ ބައެއް ނިންމުންތައް އިސްތިއުނާފު ކުރި އެވެ. އެއީ ދެ ފަރާތުން އެދުނު ގޮތަށް ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމެވެ. އެ މައްސަލައިގައި ހައިކޯޓުން ދަށު ކޯޓުގެ ނިންމުމަށް ވަނީ ތާއީދުކޮށްފަ އެވެ. އެއަށް ފަހު، ކްރިކް ރިޒާ އާއި ސަންއިން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާކަން އަދި ސާފެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ