މުދަލާއި މުއްޒަފުންނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ބެލެވޭތީ މަސްވެރިންގެ ޑިމާންޑާއި އެއްގޮތަށް އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހުރީ ރޭއްސުރެ ކަރަންޓު ކަނޑާލާފައިކަމަށް މިފްކޯއިން ބުނެފިއެވެ.
މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ހަމަޖައްސައިދިނުމަށް ވެފައިވާ ވައުދުފުއްދުމަށް ގޮވާލައި މަސްވެރިން ކަންބޮޑުވުން ފާޅުކުރަމުންދާތާ އެތައް މަސްތަކެއް ވެއްޖެއެވެ. ރަމަޟާން މަހުގެ ކުރިންވެސް މަސްވެރިންނަށް ބޮޑެތި ދަތިތައް ހުރުމުގެ ސަބަބުން ފައިސާ ދޫކުރުމަށް ގޮވާލައި އަޑުއުފުލާފައިވާއިރު، މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކޫއްޑޫގައި ހުންނަ ފެކްޓަރީ ހުއްޓުމަކަށް ގެނެސްފައިވެއެވެ. މި އިހުތިޖާޖަށްފަހު ދޭންޖެހޭ ފައިސާގެ ބޮޑު އަދަދެއް އޭރު ސަރުކާރުން ދޫކުރި އެވެ.
އެހެންނަމަވެސް އަނެއްކާވެސް ފައިސާ ނުދެވި ދިގުލައި ދިއުމުގެ ސަބަބުން ދަތިތައް ބޮޑުވެ މި ފަހުން މަސްވެރިންވަނީ މާލެ ސަރަހައްދުގައި ރިޔާސީ ފާލަން ހުންނަ ސަރައްދާއި އެމްއެމްއޭ ކުރިމަތީގެ ފަޅުތެރޭގައިވެސް އިހުތިޖާޖްކޮށްފައެވެ. އެ ފުރުސަތުގައިވެސް އިހުތިޖާޖަށް ފަހު މިފްކޯއިންވަނީ ދޭންޖެހޭ 80 މިލިއަނުން 46 މިލިއަނާއި ގާތްކުރާ އަދަދެއް ދޫކޮށްފައެވެ.
މިހާރު އިހުތިޖާޖު ކުރިއަށް ދަނީ އައްޑޫ ސަރަހައްދުގައިކަމަށްވާއިރު، މިފްކޯއިންވަނީ އެ ކުންފުންޏަށް ކުރިމަތިވެފައިވާ ހާލަތު މީޑިއާއަށް ހިއްސާކޮށްފައެވެ. އެގޮތުން މަސްވެރިން ކުރިއަށް ގެންދާ ހަރަކާތްތަކާއި ގުޅިގެން މިހާރު އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަން ވަގުތީ ގޮތުން ހުއްޓާލާފައިވާކަމަށާއި މުޒާހަރާގެ ބައިވެރިންވަނީ އެ އިމާރާތުން މުއައްޒަފުން ނެރި އޮޑިވެރިންގެ ބެލުމުގެ ދަށަށް ގެންދާނެކަމުގެ އިންޒާރު ދީފައިކަމަށް ބުނެފައިވެއެވެ.
މިފްކޯއިން ބުނެފައިވާގޮތުން ކޮމްޕްލެކްސް ހުންނަ ސަރަހއްދުގައި ފުލުހުން ހަރަކާތްތެރިވަމުންދިޔަ ނަމަވެސް އެ ކުންފުނިން އިހުތިޖާޖަށް އެއްވެސް ހުރަހެއް އެޅުމަށް ނިންމާފައިނުވާކަމަށެވެ. އެހެންނަމަވެސް ހަރަކާތްތައް ކުރިއަށް ދާއިރު މަސައްކަތްތައް ކުރިއަށް ގެންދިއުން ދަތިކަމަށްވުމުން އޮޕަރޭޝަނަލް ހާލަތަށް އަންނާނެ ވަގުތެއް ދަންނަވަން ދަތިކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.
އެ ކުންފުނިންވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ނޭދެވޭ ބައެއް އަމަލުތައް ހިންގާފައިވާކަމަށްވެސް ބުނެފައެވެ. އެގޮތުން މަސްވެރިންވަނީ ތަނުގެ ކެންޓީން ތަޅުލާފައި ހުއްޓާ ކުޑަދޮރުން ވަދެގެން އެތަނުގައި ހުރި ކާބޯތަކެތީގެ ބޭނުންކޮށްފައިކަމަށާއި މީހުން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކުން ކަރަންޓު ކަނޑާލާފައިވުމުން މުއައްޒަފުން ނިދީ ބޭރުގައި ސަތަރި އަޅައިގެންކަމަށްވެސް ހިއްސާކޮށްފައިވެއެވެ. މިފްކޯއިން ބުނެފައިވާގޮތުން އެ ކަމުގެ ސަބަބުން މުއައްޒަފުންނަށް ތިބީ ފާހަނާކުރުމާއި ފެންވެރުން ފަދަ ޒަރޫރީ ބޭނުންތައް ނުފުއްދިފައެވެ.
މިފްކޯއިން ބުނެފައިވާގޮތުން ރޭގެ ވަގުތެއްގައި ފުލުހުންގެ އެދުމަށް އަލުން ކަރަންޓު ދިނުމާއިއެކު މަސްލަހަތު ގެއްލިގެން ތަނާއި މުދާ އަދި މުއައްޒަފުންނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ގަބޫލުކުރެވުމުން ޖެހުނީ ފަހުން ކަރަންޓު ކަނޑާލަންކަަމަށެވެ.
އެ ކުންފުނިން ބުނެފައިވާގޮތުން މަސްވެރިންވަނީ އެކަމަޑޭޝަން ބްލޮކާއި، އެޑްމިން އިމާރާތުގެ އިތުރުން ކެފެޓީރިއާއިން ކަރަންޓު ކަނޑާފައި ބެހެއްޓުމަށްކަމަށާއި ޕެންޑިންގް ފައިސާ ވީ އެންމެ އަވަހަކަށް ދިނުމަށްވެސް ގޮވާލަމުންދާކަމަށް ބުނެފައިވެއެވެ. އަދި އެ ކުންފުނިންވާނީ އީދު ބަންދުގެ ކުރިއަށް 46 މިލިއަން ދޫކޮށްފައިކަމަށް ބުނެފައިވާއިރު، ބާކީ ހުޅުވޭ ހަފްތާގައި ދިނުމަށްޓަަކައި ގޮތެއް ހޯދާނެކަމުގެ މައުލޫމާތުވެސް ދީފައިވާނެކަމަށާއި މިހާރުވެސް އެ ކުންފުނިންދަނީ އެ މަސައްކަތްތައް ކުރަމުންކަމަށް ބުނެފައިވެއެވެ.
މިިފްކޯއިންވަނީ މަސްވެރިން ކުރިއަށް ގެންދާ ހަރަކާތް ސުލްހަވެރިކަމާއިއެކު ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި އެ ކުންފުންނަށް ލިބޭ ގެއްލުމަކީ މުޅި ސިނާއަތަށްވެސް ލިބޭ ގެއްލުމެއްކަމަށާއި މުއައްޒަފުންގެ އިންސާނީ ކަރާމާތަށް އުނިކަން އަންނަަ ފަދަ އަމަލުތައް ނުހިންގުމަށްވެސް އެދިފައިވެއެވެ.
މަސްވެރިން ވަނީ އައްޑޫ ކޮމްޕްލެކްސްގެ ކަރަންޓު ކަނޑާލާފައި، މުވައްޒަފުން ނިދަން ޖެހުނީ ބޭރުގަ ސަތަރި އަޅައިގެން: މިފްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ