ޖީއެސްޓީ އާއި ޓީޖީއެސްޓީވެސް ބޮޑުކުރި، އެ ފައިސާ ކޮބާ: މެމްބަރު މުންތަސިމް

އެމްޑީޕީގެ ވެރިކަމުގެ ދައުރުގައި ޖީޢެސްޓީ ބޮޑުކުރުމުން އާމްދަނީ އިތުރުވެގެންދާނެކަމަށްވުމުން ގިނަ އަދަދެއްގެ ފައިސާ ރާއްޖޭގެ މާލިއްޔާތުގައި ހުންނަންޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު މުންތަސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދިވެހިރާއްޖޭގެ މާލީ ހާލަތާއިމެދު ވާހަކަދައްކަވަމުން މެމްބަރު މުންތަސިމް ވިދާޅުވީ، 120 ބިލިއަނަށް ދަރަނީގެ އަދަދުތައް އަރާފައިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ. އޭނާ ވިދާޅުވީ، އެތައް ބިލިއަން ރުފިޔާއެއް ނިމިދިޔަ ސަރުކާރުން ޗާޕުކުރިކަމަށާއި އެކި ބެންކުތަކުން ގިނަ އަދަދަކަށް ލޯނުވެސް ނަގާފައިވާކަމަށެވެ.
މުންތަޒިމް ވިދާޅުވީ، އެކަންކަމުގެ މައްޗަށް ގައުމު ހިންގުމަށްޓަކައި ކުރި އެއްވެސް ކަމެއްވެސް ފެންނާކަށް ނެތްކަމަށާއި ދެކެވެމުންދަނީ ވަރަށް ސީރިއަސް ވާހަކަތަކެއްކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދައްކަމުންދަނީ ރާއްޖެއަށް އެއްވެސް އާމްދަނީއެއް ނުލިބުނު ނަމަވެސް ގައުމު ދެ އަަހަރު ދުވަހަށް ހިންގޭނެ އަދަދުގެ ފައިސާގެ ވާހަކަ ކަމަށެވެ.
އޭނާ ވިދާޅުވީ، ލޯނުތައް ނެގުމުގެ އިތުރުން ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބަދަލުކުރިކަމަށާއި ޓީޖީއެސްޓީވެސް ބޮޑުކުރިކަމަށެވެ. އެހެންކަމުން އެކަންކަމުން ލިބުނު އާމްދަނީ އާއިއެކު ދިވެހި މާލިއްޔާތުގައި ވަރަށް ގިނަ އަދަދެއްގެ ފައިސާ ހުންނަން ވާނެކަމަށާއި އެ ފައިސާ ވަތް ތަނެއް އެނގެން ޖެހޭކަމަށް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގެ ދައުރު ނިމި އެމްޑީޕިއިން ވެރިކަމާ ހަވާލުވިިއިރު ސްޓެލްކޯގެ ރިޒާވުގައި 300 މިލިއަން ރުފިޔާ ހުރިކަމަށް މުންތަސިމް ފާހަގަކުރެއްވިއެވެ. އެހެންމަވަވެސް ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވިއިރު އެންމެ ރުފިޔާއެއްވެސް ނެތްކަމަށް މައުލޫމާތުދެއްވިއިރު މުންތަސިމުވަނީ އެ ފައިސާ ވަތް ތަނާއިމެދު ސުވާލު އުފައްދަވާފައެވެ.  އޭނާ ވިދާޅުވީ، ރަނގަޅު ތަހުގީގެއް ކުރެވި އެފަދަ ކަންކަން ބަލަންޖެހޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ