ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުން ވަކިކުރަން ނިންމާފައިވަނީ ވަކި މަގުސަދެއް ހާސިލުކުރަން އަދި އެ ކޮމިޝަނަށް ހީވާ ހީވުމެއްގެ މައްޗަށް ކަމަށާއި އޭނާގެ ފިރިކަލުން ބަންދުން ދޫކޮށްލާފައިވާ ވަނިކޮށް އެކަމަށް އެދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ލައްވައި ގުޅުވަންޖެހޭނެ ސަބަބެއް ނެތް ކަމަށް އަޒްމިރާލްދާގެ ވަކީލު އިބްރާހިމް ޝަމީލް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަޒްމިރާލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލަރަކުން މިދިޔަ ޑިސެމްބަރު މަހު ހައްޔަރުކޮށްފައިވެ އެވެ. އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުވި ކަމަށް ބުނެ، އޭގެ ދެ މަހެއްހާ ދުވަސް ފަހުން ޖޭއެސްސީން، އަޒްމިރާލްދާ އާއި މަހާޒްގެ މައްޗަށް ސުލޫކީ މައްސަލައެއް ބަލަން ފެށި އެވެ.
އެ މައްސަލަ ބަލަން ފެށީ، ޕާޓީ ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުން ގެނައި އިސްލާހު ބާތިލުކުރަން އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެއް މި ދެ ފަނޑިޔާރުން ވެސް ހިމެނޭހެން އެ ކޯޓުގެ ފުލް ބެންޗުން ބަލަން ނިންމާފައި ވަނިކޮށެވެ.
މި މައްސަލާގައި އަޒްމިރާލްދާ އާއި މަހާޒް މަގާމުގެ މަސްއޫލިއްޔަތުތަކުން ވަނީ ދުރުކޮށްފަ އެވެ. އަދި ޖޭއެސްސީން މިހާރު ވަނީ ދެ ފަނޑިޔާރުން ވަކިކުރަން ނިންމައި މަޖިލީހަށް އެކަން ހުށަހަޅާފަ އެވެ.
ތަފްސީލް - އަޒްމިރާލްދާގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަކީލު ޝަމީލް ވިދާޅުވިގޮތުގައި ޖޭއެސްސީން އަޒްމިރާލްދާ ވަކިކުރަން ނިންމާފައިވާ ނިންމުމުގައި އޮންނަނީ، ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ކަން ހިނގާފައިވާ ގޮތް ކަަމަށް އެ ކޮމިޝަނުން ތުހުމަތުކުރާ ގޮތަކީ އެކަން ނުހިނގުމަށް ވުރެ، އެކަން ހިނގާފައި އޮތް ގޮތް ކަމަށް ކޮމިޝަނަށް ބުރަވެވޭ ގޮތް ކަމަށް ވާތީ އެވެ.
މި މައްސަލާގައި ޖޭއެސްސީން ގޮތް ނިންމާފައިވަނީ ހުރިހާ ހެކިތަކެއް އެއްފަރާތް ކޮށް، އެ ކޮމިޝަނުން ދުރާލާ ގަސްތުކޮށްފައި އޮތް ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޖޭއެސްސީން ތުހުމަތުކުރަނީ ޑރ. އިސްމާއިލް ބަންދުން ދޫކޮށްލަން، މަހާޒު މެދުވެރިކޮށް، ކްރިމިނަލް ކޯޓުގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ބޭއްވި އަޑުއެހުމަށް އަޒްމިރާލްދާ ނުފޫޒު ފޯރުއްވި ކަމަށެވެ.
ނަމަވެސް ޝަމީލް ވިދާޅުވިގޮތުގައި:
ފިރިކަލުން ހައްޔަރުކުރިކަން އަޒްމިރާލްދާއަށް އެނގުނީ ހައްޔަރުކުރި ރެއާ ޖެހިގެން އައި ދުވަހުގެ ހެނދުނު 7:45 ހާއިރު
އެ ރޭ ޑރ. އިސްމާއީލް ގެއަށް ވަޑައިނުގަންނަވައިގެން އައިޖީއެމްއެޗްގެ ބައެއް ޑޮކްޓަރުންނަށް އަޒްމިރާލްދާ ގުޅުއްވިކަން ވެސް އެނގެން އެބައޮތް
އޮންލައިންކޮށް ކުރިއަށް ގެންދިޔަ ބަންދު އަޑުއެހުމުގެ ތަފްސީލުތައް އަޒްމިރާލްދާއަށް ލިބެމުން ދިޔައީ ޑރ. އިސްމާއިލްގެ ވަކީލު މެދުވެރިކޮށް
އެ އަޑުއެހުމުގައި ފުލުހުން ހުށަހެޅި ލިޔެކިއުންތަކަށް ބެއްލެވުމަށް ފަހު އޭނާ ބަންދުން ދޫކޮށްލަން ގާޒީ ނިންމެވީ އެ ދުވަހުގެ 10:38ގައި
ބަންދަށް ނުފޫޒު ފޯރުވަން މަހާޒް ލައްވައި އަޒްމިރާލްދާ ގުޅުއްވި ކަމަށް ޖޭއެސްސީން ތުހުމަތުކުރަނީ އެ ދުވަހުގެ 11:30ގެ ފަހުން
"ބުއްދި ސަލާމަތުން ހުރި މީހަކު ގަބޫލުކުރާނެ ކަމަކަށް އަޅުގަނޑުމެންނަކަށް ނުފެނޭ 10:38ގައި ބަންދުން ދޫކޮށްފައި ހުރި މީހަކު ބަންދުން ދޫކުރަން 11:30ގައި ނުވަތަ 11:45ގައި އެހެން މީހަކު މެދުވެރިކޮށް ގުޅަންޖެހޭ ސަބަބެއް. ބަންދުން ދޫކޮށްފައި ހުރި މީހަކު ބަންދުން ދޫކުރަން ދެން އުޅެންވީ ކީއްވެގެންތޯ؟" ޖޭއެސްސީން ގޮތް ނިންމީ އެ ހަގީގަތް އެއްކޮށް އެއްފަރާތްކޮށްފައިކަން ފާހަގަކުރައްވައި ޝަމީލް ވިދާޅުވި އެވެ.
މައްސަލާގައި ހުށަހަޅާފައިވާ ހެކިތަކަށް ބެލުމުން ވެސް، އެ ދުވަހުގެ ހަވީރު 4ގެ ކުރިން އަޒްމިރާލްދާ އާއި މަހާޒް ފޯނުން ގުޅުއްވައިގެން ވާހަކަ ނުދައްކަވާކަން އެނގެން އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ޝަމީލް ވިދާޅުވީ ޑރ. އިސްމާއިލް ބަންދުކުރިކަން މަހާޒަށް އެނގިވަަޑައިގަތީ ފަނޑިޔާރު ހުސްނުއްސުއޫދުގެ ފަރާތުން ކަމަށް މަހާޒް ތަހުގީގުގައި ވެސް ވިދާޅުވެފައިވާ ކަމަށާއި އެކަމަކު އެކަން ޖޭއެސްސީގައި މި މައްސަލަ ބެލި ކޮމިޓީން ގަބޫލުކުރަން ބޭނުންނުވި ކަމަށެވެ.
"އެ ބޭފުޅުން [ޖޭއެސްސީއިން] ވިދާޅުވަނީ ފަނޑިޔާރު މަހާޒް އެހެން ވިދާޅުވިޔަސް ތިމަންނަމެންނަށް ގަބޫލުކުރެވެނީ ފަނޑިޔާރު އަޒްމިރާލްދާ ވިދާޅުވެގެން ކަމަށޭ ގުޅުއްވާފައި އޮންނާނީ. މިހާ ސާފުކޮށް ފެންނަން އޮތް ކަމެއްގައި ޖޭއެސްސީއަށް ގަބޫލުކުރެވޭ ގޮތެއް ނުވަތަ އުންމީދުކުރައްވާ ގޮތަކަށް މި ރިޕޯޓު ތައްޔާރުކޮށްފައި އޮތީ،" ޝަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައްސަލާގައި ފުރަތަމަ އަޒްމިރާލްދާއާ ޖޭއެސްސީން ހަވާލުކުރި ރިޕޯޓުގައި ކޮށްފައިވާ ތުހުމަތުތަކާއި ފައިނަލް ރިޕޯޓުގައި ކޮށްފައިވާ ތުހުމަތުތަކާ ތަފާތު ކަމަށެވެ. އެގޮތުން ފުރަތަމަ ރިޕޯޓުގައި، ޑރ. އިސްމާއިލް ހައްޔަރުކުރީ ބަރަހަނާ ހާލަތުގައި ކަމަށް ބަޔާންކޮށްފައި ނުވާ ކަމަށާއި އެކަމަކު ފަހުގެ ރިޕޯޓުގައި އޭނާ އޮންނެވީ ބަރަހަނާކޮށް ކަމަށާއި، އެގޮތަށް ހައްޔަރުކުރާ މީހުން ކޯޓުން މީގެ ކުރިން ދުވަހަކުވެސް ބަންދުން ދޫނުކުރާކަމަށް ފާހަގަކޮށްފައިވާ ކަމަށް ޝަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓުން އެ ދުވަހު ކުރިއަށް ގެންދިޔަ ޑރ. އިސްމާއީލްގެ ބަންދު އަޑުއެހުން ބެލުމުން އޭނާ ހައްޔަރުކުރީ ބަރަހަނާ ހާލަތުގައި ނޫންކަން އެނގޭ ކަަމަށެވެ. އަދި އެ ދުވަހު ހަމަ އެ ސްޕާގެ ތެރެއިން ބަރަހަނާ ހާލަތުގައި އެހެން ފިރިހެނަކާއި އަންހެނަކު ހައްޔަރު ކުރި ކަމަށާއި އޭގެ ތެރެއިން ފިރިހެންމީހާއާ އެކު ދައުލަތުން ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައިވާއިރު، އަންހެންމީހާގެ މައްޗަށް ހަށިވިއްކުމުގެ ދައުވާ އުފުލާފައިވާ ކަމަށް ޝަމީލް ވިދާޅުވި އެވެ.
އެކަމަކު ދައުވާކުރެވޭނެ ހެއްކާއި ގަރީނާ ނެތިގެން ޑރ. އިސްމާއީލްގެ މައްސަލަ ފުލުހުން ފައިލްކޮށްފައިވާ ކަމަށާއި ބަންދުން ދޫކޮށްލި އަމުރު އިސްތިއުނާފް ކުރަން ދައުލަތުން ހުށަހަޅާފައި ނެތުމަކީ ވެސް އެއަށް ނުފޫޒު ނުފޯރުވާކަމުގެ ހެއްކެއް ކަމަށް ވަކީލު ވިދާޅުވި އެވެ.
"ފަނޑިޔާރު [އަޒްމިރާލްދާ] މި ފާހަގަކުރައްވަނީ ބަހުސްގެ ބޭނުމަށް ވެސް ފިރިކަލުން އިސްމާއީލް ބަރަހަނާ ހާލަތުގައި އޮއްވާ ހައްޔަރުކުރި ކަމަށް ފުލުހުން ވިދާޅުވާ ނަމަ ފަނޑިޔާރަކަށް ގަބޫލެއް ނުކުރެއްވެޔޭ ޖޭއެސްސީން ވިދާޅުވާ ގޮތަށް އެ ހާލަތުގައި އޮތް ބޭވަފާތެރި ފިރިޔަކު ދިފާއުކުރަން ފަނޑިޔާރުގެ އަމިއްލަ ކެރިއާ ހަލާކުކުރައްވައިގެން ވަޑައިގަންނަވަންޖެހޭ ކަމަކަށް،" ޝަމީލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އަޒްމިރާލްދާއަކީ ފަނޑިޔާރުކަމުގައި ހޭދަކުރެއްވި މުއްދަތުގައި މީގެ ކުރިން އެފަދަ އެއްވެސް ތުހުމަތެއް އަމާޒުވެފައިވާ ބޭފުޅެއް ނޫން ކަމަށާއި އެ ތުހުމަތުގެ ސަބަބުން ފަނޑިޔާރުގެ އަބުރަށް ވެސް ހުތުރުވާ ކަމަށެވެ. ޖޭއެސްސީން އެ ބުނާ ގޮތަށް އެކަން ހިނގިކަން އެނގޭނެ އެއްވެސް ހެއްކެއް ނެތް ކަމަށާއި ހަމައެކަނި އޮތީ ޖޭއެސްސީން ގަބޫލުކުރާ ކުރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަމީލް ވިދާޅުވީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މައްސަލަ ދިރާސާކުރާ އިރު އިންސާފުވެރި ނިންމުމަކަށް އަޒްމިރާލްދާ އުންމީދުކުރައްވާ ކަމަށާއި ޖޭއެސްސީން ހަދާފައިވާ އެ ގޯސް ރަނގަޅުކުރުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ފިރިކަލުން ބަންދުން ދޫކޮށްލާފައި ހުއްޓާ އެކަމަށް އެދި ގުޅަންޖެހޭނެ ސަބަބެއް ނެތް: އަޒްމިރާލްދާގެ ވަކީލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ