އެމެރިކާއިން އީރާނަށް ހަމަލާ ދިނުން ހުއްޓުވަން ކޮންގްރެސްގެ މެންބަރުން ގޮވާލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް އަޅާ އަސްކަރީ ފިޔަވަޅުތައް މަދު ކުރުވުމަށާއި މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެމެރިކާގެ ބައިވެރިވުން ހުއްޓުވުމަށް ޑިމޮކްރެޓިކް ޕާޓީ އާއި ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުން ކޮންގްރެސްއަށް އިއްޔެ ގޮވާލައްވައިފި އެވެ.
އެމެރިކާގެ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރިޕަބްލިކަން ލީޑަރުން ގެންދަވަނީ އީރާނުގެ މުހިންމު ނިއުކްލިއާ ސައިޓްތަކަށް އެމެރިކާއިން ދިން ހަމަލާތަކަށް ވަރަށް ބޮޑަށް ތާއީދުކޮށްފަ އެވެ. އެހެންވެ ކޮންގްރެސް އިން އެ ގަރާރު ނަގައި ޓްރަމްޕްގެ އަމަލުތައް ލިމިޓްކުރާ އެއްވެސް ގަރާރަކަށް ދެ ޗެމްބަރުން ވެސް ރުހުން ދޭނެ ކަމަކަށް ނުބެލެވެ އެވެ.
ވާޖީނިއާގެ ޑިމޮކްރެޓިކް ސެނެޓަރު ޓިމް ކެއިން ވިދާޅުވީ އީރާނާ ދެކޮޅަށް ޓްރަމްޕް ހަނގުރާމަ ހުއްޓާލަން ޖެހޭ ގޮތަށް އޭނާ ހުށަހެޅުއްވި ގަރާރަށް މިހަފުތާގައި ވޯޓަށް އެހުމަށް ސެނެޓަށް މަޖުބޫރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ކެންޓަކީގެ ރިޕަބްލިކަން ރެޕްރެޒެންޓޭޓިވް ތޯމަސް މެސީ އާއި ކެލިފޯނިއާގެ ޑިމޮކްރެޓިކް ރެޕްރެޒެންޓޭޓިވް ރޯ ކަންނާ ވަނީ އެ ބޭފުޅުން ހައުސްއަށް ހުށަހެޅުއްވި އެފަދަ ގާނޫނަށް ވޯޓަށް އެހުމަށް ވެސް އެދިވަޑައިގެންފަ އެވެ.
"ޑޮނަލްޑް ޓްރަމްޕް ވިދާޅުވާ ގޮތުން މިއީ އިހުތިޔާރު އޮތް ކަމެއް [ހަނގުރާމާގައި އެމެރިކާ ބައިވެރިވުމާއި ނުވުމުގައި]. ހާއްސަކޮށް ކޮންގްރެސްގައި މަޝްވަރާކޮށް ވޯޓަކާ ނުލައި އެމެރިކާ މިގޮތަށް ކުރިއަށް ދާން ޖެހޭ ހަރުދަނާ ގައުމީ ސަލާމަތުގެ ސަބަބެއް ނެތް،" ޓިމް ކެއިން ވިދާޅުވި އެވެ.
ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ޝަކުވާތަކާ ގުޅޭ ގޮތުން ރޮއިޓާސް އިން ކޮމެންޓެއް ހޯދުމަށް ވައިޓް ހައުސްއަށް ގުޅުމުން ޖަވާބެއް ދީފައި ނުވާ ކަމަށް އެ އެޖެންސީން ބުންޏެވެ.
އެމެރިކާއިން އިޒްރޭލަށް ތާއީދުކޮށް އަސްކަރީ ފިޔަވަޅުތައް އެޅުމުގެ ކުރިން ގާނޫނު ހަދާ މަޖިލީހުގެ ރައީސް މައިކް ޖޯންސަން އާއި ސެނެޓުގެ މެޖޯރިޓީ ލީޑަރު ޖޯން ތޫންއަށް ވެސް ކުރިން އަންގާފައިވާ ކަމަށް މަސްދަރުތަކުން ބުނެ އެވެެ. މާދަމާ ކޮންގްރެސްގެ މެންބަރުންނަށް ބްރީފިންއެއް ލިބޭނެ ކަމަށް ބެލެވެ އެވެ.
ކައިންގެ މި ފިޔަވަޅާ ގުޅޭ ގޮތުން ތޫންގެ އޮފީހުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ހޮނިހިރު ދުވަހު އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާތަކުގެ ސަބަބުން ޓްރަމްޕްގެ ޕޮޕިއުލިސްޓް 'މޭކް އެމެރިކާ ގްރޭޓް' ހަރަކާތް ވަނީ ބައިބައިވެފަ އެވެ. ބައެއް ލީޑަރުން ރައީސަށް ތާއީދު ކުރައްވާ އިރު، އަނެއް ބަޔަކު ވަކާލާތު ކުރައްވަނީ 11 ސެޕްޓެމްބަރު 2001ގައި އެމެރިކާއަށް ދިން ހަމަލާއަށް ފަހު އިރާގާއި އަފްގްނިސްތާނުގައި އެމެރިކާ އިން ފެށި "އަބަދުގެ ހަނގުރާމަ" ނިންމުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ