ވިލިމާލެ ފެރީ ޓާމިނަލް ކައިރީ އާންމުންނަށް ދަތިވާހެން ހުރި އުޅަނދުތައް ނަގައި، މަގު ސާފުކޮށްފި

ވިލިމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި އާންމުންނަށް އުނދަގޫ ވާގޮތަށް, ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލްތައް ނަގައި އެ މަގު ސާފުކޮށްފިއެވެ. ވިލިމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ ސައިކަލުތައް ގިނަވުމުގެ ސަބަބުން އެ ތަނަށް ހަތަރު ފުރޮޅުލީ އުޅަނދު ވަންނަން ދަތިވާ މައްސަލައީ އާންމުން ވަރަށް ގިނައިން ކުރާ ޝަކުވާއެކެވެ. ފުލުހުން މިއަދު ފޮޓޯތަކާއެކު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވަނީ ވިލިމާލެ ފެރީ ޓާމިނަލް ބޭނުން ކުރާ ރައްޔިތުންނަށް ދަތިވާ ގޮތަށް، ގަވާއިދާ ޚިލާފަށް އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުފަހަރު ނަގައި، އެ ސަރަހައްދު އަލުން އިންތިޒާމުކޮށް، ފަސޭހަކަމާއެކު ބޭނުންކުރެވޭނެ މަގު މިހާރު ތަނަވަސްކޮށްފައި ވާކަމަށެވެ. https://x.com/PoliceMv/status/1918653451229094178 ފުލުހުން ވަނީ، ގިނަ ބަޔަކު ބޭނުންކުރާ އެފަދަ ސަރަހައްދުތަކުގައި ގަވާއިދާ ޚިލާފަށް ޕާކު ނުކުރުމަށް އިލްތިމާސްކޮށްފައެވެ. "ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ، މުޅި މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މުހިންމު ކަމެއް،" ފުލުހުން ބުނެފައިވެއެވެ. މީގެ ކުރީންވެސް ފުލުހުން ވަނީ އެކި ފަހަރުމަތީން އެ ސަރަހައްދުގެ ޕާކިން މައްސަލަ ހައްލުކުރުމަށް ޓޭޕް ދަމައި، ކޯން ޖެހުންފަދަ މަސައްކަތްތައް ކޮށްފައެވެ. ނަމަވެސް ފެރީ ޓާމިނަލް ސަރަހައްދުގައި ސައިކަލުތައް ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ މައްސަލަ އަންނަނީ ދޭތެރެއަކުން ފެންމަތިވަމުންނެވެ. އެކަމަކު، އެ މައްސަލައަށް މިހާތަނަށް އެދެވޭ ހައްލެއް ގެނެވިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ