އިސްލާމްދީނުގައި ހުއްދަ ކުރާ ގޮތްތަކުގެ މަތިން ކުރިއަށް މި އޮތް ބޮޑު އީދު ފާހަގަކުރުމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ބޮޑު އީދަކީ ރާއްޖެ އާއި މުޅި އިސްލާމީ އުންމަތަށް އަންނަ ވަރަށް މަތިވެރި، އުފާވެރި މުނާސަބަތެއް ކަމަށެވެ.
"ދިވެހިންނަކީ ޒަމާނުއްސުރެ ވަރަށް ކުލަގަދަ ގޮތެއްގައި ބޮޑު އީދު ފާހަގަކުރަމުންދާ ބައެއެކެވެ. އަދި މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައިި އޮންނަ އުހުވަތްތެރިކަމާއި އެއްބައިވަންތަކަން ވަރަށް ބޮޑަށް އާލާވެ، ދިވެހިންގެ އިޖުތިމާއީ ގުޅުން ބަދަހިވެ އެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ތަފްސީލު - މިނިސްޓްރީން ބުނީ ކުދިބޮޑު އެންމެން ވެސް އިސްލާމީ ހަމަތަކުގެ ތެރޭގައި އީދު ފާހަގަކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި އިސްލާމީ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ރަށްރަށުގައި ވެސް އީދުގެ ކުޅިވަރުތަކާއި ހަރަކާތްތައް ރާވައި ހިންގުމަކީ ސަރުކާރުން ތަރުހީބު ދޭ ކަމެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.
"މިއަހަރުގެ އަޟްހާ އީދު ފާޙަގަކުރުމުގައި ވެސް އިސްލާމީ ތަރަހައިގެ ތެރޭގައި އިސްލާމްދީނުގައި ހުއްދަކޮށްފައިވާ ގޮތުގެ މަތިން ރާއްޖޭގެ ހުރިހާ ރައްޔިތުން އަމަލު ކުރުމަށް އިލްތިމާސް ކުރަމެވެ،" މިނިސްޓްރީން ބުނެފައިވެ އެވެ.
"އަދި އީދު ފާހަގަކުރުމުގެ ކަންކަން ރާއްޖޭގެ ސިޓީތަކާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ކުރިއަށްގެންދަނީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައިކަން ކަށަވަރު ކުރުމަށް ދައުލަތުގެ ގުޅުންހުރި ހުރިހާ މުއައްސަސާތަކަށް ދަންނަވަމެވެ."
އިސްލާމްދީނާއި ސަރުކާރުން ހުއްދަކުރާ ގޮތަށް އީދު ފާހަގަކުރަން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ