އީދު ޗުއްޓީއާ ދިމާކޮށް މާލެ އިން ފުވައްމުލައް ސިޓީއަށް އިތުރު ފަސް ފްލައިޓް ބާއްވަނީ އައްޑޫ އީދު ފެސްޓިވަލް: ޕާކް ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި “އައްޑޫ އީދު ފެސްޓިވަލް”: ފައިގަތަޅާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ލިޔުއްވީ: އައްޝައިޚް ޙުސައިން ނަޝާތު އިބްރާހިމް
1- އުޟްޙިޔާ ކަތިލުމުގެ ޙުކުމް:
އުޟްޙިޔާ ކަތިލުމަކީ އުންމަތުގެ ގިނަ ޢިލްމުވެރިންގެ ރައުޔުގައި ގަދަވެގެންވާ ސުންނަތެކެވެ. އަދި ކުޅަދާނަކަން ލިބިގެންވާ މީހާ އުޟްޙިޔާ ނުކަތިލައި ދޫކޮށްލުމަކީ މި ޢިލްމުވެރިންގެ އަރިހުގައި މަކުރޫހަ ކަމެކެވެ. ސަޢޫދީ ޢަރަބިއްޔާ އާއި މިޞްރާއި އުރްދުން ފަދަ ޤައުމުތަކުގެ ފަތުވާ ކޮމިޓީތަކާއި، ފަހުގެ ބޮޑެތި ޢިލްމުވެރިންގެ ތެރެއިން އިބްނު ބާޒް އާއި އިބްނު ޢުޘައިމީން ފަދަ ޢިލްމުވެރިން ވެސް ބުރަވެވަޑައިގަންނަވަނީ މި ރައުޔަށެވެ. ހަތަރު މަޛްހަބުގެ ތެރެއިން ޙަނަފީ މަޛްހަބުގެ ރައުޔުގައި އަދި އިބްނު ތައިމިއްޔާ އާއި އަލްއަލްބާނީ ފަދަ ފަހުގެ ބައެއް ޢިލްމުވެރިންގެ ރައުޔުގައި ކުޅަދާނަކަން ލިބިގެންވާ މީހާ އުޟްޙިޔާ ކަތިލުމަކީ ވާޖިބެކެވެ.
2- އުޟްޙިޔާ ކަތިލުމުގެ ވަޤުތު:
އުޟްޙިޔާ ކަތިލުމުގެ ވަޤުތަކީ އަޟްޙާ ޢީދު ދުވަހުގެ ޢީދު ނަމާދުގެ ކަންކަމުން އަވަދިވީއްސުރެ ފެށިގެން ޛުލްޙިއްޖާ މަހުގެ 13 ވަނަ ދުވަހުގެ އިރު އޮއްސުމާ ހަމަޔަށެވެ.
3- އުޟްޙިޔާ ކަތިލުމަށް ނިޔަތްގަތުން:
އުޟްޙިޔާ ކަތިލުމަކީ ގިނަގުނަ އަޖުރު ލިބެނިވި އަޅުކަމެއް ކަމުގައި ވާތީ ޛުލްޙިއްޖާ މަސް ފެށޭ އިރު އުޟްޙިޔާ ކަތިލުމަށް ނިޔަތް ގަތުން އެދެވިގެން ވެއެވެ. ސަބަބަކީ މި މާތް 10 ދުވަހުގެ ތެރޭ އެ ނިޔަތަށްޓަކައި ވެސް އެ މީހާޔަށް ގިނަގުނަ ޘަވާބު ލިބިގެންދާ ކަމަށްޓަކައެވެ.
4- އުޟްޙިޔާ ކަތިލުމަށް ނިޔަތްގަތުމުގެ ވަޤުތު:
ޛުލްޙިއްޖާ މަސް ފެށުނު އިރު ނިޔަތް ނުގަނެވުނު މީހަކު ކަމުގައި ވިޔަސް، ޛުލްޙިއްޖާ މަހުގެ 13 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން އުޟްޙިޔާ ކަތިލެވޭހާ ވަޤުތު އޮތްވާ ކޮންމެ އިރަކު ވެސް ނިޔަތް ގަނެވިދާނެއެވެ. ހެޔޮކަންކަމަށް ނިޔަތްގަނެ އަވަސްވެގަތުމަކީ އެދެވިގެންވާ ކަމަކަށްވެފައި، ދިމާވާ ޢުޛުރަކާ ހުރެ އެކަމެއް ނުވިޔަސް އެކަމެއްގެ ޘަވާބު ލިބުމަށް މެދުވެރިވާނެ ސަބަބެއް ކަމުގައި ވާތީ މަސް ފެށޭ އިރު ނިޔަތްގަތުމަށް އަވަސްވެގަތުން ބޮޑަށް އެދެވިގެންވެއެވެ. ޚާއްޞަކޮށް އަހަރުގެ އެންމެ މާތް ދުވަސްތައް ކަމުގައިވާ ޛުލްޙިއްޖާ މަހުގެ ފުރަތަމަ 10 ދުވަސްތެރޭ މި ހެޔޮކަން ޙާޞިލުކޮށްގަތުމުގެ އަޖުރު ގިނަގުނަ ވެފައި މަތިވެރިވެގެންވެއެވެ. މި 10 ދުވަހު ކުރެވޭ ކޮންމެ ހެޔޮ ކަމަކަށް، ޖާނާއި މާލުން ޤުރުބާންވެ ޝަހީދުވި މީހާ ފިޔަވައި، ﷲ ގެ މަގުގައި ޖިހާދުކުރަން ދާ މީހާޔަށް ވުރެ ވެސް ގިނަގުނަ އަޖުރު ދެއްވާނެ ކަމުގައި ޙަދީޘްފުޅުގައި އަންގަވައިފައި ވެއެވެ. އައްޝަޘްރީ ފަދަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މަސް ފެށުނީއްސުރެ ނިޔަތްގަނެފައިވާ މީހާޔަށް، އެ މީހާގެ ނިޔަތަށްޓަކައި މާ ގިނައިން އަޖުރު ލިބޭނެއެވެ. އަދި މި މަގުން އެ މީހެއްގެ ނިޔަތަށް ގިނަ ދުވަސްވީ ވަރަކަށް އެ މީހަކަށް ލިބޭ އަޖުރު ބޮޑުވާނެއެވެ.
5- ނިޔަތް ގަނެފި މީހާޔަށް ނަހީވެގެންވާ ކަންކަން:
ޛުލްޙިއްޖާ މަސް ފެށުނު އިރު އުޟްޙިޔާގެ އަޅުކަން އަދާކުރަން ނިޔަތް ގަނެފި މީހާޔަށް، އުޟްޙިޔާ ކަތިލުމާ ހަމަޔަށް ގައިގެ އެއްވެސް ތަނަކުން (ޟަރޫރަތަކަށްޓަކައި މެނުވީ) އިސްތައްޓެއް ނުވަތަ ހަންކޮޅެއް ކަމުގައި ވިޔަސް ވަކި ނުކުރުމާއި، ނިޔަފަތި ނުކެނޑުން ޝަރުޢުވެގެން ވެއެވެ. މިއީ ގިނަ ޢިލްމުވެރިންގެ ރައުޔުގައި ގަދަވެގެންވާ ސުންނަތްތަކެވެ. އުޟްޙިޔާ ކަތިލުމުގެ ކުރިން މިއިން ކަމެއް ޤަޞްދުގައި ކުރުން މަކުރޫހަވެގެން ވެއެވެ. ބައެއް ޢިލްމުވެރިންގެ ގާތުގައި ޙަރާމްވެގެން ވެއެވެ. ނަމަވެސް، ޙަށިގަނޑަށް ލިބޭ ގެއްލުމަކުން ސަލާމަތްވުމުގެ ގޮތުން ޟަރޫރަތަކާ ލައިގެން މިއިން ކަމެއް ކުރުން ހުރިހާ ޢިލްމުވެރިންގެ ގާތުގައި ވެސް ހުއްދަވެގެން ވެއެވެ. މިކަންކަން މަނާކުރައްވައިފައި ވުމުގެ ފަހަތުގައިވާ ޙިކުމަތަކީ، އުޟްޙިޔާގެ މަތިވެރި ސުންނަތާ ކުރިމަތިލާ ހިސާބުން ފެށިގެން އެ މީހެއްގެ މުޅި ހަށިގަނޑުގެ ހުރިހާ ބައިތަކެއް މި 10 ދުވަހުގެ ރަޙުމަތާއި ފުއްސެވުމާއި ރުއްސެވުމަށް ހުށަހެޅުމާ އެކުގައި، މުޅި ހަށިގަނޑުގެ ހުރިހާ ބައިތަކެއް ނަރަކައިން މުއްތިކުރެއްވުމަށް މަގުފަހިކުރުން ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. ނަންގަނެވުނު ކަންކަން ފިޔަވައި، ޙައްޖުވެރިންނަށް މަނާވެގެންވާ އެއްވެސް ކަމެއް އުޟްޙިޔާ ކަތިލާ މީހާޔަށް މަނާވެގެން ނުވެއެވެ.
6- ނަހީކުރައްވައިފައިވާ ކަމެއް ކޮށްފި މީހާގެ ޙުކުމް:
އުޟްޙިޔާ ކަތިލުމަށް ނިޔަތްގެންފި މީހާޔަށް ނަހީކުރައްވައިފައިވާ ކަމެއް ޤަޞްދުގައި ކުރި ކަމުގައި ވިޔަސް އެއީ އުޟްޙިޔާ ޞައްޙަވުމާ ގުޅިފައިވާ ކަމެއް ނޫނެވެ. ހުރިހާ ޢިލްމުވެރިންގެ ގާތުގައި ވެސް އެ މީހެއްގެ އުޟްޙިޔާ ޞައްޙަ ވާނެއެވެ. ނަމަވެސް މީގެ ކަމެއް ޤަޞްދުގައި ކޮށްފި ކަމުގައި ވާނަމަ، އޭނާޔަށް އޮތީ އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމެވެ. މަނާކުރެވުނު ކަންކަމަކީ މަކުރޫހަ ކަންކަމޭ ވިދާޅުވާ ޢިލްމުވެރިންގެ ގާތުގައި މި ޒާތުގެ ނޭދެވޭ މަކުރޫހަ ކަންކަމުން ދުރުހެލިވުމަށާއި ސުންނަތުގައި ހިފެހެއްޓުމުގެ ތައުފީޤު ދެއްވުން އަދައިގެންނެވެ. މަނާކުރެވުނު ކަންކަމަކީ ޙަރާމް ކަންކަމޭ ވިދާޅުވާ ޢިލްމުވެރިންގެ ގާތުގައި ކުރެވުނު ފާފަ ފުއްސަވައިދެއްވުން އެދި އިސްތިޣްފާރު ކުރުމާއެކުގައި، އެފަދަ ފާފަތަކުން ދުރުހެލިވުން އަދައިގެންނެވެ. ނަހީކުރައްވައިފައިވާ ކަމެއް ޤަޞްދަކާ ނުލައި ކުރެވުމަކީ އެއީ ހުރިހާ ޢިލްމުވެރިންގެ އިއްތިފާޤުން އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ.
7- ޛުލްޙިއްޖާ މަސް ފެށުނު ފަހުން މަނާވެގެންވާ ޒާތުގެ ކަމެއް ކޮށްފައިވާ މީހާ، އުޟްޙިޔާ ކަތިލުމަށް ނިޔަތްގަތުމުގެ ޙުކުމް:
ޛުލްޙިއްޖާ މަސް ފެށުނު އިރު އުޟްޙިޔާ ކަތިލުމުގެ ނިޔަތެއް ނެތް މީހާ ފާއިތުވި ދުވަސްތަކުގައި އުޟްޙިޔާ ކަތިލަން ނިޔަތްގަންނަ މީހާޔަށް މަނާވެގެންވާ ކަންކަން ކުރިޔަސް، އޭނާޔަށް ކުރިއަށް އޮތްތާ ކަތިލަން ނިޔަތް ގަނެވިދާނެއެވެ. އޭނާއަށްޓަކައި މަނާވެގެންވާ ކަންކަން ފެށޭނީ އޭނާ ނިޔަތްގަތް ހިސާބުންނެވެ.
8- އެންމެ ހެޔޮ އުޟްޙިޔާ:
ޝާފިޢީންނާއި ޙަންބަލީންގެ ގާތުގައި އުޟްޙިޔާ ކަތިލުމުގައި އެންމެ ހެޔޮކަން ބޮޑީ ޖަމަލެވެ. ދެން ގެރިއެވެ. ދެން ކަންބަޅިއެވެ. ދެން ބަކަރިއެވެ. ދެން ޖަމަލެއްގެ 7 ބައިކުޅަ 1 ބައިގައި ބައިވެރިވުމެވެ. ދެން ގެރިއެއްގެ 7 ބައިކުޅަ 1 ބައިގައި ބައިވެރިވުމެވެ. ހުކުރު ދުވަހުގެ އެކި ސާޢަތުތަކުގައި ހުކުރަށް ދިއުމުން ލިބޭ ޤުރުބާނީގެ ޘަވާބު ބަޔާންކުރައްވައިފައިވާ ޙަދީޘްފުޅުގެ އަލީގައި އިބްނު ޢުޘައިމީނާއި ފަހުގެ ގިނަ މުޙައްޤިޤުން މި ރައުޔު ރާޖިޙުކުރައްވައެވެ. ޙަނަފީންގެ ގާތުގައި ޖަމަލެއް ނުވަތަ ގެރިއެއްގެ 7 ބައިކުޅަ އެއް ބައިގައި ކަންބަޅި ބަކަރިއަކަށް ވުރެ މަސް ގިނަވެއްޖެ ކަމުގައި ވާނަމަ، އެ 7 ބައިކުޅަ އެއްބައިގެ ހެޔޮކަން ބޮޑު ވެގެން ވެއެވެ. މާލިކީންގެ ރައުޔުގައި އެންމެ ހެޔޮކަން ބޮޑީ ކަންބަޅި ބަކަރިއެވެ. ދެން ގެރި އާއި ޖަމަލެވެ. އިބްނު ބާޒް މި ރައުޔަށް ބުރަވެ ވަޑައިގަންނަވައެވެ. އަދި 4 މަޛްހަބުގެ ޢިލްމުވެރިންނާއި، އިބްނު ބާޒާއި އިބްނު ޢުޘައިމީނާއި އަލްއަޘްޔޫބީ ފަދަ މުޙައްޤިޤުން ވެސް ބަޔާންކުރައްވައިފައި ވާ ގޮތުގައި އުޟްޙިޔާގެ ގޮތުގައި އިޚްތިޔާރު ކުރެވޭ ޖަނަވާރު ގިނައިން މަސްޖަހައި ބޮޑުވެފައި ރީތިވި ވަރަކަށް އުޟްޙިޔާގެ ގޮތުގައި ކަތިލުން ބޮޑަށް އެދެވިގެން ވުމުގެ އިތުރުން، ކުލަތަކުގެ ތެރެއިން ހުދުކުލަ ބޮޑަށް އިސްވެގެންވެއެވެ. އަދި ދަޅުފަޅައިފައި ވާނަމަ ވެސް ބޮޑަށް ރަނގަޅެވެ. ޚާއްޞަކޮށް ކަންބަޅި ކަތިލާ ނަމަ މި ސިފަތަކަށް ބެލުން މޮޅު އިތުރެވެ.
ސަބަބަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަތިލުއްވެވީ ވެސް ހުދުކުލައިގެ ދަޅުފަޅައިފައިވާ ދެ ކަންބަޅިކަން އެނގެން އޮންނާތީއެވެ. ލިބެން ހުރެއްޖެ ކަމުގައި ވާނަމަ މި ސިފަތަކަށް ބެލުން ބޮޑަށް އެދެވިގެން ވިޔަސް، އެއްވެސް ކުލައެއް މަކުރޫހަ ވެގެނެއް ނުވެއެވެ. އަދި ދަޅު ނުފަޅާ ބާވަތަކަށް ވިޔަސް 4 މަޛްހަބުގައި ވެސް ހުއްދަވެގެން ވެއެވެ.
9- އުޟްޙިޔާގައި ގިނަ މީހުން ބައިވެރިކުރުމުގެ ހަމަ:
ކަންބަޅިއެއް ނުވަތަ ބަކަރިއެއް ކަތިލުމުގައި އެކަކަށް ވުރެ ގިނަ މީހުން ހަމަހަމައަށް ހިއްސާވާ ކަތިލުމެއްގެ ގޮތުގައި ބައިވެރިވުމާއި، ޖަމަލާއި ގެރި 7 ބަޔަށް ވުރެ ގިނަ ބަޔަށް ބަހައިގެން ބައިވެރިވުން ހުއްދަވެގެން ނުވެއެވެ. ނަމަވެސް އުޟްޙިޔާ ކަތިލާ މީހާޔަށް އޭނާ އެ ކަތިލާ ކަތިލުމުގެ އަޖުރުގައި އޭނާގެ ޢާއިލާ ޝާމިލުކުރެވިދާނެއެވެ. މިއީ އެއް ގެއެއްގެ އަހުލުވެރިންގެ ނިސްބަތުން އެ ގެއެއްގެ ކޮންމެވެސް އެކަކު، އުޟްޙިޔާގެ އަޖުރުގައި އެންމެން ބައިވެރިކޮށްގެން ކަތިލީމާ އެންމެންގެ މަތިން ސުންނަތް އަދާވާ ފަދަ “ކިފާޔަތުގެ ސުންނަތެއް” ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. މިކަމުގައި ނިޔަތް ގަންނާނީ އެމީހެއްގެ އުޟްޙިޔާގެ އަޖުރުގައި އެމީހެއްގެ އަހުލުންގެ އެންމެން ޝާމިލުކުރުމަށެވެ. މި ކަމުގެ ދަލީލަކީ މާތް ނަބިއްޔާ ﷺ ވެސް އެކަލޭގެފާނާއި އެކަލޭގެފާނުގެ އަހުލުބައިތުންގެ މަތިން ކަތިލުއްވެވިކަން ޘާބިތުވާ ޙަދީޘްފުޅެވެ. ކަންބަޅިއެއް ނުވަތަ ބަކަރިއެއް ނުވަތަ ޖަމަލެއް/ ގެރިއެއްގެ 7 ބައިކުޅަ އެއްބައިގައި ބައިވެރިވެގެން އުޟްޙިޔާ ކަތިލާ މީހާޔަށް ވެސް އޭނާގެ އަހުލުން ޘަވާބުގައި ޝާމިލުކުރެވިދާނެއެވެ.
*10- އުޟްޙިޔާގެ ޘަވާބުގައި ގިނަ މީހުން ބައިވެރިކުރުމުގެ ހަމަ:*
ބައެއް ޢިލްމުވެރިންގެ ރައުޔުގައި ދިރިތިބީންނާއި މަރުވެފައިވާ މީހުންގެ ތެރެއިން ވެސް އެ މީހެއްގެ އަހުލުންގެ އެންމެން އުޟްޙިޔާގެ ޘަވާބުގައި ޝާމިލުކުރެވިދާނެއެވެ. އަނެއް ބައި ޢިލްމުވެރިންގެ ގާތުގައި ޝާމިލުކުރެވޭނީ އެއް ގެއެއްގައި ދިރިއުޅޭ މީހުން އެކަންޏެވެ.
އަދި އެ ގޮތަށް އެއް ގެއެއްގައި ދިރިއުޅެމުން ވެސް ޚަރަދުތައް ވަކިވާ ގޮތަށް ދިރިއުޅޭ މީހުނަށް ޝާމިލުކުރެވޭނީ ހަމައެކަނި އެ ބަޔަކު ޚަރަދުކުރުން ވާޖިބުވެގެންވާ މީހުން ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވާ އިރު، އަނެއް ބައި ޢިލްމުވެރިންގެ ގާތުގައި ޚަރަދުކުރުން ވާޖިބު ނުވިޔަސް އެ ގެއެއްގެ އަހުލުވެރިންގެ ތެރެއިން ފައިސާގެ ތަނަވަސްކަން ހުރެފައި އެންމެނަށް ޚައިރާތުކުރަން ބޭނުންވާ ކޮންމެ މީހަކަށް ވެސް އެންމެން އަޖުރުގައި ޝާމިލުކޮށްފައި އެންމެންގެ މަތިން އަދާކުރެވޭ ގޮތަށް އުޟްޙިޔާ ކަތިލެވިދާނެއެވެ. އެހެންކަމުން ކޮންމެ ގެއަކަށް ވަކިން އުޟްޙިޔާ ކަތިލުން އެދެވިގެން ވެއެވެ. އަދި އެއް ގެއެއްގައި ދިރިއުޅުނު ކަމުގައި ވިޔަސް ތަސައްރަފުފުދޭ އަދި ޚަރަދުބަރަދު ބެލެހެއްޓޭ ވަރުގެ ތަނަވަސްކަން ލިބިފައިވާ ކޮންމެ މީހަކު އެ މީހެއްގެ މުޅި ޢާއިލާ އަޖުރުގައި ޝާމިލުކޮށްގެން ވަކިން އުޟްޙިޔާ ކަތިލުން އެދެވިގެން ވެއެވެ. އެއް ޢާއިލާއެއްގެ ތެރޭ ތަނަވަސްކަން ލިބިގެންވާ ގިނަ ބަޔަކު ވަކިވަކިން އުޟްޙިޔާ ކަތިލުމަކީ، އެއިން ކޮންމެ ފަރުދަކަށް އުޟްޙިޔާ ކަތިލުމާ ގުޅޭ ގޮތުން އައިސްފައިވާ ގިނަގުނަ އަޖުރު ލިބުމުގެ އިތުރުން، މުޅި ޢާއިލާ އަޖުރުގައި ޝާމިލުކޮށްފި ކަމުގައި ވާނަމަ މުޅި ޢާއިލާޔަށް ވެސް އިތުރު ހެޔޮކަމާއި ބަރަކާތް ފަހިވެގެން ދިއުމަށްޓަކައި ހުޅުވިގެންދާ ދޮރެކެވެ. ބައެއް ޢިލްމުވެރިންގެ ރައުޔުގައި އުޟްޙިޔާގެ އަޖުރުގައި ޝާމިލުކުރުމުން ސުންނަތް އަދާކުރެވުނު ކަމުގެ އަޖުރު ލިބުނަސް އުޟްޙިޔާޔާ ގުޅިފައިވާ ތަފްޞީލީ އަޖުރުތައް ލިބޭނީ ކުޅަދާނަކަން ލިބިގެންވާ ކޮންމެ ބަޔަކު ވެސް ވަކިވަކިން އުޟްޙިޔާ ކަތިލައިގެންނެވެ. ސަބަބަކީ ކުޅަދާނަކަން ލިބިގެންވާ އެންމެނާ ވެސް މުޚާޠަބުކުރެވިގެންވާ އަޅުކަމަކަށް ވާތީއެވެ. ކަށުނަމާދު ފަދަ ކިފާޔަތުގެ ފަރުޟުތަކުގައި ވެސް އެއް ބަޔަކު އަދާކުރުމުން އެންމެންގެ މަތިން ފަރުޟު ކެނޑިގެން ދިޔަޔަސް، އެ ނަމާދާ ގުޅިފައިވާ ޤީރާތެއްގެ ޘަވާބު ހަމައެކަނި އެ ނަމާދުކުރާ މީހާޔަށް ލިބޭ އުޞޫލުންނެވެ.
*11- ޚައިރާތުގެ ގޮތުން އެންމެންގެ މަތިން އުޟްޙިޔާ ކަތިލުމާއި، އުޟްޙިޔާ ކަތިލުމަށް އެހީތެރިވެ ޞަދަޤާތްކުރުމުގެ ހަމަ:
އިސްވެ ދެންނެވުނު ފަދައިން ގެއެއްގެ އަހުލުވެރިންގެ މައްޗަށް ޚަރަދު ކުރުން ވާޖިބު ނުވާ މީހަކު ކަމުގައި ވިޔަސް، ޚައިރާތުގެ ގޮތުން ޚަރަދުކޮށްގެން އޭނާ ދިރިއުޅޭ ގޭގެ އެންމެންގެ މަތިން އުޟްޙިޔާ ކަތިލުން ހުއްދަ ވާނެކަމަށް ދެކެވަޑައިގަންނަވާ ޢިލްމުވެރިންގެ އަރިހުގައި، އެ ގެއެއްގައި ތިބި އޭނާ ޚަރަދުކުރުން ވާޖިބު ނުވާ މީހުންގެ އިޒުނަޔާ އެކު އެ ބަޔަކާއި އެ ބަޔަކު ޚަރަދުކުރުން ވާޖިބުވާ އެންމެންގެ މަތިން، އެ އެންމެން އަޖުރުގައި ޝާމިލުކޮށްގެން އުޟްޙިޔާ ކަތިލުން ހުއްދަ ވެގެން ވެއެވެ. ތަނަވަސްކަން ލިބިގެންވާ މީހުން ކުޅަދާނަކަން ލިބިގެން ނުވާ މީހުންނަށް ޞަދަޤާތްކޮށްގެން އުޟްޙިޔާ ކަތިލެވޭ ވަރު ކޮށްދިނުމަކީ އެ ޞަދަޤާތްކުރި ބަޔަކަށް ގިނަގުނަ އަޖުރު ލިބެނިވި ކަމެކެވެ. ނަމަވެސް މި އުޞޫލުން އެހެން ބައެއްގެ މަތިން ކަތިލައިދޭ ނަމަ އެ ބައެއްގެ އިޒުނަ ހޯދަން ވާނެއެވެ.
*12- މަރުވެފައިވާ މީހުންގެ މަތިން އުޟްޙިޔާ ކަތިލުމުގެ ޙުކުމް:
މަރުވެފައިވާ މައްޔިތާގެ މަތިން އުޟްޙިޔާ ކަތިލުން ޙަނަފީންނާއި ޙަންބަލީން އަދި ބައެއް ޝާފިޢީ ޢިލްމުވެރިންނާއި މަޝްހޫރު މުޙައްޤިޤުންގެ ތެރެއިން އިބްނު ބާޒް ފަދަ ޢިލްމުވެރިން ހުއްދަ ކުރެއްވިޔަސް، އަނެއް ބައި ޢިލްމުވެރިން މަނާކުރައްވައެވެ. މާލިކީންގެ ގާތުގައި މިއީ މަކުރޫހަ ކަމެކެވެ. ޝާފިޢީ މަޛްހަބުގެ މަޝްހޫރު ރައުޔުގައި އަދި އަލްއަލްބާނީ ވެސް ބުރަވެވަޑައިގަންނަވާ ގޮތުގައި ވަކި އުޟްޙިޔާއެއް މައްޔިތާއަށްޓަކައި ކަތިލުން ޝަރުޢުވެގެން ވަނީ ހަމައެކަނި މައްޔިތާގެ ޙަޔާތުގައި އޭނާ ވަޞިއްޔަތްކޮށްފައި ވާނަމަ ނުވަތަ އެކަމަށް ޚާއްޞަ ވަޤުފެއް ހަމަޖައްސައިފައި ވާނަމައެވެ. ނަމަވެސް މަރުވެފައިވާ އެ މީހެއްގެ އަހުލުންގެ ބަޔަކު އެމީހެއްގެ އުޟްޙިޔާގެ އަޖުރުގައި ޝާމިލުކުރުން ޝާފިޢީންގެ ގާތުގައި ވެސް މުޠުލަޤުކޮށް ހުއްދައެވެ. މަޝްހޫރު މުޙައްޤިޤުންގެ ތެރެއިން އިބްނު ޢުޘައިމީން ފަދަ ބައެއް ޢިލްމުވެރިން ބުރަވެ ވަޑައިގަންނަވަނީ މަރުވެފައިވާ މައްޔިތާގެ މަތިން އުޟްޙިޔާ ކަތިލުމަކީ އޭނާގެ ވަޞިއްޔަތަކާ ލައިގެން ޝަރުޢުވެގެންވާ ކަމެއް ކަމުގައި ވިޔަސް، އެ ނޫން ޙާލަތުގައި އެދެވިގެންވާ ސުންނަތެއް ނޫން ކަމަށެވެ. ކޮންމެއަކަސް މަރުވެފައިވާ މީހުން އެ މީހަކު ކަތިލާ އުޟްޙިޔާގެ އަޖުރުގައި ޝާމިލުކުރުން އިބްނު ޢުޘައިމީން ވެސް ހިމެނޭހެން ޢާއްމު ގޮތެއްގައި ގިނަ ޢިލްމުވެރިން ހުއްދަ ކުރައްވައެވެ. ޚިލާފު އުފެދިފައި ވަނީ މަރުވެފައިވާ މީހަކަށްޓަކައި ވަކި ކަތިލުމެއްގެ ގޮތުގައި އުޟްޙިޔާ ކަތިލުމާ މެދުގައެވެ.
*13- ބޭރު ޤައުމެއްގައި އެހެން ބަޔަކު ލައްވާ އުޟްޙިޔާ ކަތިލުވުމާއި އެއާ ގުޅޭ ދެތިން ނުކުތާއެއް:*
ބޮޑަށް އެދެވިގެންވަނީ އެ މީހެއްގެ ޤައުމުގައި އެ މީހަކު ހުރި ތަނެއްގައި އުޟްޙިޔާ ކަތިލުން ކަމުގައި ވިޔަސް، އެހެން ޤައުމެއްގައި އުޟްޙިޔާ ކަތިލުމަކީ ހުއްދަ ކަމެއް ކަމަށް ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިންނާއި އިބްނު ބާޒް ފަދަ ފަހުގެ އެކިއެކި ޢިލްމުވެރިން ވެސް ވިދާޅުވެއެވެ. ޚާއްޞަކޮށް ކަމުގެ ޙާޖަތްތެރިކަން މާ ބޮޑަށް ޖެހިފައިވާ ފަޤީރު ޤައުމެއްގެ ބަޔަކަށް ޞަދަޤާތްކުރުމުގެ ގޮތުން ކަމުގައި ވާނަމަ އިބްނު ޖިބްރީން ފަދަ ފަހުގެ ވަރަށް ގިނަ ޢިލްމުވެރިން މިކަން ހުއްދަކުރައްވައެވެ. މި ގޮތަށް އުޟްޙިޔާ ކަތިލާ އިރު ވަކީލެއްގެ ގޮތުގައި އުޟްޙިޔާ ކަތިލައިދޭ ފަރާތުން ފައިސާ ދެއްކި ފަރާތުގެ މަތިން ކަތިލާ ކަތިލުމެއްގެ ގޮތުގައި އައްޔަންކޮށްގެން ކަތިލުމުން ފުދޭނެއެވެ. އޭނާޔަކަށް ފައިސާ ދެއްކި ފަރާތް ނިޔަތް ގަންނަނީ އުޟްޙިޔާއަކަށްތޯ ނުވަތަ ޢަޤީޤާއަކަށްތޯ، އަދި އުޟްޙިޔާ ކަތިލާ މީހާ އޭގެ ޘަވާބުގައި ބަޔަކު ޝާމިލުކުރޭތޯ ނުވަތަ ނޫންތޯ އާއި ބަޔަކު ޝާމިލުކުރާ ނަމަ އެއީ ކޮން ބައެއްތޯ ވެސް އެނގޭކަށް ނުޖެހެއެވެ. އަދި ވަކީލެއްގެ ގޮތުގައި އުޟްޙިޔާ ކަތިލައިދޭ ފަރާތުން، އުޟްޙިޔާ ކަތިލުމަށް ނިޔަތް ގަންނަ މީހާ ދުރުހެލިވުމަށް އަންގަވައިފައިވާ ކަންކަމާ ދުރުހެލިވާކަށެއް ވެސް ނުޖެހޭނެއެވެ. އެކަންކަމާ ދުރުހެލިވުން ޝަރުޢުވެގެން ވަނީ ފައިސާ ދެއްކި މީހާއަށެވެ.
*14- އުޟްޙިޔާ ކަތިލުމާ ގުޅިފައިވާ މަތިވެރި އަޖުރު:*
އުޟްޙިޔާގެ ޚާއްޞަ އަޖުރުތަކަށް ބަލައިލާ އިރު މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވާ ގޮތުގައި، އުޟްޙިޔާ ކަތިލުމަށް ވުރެ ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ އެއްވެސް ޢަމަލެއް، އެއްވެސް މީހަކު އަޟްޙާ ޢީދު ދުވަހުގައެއް ނުކުރެއެވެ. އަދި އެ މީހަކު އުޟްޙިޔާގެ ގޮތުގައި އެ ޤުރުބާންކުރި ނައަމްސޫފިތަކެއް އެ ނަޢަމްސޫފިތަކުގެ ދަޅުތަކާއި، ކެހެރިތަކާއި، މޮށްގަނޑުތަކާއި (ހަށިގަނޑުގެ ހުރިހާ ބައިތަކެއް) ހަމަޔަށް ލިބިގެންވާ ޙާލުގައި (އެ ނަޢަމްސޫތްޕެއް ކަތިލި މީހާޔަށްޓަކައި އޭތީގެ ކޮންމެ ގުނަވަނަކަށް ގިނަގުނަ އަޖުރު ލިބެނިވި ޙާލުގައި އަދި އެ މީހަކަށްޓަކައި ޞިރާޠު މަގު ހުރަސްކުރުމުގައި ވެސް އެހީތެރިވެދޭނެ ސަވާރީއެއްގެ ގޮތުގައި ޙަރަކާތްތެރިވުމަށް) އަލުން ދިރުއްވޭނެއެވެ. ބުރެކެޓުގައި އެވަނީ މި ޙަދީޘުގެ ޝަރަޙައިގައި ޒައިނުލް ޢަރަބާ ޙަވާލާ ދެއްވައި މުއްލާ ޢަލިއްޔުލް ޤާރީ ވިދާޅުވިކަމަށް އަލްމުބާރަކްޕޫރީ ތުޙްފަތުލް އަޙްވަޛީގައި ނަޤުލުކުރައްވައިފައި ވާ ޝަރަޙައިގެ ޢިބާރާތްތަކެވެ. މި ޙަދީޘް ފިޔަވައި އުޟްޙިޔާގެ ޚާއްޞަ މާތް ކަންކަމާ ބެހޭ ގޮތުން ޞައްޙަ ޙަދީޘެއް ވާރިދުވެފައި ނުވާކަމަށް ވަރަށް ގިނަ ޢިލްމުވެރިން ވިދާޅުވެއެވެ. މި ޙަދީޘް ވެސް ބައެއް ޢިލްމުވެރިން ޟަޢީފް ކުރައްވައެވެ. މި ޙަދީޘް ދަށްވެގެން ޙަސަން ދަރަޖަޔަށް ދާ ކަމަށް މި ޙަދީޘް ރިވާކުރެއްވި ތިރްމިޛީ އާއި ޝަރަޙަކުރެއްވި އަލްމުބާރަކްޕޫރީ ފަދަ ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އަދި އަލްޙާކިމް އާއި ފަހުގެ މަޝްހޫރު ޢިލްމުވެރިންގެ ތެރެއިން އަލްއަލްބާނީ މި ޙަދީޘް ޞައްޙަ ކަމުގައި ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން މި ބާބުގައި ވާރިދުވެފައިވާ ޟަޢީފް ޙަދީޘްތަކަށް ބަލައިލާ އިރު، އުޟްޙިޔާ ކަތިލާ އިރު ބިމުގައި ޖެހޭ ފުރަތަމަ ލޭ ތިއްކާ އެކު މުސްލިމެއްގެ އިސްވެދިޔަ ހުރިހާ ފާފައެއް ފުއްސެވޭނެކަމަށް އޮންނަ ރިވާޔަތަކާއި، ކަތިލެވުނު ނަޢަމްސޫފީގެ ހަށިގަނޑުގައިވާ ކެހެރީގެ ޢަދަދަށް އެ ކަތިލި މީހާޔަށް ޘަވާބު ދެއްވާނެ ކަމަށް އޮންނަ ރިވާޔަތެއް ފާހަގަކޮށްލެވެއެވެ. މިއީ ދީނުގައި ޝަރުޢު ކުރައްވައިފައިވާ މަތިވެރި އަޅުކަމަކަށް ހިތްވަރު ލިބޭ ފަދަ ޙަދީޘްތަކެއް ކަމުގައި ވާތީ ޢިލްމުވެރިން މި ބާބުގައި މި ޙަދީޘްތައް ގެންނަވައެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅަމެން އެންމެނަށް އުޟްޙިޔާ ކަތިލުމުގެ މަތިވެރި އަޅުކަން އޭގެ ފުރިހަމަ ގޮތުގައި އަދާކުރުމުގެ ތައުފީޤު ދެއްވައި، އަޅަމެން އެންމެންގެ ފާފަތައް ފުއްސަވައި، ދެ ދުނިޔޭގެ ކާމިޔާބާއި ފަލާޙު މިންވަރުކުރައްވާށިއެވެ. އާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ