އިންޓަ ދޫކޮށް އިންޒާގީ އަލް ހިލާލް އަށް އިންޓަ ދޫކޮށް އިންޒާގީ އަލް ހިލާލް އަށް

ރިޔާދު، ސައުދީ އަރަބިއްޔާ (ޖޫން 4) - އިންޓަ މިލާންގެ ކޯޗުކަން ދޫކޮށްލުމަށް ފަހު، ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބް އަލް ހިލާލްއާ ހަވާލުވާން ސިމޯން އިންޒާގީ ނިންމައިފި އެވެ.
ކުރިން އޭސީ މިލާނަށް ކުޅުނު މަޝްހޫރު ފޯވާޑް ފިލީޕޯ އިންޒާގީގެ ކޮއްކޮ ސިމޯން އިންޒާގީ އިންޓައާ ހަވާލުވީ، 2021 ވަނަ އަހަރުގެ ޖޫން މަހު، ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.
ކުރިން ލާޒިއޯ އަށް ގިނަ އަހަރުތަކެއް ކޯޗުކޮށްދިން އިންޒާގީ ވަނީ، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، މި އަހަރުގެ ނިޔަލަށް އޮތް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއީ، 2023 ވަނަ އަަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން މެންޗެސްޓާ ސިޓީ އަތުން އިންޓަ ބަލިވިތާ ދެތިން މަސް ފަހުންނެވެ. އިންޒާގީގެ ކޯޗުކަމުގައި، މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން އިންޓަ ވަނީ ޕީއެސްޖީ އަތުން 5-0 އިން ބަލިވެފަ އެވެ. މިއީ، މިހާތަނަށް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލަށް ފަހު އިންޒާގީގެ މުސްތަގުބަލާ ގުޅޭގޮތުން ސުވާލުކުރުމުން ބުނީ، އެއީ އޭނާގެ ކުރިމަގާ ގުޅޭގޮތުން ސުވާލުތަކަށް ޖަވާބުދޭން އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށެވެ.
އެ ގޮތުން، އިންޓަ އަށް އެއް އިޓާލިއަން ލީގާއި ތިން އިޓާލިއަން ސުޕަ ކަޕާއި ދެ އިޓާލިއަން ކަޕް ހޯދައިދިން، އިންޒާގީ މިހާރު ވަނީ ބޮޑު މުސާރަ ލިބޭ ކޮންޓްރެކްޓެއްގައި، އަލް ހިލާލްއާ ގުޅެން ނިންމައިފަ އެވެ.
ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ އެ ޓީމުން ވަކިކޮށްފިނަމަ، ދެން ހަވާލުވާނެ ކަމަށް ބެެލެވޭ ކޯޗުންގެ ޝޯޓްލިސްޓުގައި، އިންޒާގީ ހިމެނެ އެވެ. އެކަމަކު، އިންޒާގީ މިހާރު ނިންމާފައިވަނީ، ފީފާ ކްލަބް ވޯލްޑް ކަޕްގައި ކޯޗުކޮށްދިނުމާ އެއްކޮށް، ހިލާލުން ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ