ގާޒާގެ ދެކުނުގައި ހުންނަ ކާބޯތަކެތި ފޯރުކޮށްދޭ ސެންޓަރެއްގެ ކައިރީގައި އިޒްރޭލުން ދިން ބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ 27 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމުވެފައިވާ ކަމަށް ގާޒާގެ ސިއްހީ މާހިރުން ވިދާޅުވެއްޖެ އެވެ.
މިއީ އެހީގެ އޮޕަރޭޝަނަށް ހުރަސް އެޅުމުގެ ގޮތުން ހަލަބޮލިކަމާއި ލޭއޮހޮރުވުމުގެ ހަރަކާތްތައް އިޒުރޭލުން ހިންގި ތިން ވަނަ ދުވަހެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ރަފާގައި އެހީގެ ތަކެތި ފޯރުކޮށްދޭ ސެންޓަރު ކައިރިން ބަޔަކު މީހުން ނުކުމެގެންދާ ތަން ފެނުމުން އަދި ނުރައްކަލެެއް ކަމަށް ދެކިގެން ސިފައިން އެ މީހުންގެ ގަޔަށް ބަޑި ޖަހާފައިވާ ކަމަށެވެ.
އެކަން ހިނގި ގޮތް އަދިވެސް ބަލަމުން އަންނަ ކަމަށް ވެސް އިޒްރޭލުން ބުންޏެވެ.
އެ 27 މީހުން މަރާލާފައި ވަނީ ގާޒާގެ އުތުރުގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި އެ އިޒްރޭލުގެ ސިފައިންގެ ތިން މީހަކު މަރުވި ކަމަށް އިޒުރޭލުން ރިޕޯޓްކުރިތާ ގަޑިއިރުތަކެއް ފަހުންނެވެ. ހަމާސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ދިގު މުއްދަތެެއް ވަންދެން ހިންގަމުންދާ އަނިޔާވެރި އަދި ވޭންދެނިވި ކެމްޕެއިނާ އެކު، އެ ސަރަހައްދުގެ ބޮޑު ބައެއް ވަނީ ސުންނާފަތިކޮށްފަ އެވެ.
ރެޑްކްރޮސްގެ އިންޓަނޭޝަނަލް ކޮމިޓީގެ ތަރުޖަމާނު ވިދާޅުވީ ރަފާހުގައި ހުންނަ އެ މީހުންގެ ފީލްޑް ހޮސްޕިޓަލުން 184 މީހަކު ޒަހަމުވެގެން ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރެއިން 19 މީހަކު މަރުވީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ކަމަށާއި އަދި އޭގެ ކުޑަ އިރުކޮޅެއް ފަހުން އިތުރު އަށް މީހަކު މަރުވި ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އެކަކު ހޮސްޕިޓަލަށް ގެންދިޔައީ ހިމާރެއްގެ މަތީގަ އެވެ.
ސިއްހީ އޮފިޝަލުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިއްޔެ އެ ސަރަހައްދަށް ދިން އެހެން އަސްކަރީ ހަމަލާއެއްގައި ފަލަސްތީނުގެ އިތުރު 18 މީހަކު ވަނީ މަރާލައިފަ އެވެ.
ޖެނީވާގައި ހުންނަ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން އިއްޔެ ބުނީ ގާޒާގައި އާންމުންނަށް ކާބޯތަކެތީގެ އެހީ ލިބުމަށް ހުރަސް އެޅުމަކީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ބެލެވިދާނެ ކަމެއް ކަމަށާއި ކާބޯތަކެތީގެ އެހީ ހޯދަން މަސައްކަތްކުރާ ފަރާތްތަކަށް ދޭ ހަމަލާތަކަކީ "ނާތަހުޒީބު" ހަމަލާތަކެއް ކަމަށެވެ.
އދ.ގެ އެޖެންސީގެ ލީޑަރު ވޮލްކާ ތުރުކް ވަނީ މަރާލާފައިވާ މީހުންގެ މައްސަލަ އަވަސް އަދި އިންސާފުވެރި ތަހުގީގެއް ހިންގުމަށް ގޮވާލައްވައިފަ އެވެ.
އިޒްރޭލު ސަރުކާރުގެ ތަރުޖަމާނު ޑޭވިޑް މެންސަރު ވަނީ އާންމުންނަށް އަމާޒުކޮށް ދިން ވާހަކަތައް ދޮގުކުރައްވައިފަ އެވެ.
ގާޒާއަށް އެހީދޭ ސަރަހައްދު ކައިރިން ފަލަސްތީނުގެ 27 މީހަކު މަރާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ