ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ޝަރީއަތް ނިމެންދެން ބަންދު ނުކުރަން ހައި ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ އަނަސް މަރާލާފައި ވަނީ ޖުލައި 31، 2017 ގައެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އަނަސްގެ މަރުގެ ދައުވާ 7 މީހެއްގެ މައްޗަށްކޮށްފައެވެ.
މި މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. ނަމަވެސް މެއި 16، 2024 ގައި ދަށު ކޯޓުގެ ނިންމުން އިސްތިއުނާފްކޮށް، އިސްތިއުނާފްގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދައުލަތުން ވަނީ އެދިފައެވެ.
ދައުލަތުން އެދުނު ގޮތާ ހިލާފަށް އިސްތިއުނާފްގެ ޝަރީއަތް ނިމެންދެން ހަތް މީހުން ބަންދު ނުކުރުމަށް ހައި ކޯޓުން ނިންމީ މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހުއެވެ. އެގޮތަށް ހައި ކޯޓުން ނިންމާފައި ވަނީ އިސްތިއުނާފް މަރުހަލާގައި މީހަކު ބަންދުކުރަން ޖެހޭ އެއްވެސް ހާލަތެއް އަދި ސަބަބެއް ދައުލަތަށް ދެއްކިފައިނުވާތީ ކަމަށް ބުނެއެވެ.
އެއަށް ފަހު މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަން ދައުލަތުން ހުށަހެޅީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. މި މައްސަލަ ސުޕްރީމް ކޯޓުން ބެލުމަށްފަހު، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ހުކުމް ކުރެއްވީ ހައި ކޯޓުން އެ މީހުން ބަންދު ނުކުރަން ނިންމި ނިންމުމުގައި ބެލި ކަންކަމަކީ ގާނޫނުގައި ބަލަން ބުނެފައިވާ ކަންކަމުގެ ބޭރުން އިތުރަށް ބަލާފައިވާ ކަންކަން ކަމަށެވެ.
ހައި ކޯޓުން މައްސަލަ ނިންމުމުގައި ބެލި ހާލަތްތަކަކީ އިސްތިއުނާފްގެ މައްސަލަ ކާމިޔާބުވުމުގެ އިހުތިމާލު ބޮޑު ހާލަތުގައި މުޖުތަމައުގެ ބޮޑު މަސްލަހަތެއް ގެއްލިދާނެ ކަމަށް ބެލެވޭ ހާލަތެއް އޮތުމާއި، އިސްތިއުނާފް ރައްދުވާ ފަރާތް ފިލައިގެން ގޮސްދާނެ ކަމަށް ބެލެވޭ ހާލަތެއް އޮތުމެވެ.
ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ތާއީދުކުރެއްވި، ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔުގައި ފާހަގަކުރައްވާފައި ވަނީ ކުށް ސާބިތު ނުވާ މައްސަލަތަކުގައި އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމުގައި ގޮތެއް ނިންމުމުގައި އަމަލު ކުރަންވީ ގޮތް ތަފުސީލުކޮށް ގާނޫނުގައި މިހާރު އޮންނަ ކަމަށެވެ.
ރައުޔު ތަފާތުވީ ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުޔުގައި ފާހަގަކުރައްވާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް ދެމިއޮތް ކަން ދައުލަތުން ސާބިތުކޮށް ދޭން ޖެހޭނެ ކަމަށާއި ދައުލަތުން ދަށު ކޯޓަށް ހުށަހެޅި ހެކިތަކެއް ފާހަގަކުރި ނަމަވެސް އެއިން ހާލަތެއް އެ ހެކިތަކުން ސާބިތުވާ ގޮތެއް ދައުލަތަށް ބުނު ނުދެވޭ ކަމަށެވެ. މޫނު ފޮރުވައިގެން ހިނގި ކުށަކަށްވާއިރު ކުށުގައި ބައިވެރިވި މީހުންގެ އައިޑެންޓިޓީ އަކީ ޝަރީއަތުން ގޮތް ކަނޑައެޅިފައި ނުވާ ވާގިއެއް ކަމަށާއި އެފަދަ ހާލަތުގައި ވެސް އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން ބަންދެއް ނުކުރެވޭނެ ކަމަށް ޝުޖޫންގެ ރައުގައި ވެއެވެ.
އަނަސްގެ މަރުގެ ތުހުމަތުވާ މީހުން ބަންދު ނުކުރަން ނިންމީ ގޯސްކޮށް: ސުޕްރީމް ކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ