ދުވަހެއް ފަހުން ގެއްލުނު ދޯނި ފެނިއްޖެ، އެންމެންގެ ހާލު ރަނގަޅު

ގދ. ގައްދޫއިން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރަނިކޮށް ގެއްލުނު މުދާ އުފުލާ ދޯނި މިއަދު ފަތިހު ފެނިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. ފުލުހުން ބުނީ، ހުޅުމާލެ އައުމަށް އެ ދޯނި ގައްދޫއިން ފުރީ، މިދިޔަ އާދިއްތަ ދުވަހުގެ ރޭ 08:00 ހާއިރު ކަމަށެވެ. ދޯނި ގެއްލުނުއިރު، އޭގައި ތިބީ ތިން ދިވެހީންނާއި ދެ ބިދޭސީންނެވެ. ދޯނި ގެއްލުނީ، ހުވަދޫ ކަނޑުން ނުކުތްތާ މާ ގިނައިރުތަކެއް ނުވަނީހެވެ. އެހެން ނަމަވެސް އޭގެ ފަހުން ދޯނީގެ ޚަބަރެއް ނުވެއެވެ. އެ މައްސަލަ ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކުރީ އިއްޔެ ހަވީރު 18:00ގައެވެ. އެއާއެކު، އެ ދޯނި ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެއާއެކު މިއަދު ހެނދުނު އެމްއެންޑީއެފުން ބުނީ، ޚަބަރެއް ނުވެގެން ހޯދުމުން ދިޔަ މުދާ އުފުލާ ދޯނި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން ހޯދައިފައިވާ ކަމަށެވެ. އެ ދޯނި ހޯދާފައި ވަނީ އެޕްރީލު 29 ވަނަ ދުވަހުގެ ފަތިހު 04:00 ހާއިރު، ގއ. ވިލިގިނލީގެ އިރުއުތުރުން 48 މޭލު ބޭރުގައި އޮއްވައެވެ. އެ ދޯނި ފެނުނު އިރު ދޯނީގެ އިންޖީނު ވަނީ ހުއްޓިފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ފެނުނުއިރު އޭގައި ތިބި މީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. ދޯނީގެ ވެރިފަރާތާ ގުޅިގެން މިހާރު އެ ދޯނި ކައިރި ރަށެއްގެ ބަނދަރަކަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ