ރައީސަށް އައިއައިޔޫއެމްގެ އޮނަރަރީ ޑޮކްޓަރޭޓްކަން އަރުއްވައިފި

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް, އޮނަރަރީ ޑޮކްޓަރޭޓްކަން މިއަދު އަރުއްވައިފިއެވެ. އެމަނިކުފާނު މެލޭޝިއާއަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޝަރަފު އަރުއްވާފައި ވަނީ، އައިއައިޔޫއެމްގެ ޕަހަންގް ކޮންސްޓިޓިއުޝަންގެ ހެޑް ޓުންކޫ އަޒީޒާ އައިމިނާ މައިމޫނާ އިސްކަންދަރިއްޔާއެވެ. ރައީސަށް އޮނަރަރީ ޑޮކްޓަރޭޓްކަން އަރުއްވާފައި ވަނީ، ޑޮކްޓާ އޮފް ފިލޯސޮފީ އިން އިސްލާމިކް ލީޑަޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓުގެ ދާއިރާއިންނެވެ. މި ރަސްމިއްޔާތުގައި އަޒީޒާ ވިދާޅުވީ، ގައުމު ހިންގުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ވިސްނުމާއި ލީޑަޝިޕާއި އިސްލާމީ އުސޫލުތަކާ އިންސާފުގެ މަގުން ރާއްޖެއަށް ކުރިއެރުން ހޯއްދަވައިދެއްވުން ފާހަގަކުރެވޭ ކަމަށެވެ. މި ރަސްމިއްޔާތުގައި ރައީސް ވެސް ވަނީ ތަގުރީރު ކުރައްވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ރައީސަށް މި ޝަރަފު އަރުވާފައި ވަނީ، އައިއައިޔޫއެމްއިން ތައުލީމު ހާސިލުކުރެއްވި ބައެއް ދިވެހި ދަރިވަރުން އެމަނިކުފާނަށް އެ ޝަރަފު ނާރުވަން އެދިވަޑައިގެންފައި ވަނިކޮށެވެ. https://sun.mv/205234 "ސަން" އަށް އެނގިފައިވާ ގޮތުގައި ރައީސަށް އެ ޔުނިވާސިޓީގެ އޮނަރަރީ ޑޮކްޓަރޭޓްކަން ނާރުވާން އެދި, އެ ތަނުން ދަސްވެނިވި 10 ދިވެހި ދަރިވަރުން ވަނީ ވަކި ވަކިން ޔުނިވާސިޓީއަށް ސިޓީ ފޮނުއްވައިފައެވެ. އޭގެ ތެރޭގައި ދާދިފަހުން ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ސަސްޕެންޑް ކުރުމުން އިސްތިއުފާ ދެއްވި, ހުސްނުއްސުއޫދާއި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވެސް ހިމެނިވަޑައިގަންނަވައެވެ. ރައީސް މުއިއްޒަށް އެ ޝަރަފް ނާރުވާން ކުރީގެ ދަރިވަރުން އެދުނު ސަބަބުތަކުގެ ތެރޭގައި, ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް, ކުއްލި ގޮތަކަށް އެ ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ