އައިޕީއެލް: ރާހުލްގެ މޮޅު ކުޅުމާ އެކު ދިއްލީން ލަކްނައު ބަލިކޮށްފި އައިޕީއެލް: ރާހުލްގެ މޮޅު ކުޅުމާ އެކު ދިއްލީން ލަކްނައު ބަލިކޮށްފި

ލަކްނައު، އިންޑިއާ (އޭޕްރީލް 23) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ރޭ ކޭއެލް ރާހުލްގެ މޮޅު ކުޅުމާ އެކު، ދިއްލީ ކެޕިޓަލްސް އިން އަށް ވިކެޓުން ލަކްނައު ސުޕަ ޖަޔަންޓްސް އަތުން މޮޅުވެއްޖެ އެވެ.
މި ނަތީޖާއާ އެކު، ދިއްލީން ވަނީ ލީގުގެ އެއް ވަނައިގައި އޮތް ގުޖުރާތު ޓައިޓަންސްއާ ޕޮއިންޓުން އެއްވަރުކޮށްފަ އެވެ. ދެ ޓީމަށް ވެސް އަށް މެޗުން 12 ޕޮއިންޓް ލިބިފަައިވާއިރު، ނެޓް ރަން ރޭޓަށް ބަލާއިރު ކުރި ލިބެނީ، ގުޖުރާތު އަށެވެ.
ލަކްނައުގެ އެކާނާ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، ޓޮސް ދިމާވުމުން ދިއްލީން ނިންމީ ހޮވާށެވެ. ލަކްނައު އިން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި، ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 159 ލަނޑެވެ. އެންމެ ރަނގަޅު ސްކޯއެއް ހަދައިދިނީ، 33 ބޯޅައިން 52 ލަނޑު ހެދި އެއިޑެން މާކްރަމް އެެވެ. މި އިނިންސްގައި، ދިއްލީގެ މުކޭޝް ކުމާރު ވަނީ ހަތަރު ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި، ދިއްލީން މެޗު ކާމިޔާބުކުރީ، 17.5 އޯވަރުގެ ތެރޭގައި، ދެ ކުޅުންތެރިން ނުބައިވެގެން 162 ލަނޑު ހަދައިގެންނެވެ. އޯޕަނިން ބެޓްސްމަނުންގެ ގޮތުގައި އަރައި، އެންމެ ރަނގަޅު ކުޅުމެއް ދިއްލީން ދެއްކީ، އަބިޝޭކް ޕޮރެލް އެވެ. އޭނާ ނުބައިވީ 36 ބޯޅައިން 51 ލަނޑު ހަދާފައި ވަނިކޮށެވެ. ދިއްލީ މޮޅުވީ ތިން ވަނަ ބެޓްސްމަނެއްގެ ގޮތުގައި ކުޅެން އަރައި، ނުބައިނުވެ، މި އިނިންސް ނިންމާލި ރާހުލް ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. މިދިޔަ ސީޒަނުގައި ލަކްނައު އަށް ކުޅުނު ރާހުލް ވަނީ 42 ބޯޅައިން 57 ލަނޑު ހަދައިފަ އެވެ.
އައިޕީއެލްގައި މިރޭ ކުޅޭ މެޗުގައި، ސަންރައިޒާސް ހައިދަރުއާބާދުން ކުޅޭނީ މުމްބައި އިންޑިއަންސްއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ