އިންޑިއާގެ އެންމެ ކުޅަދާނަ މިއުޒީޝަން މިއުޅެނީ ރޭގަނޑު ނުނިދާ

އިންޑިއާގެ ކުޅަދާނަ މިއުޒީޝަން އަދި ލަވަކިޔުންތެރިޔާ އޭއާރް ރަހްމާން ރޭގަނޑު ދަންވަރު އުޅެނީ ހޭލާ ކަމަށާއި ނިދަނީ ދުވާލުގެ ވަގުތުތަކުގައި ކަމަށް ބުނެފިއެވެ. ބޮލީވުޑްގެ އިތުރުން ސައުތު ސިނަމާގެ ފިލްމުތަކަށާއި އިންޑިއާގެ ބޮޑެތި ކުންފުނިތަކަށް މިއުޒިކް ތައްޔާރުކޮށްދީފައިވާ އޭއާރް ރަހްމާން ބުނެފައިވާ ގޮތުގައި އޭނާއަށް މިއުޒިކް އުފައްދަން ފަސޭހައީ ރޭގަނޑުގެ ވަގުތުތަކުގައެވެ. ރޭގަނޑު އެންމެން ނިދާފައި ތިބޭ ވަގުތު ހަމަހިމޭންކަމުގެ މާހައުލެއްގައި މިއުޒިކްގެ މަސައްކަތް ކުރަން ފަސޭހަ ކަމަށާއި ދުވާލުގެ ހަލަބޮލިކަމުން އޭނާއަށް ސަލާމަތްވެވޭނީ ވެސް އޭރަށް ކަމަށް ވަނީ ބުނެފައެވެ. ދުވާލުގެ ހަލަބޮލި ވަގުތު ހޭލާ އުޅުމަކީ އޭއާރް ރަހްމާން ވަރަށް ފޫހިވާ ކަމެއް ކަމަށާއި ދުވާލުގެ ވަގުތުތަކުގައި ދަތުރު ކުރުމަކީ ވެސް އެއްވެސް އިރަކު އޭއާރް ރަހްމާން ކުރާ ކަމެއް ނޫން ކަމަށް ވަނީ ބުނެފައެވެ. އޭއާރް ރަހްމާން 2009ވަނަ އަހަރުގެ އޮސްކާ އެވޯޑު ހަފްލާގައި--ފޮޓޯ/ފޯބްސްއިންޑިއާ އިންޑިއާގެ އިތުރުން ބޭރު ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ލަވަކިޔުންތެރިޔާގެ ޝެޑިއުލް ތައްޔާރުކުރާއިރު ދިގު ޓްރެފިކެއްގައި ނުޖެހި ދާން ބޭނުންވާ މަންޒިލަކަށް ދެވޭތޯ ވަރަށް މަސައްކަތްކުރާ ކަމަށް ވަނީ ބުނެފައެވެ. އެހެން ވެސް ފަތިސްވުމުގެ ކުރިން ދަތުރު ނިންމާލަން ހާއްސަ ސަމާލުކަމެއް އޭއާރް ރަހްމާން ދެއެވެ. އޭއާރް ރަހްމާން މިއުޒިކް ތައްޔާރުކޮށްދިން ބޮލީވުޑްގެ ކާމިޔާބު ފިލްމު "ތާލް"އަށްފަހު އޭނާގެ ކެރިއަރުގެ ތާވަލު މުޅިން ވެސް ރާވާފައި ވަނީ މިގޮތަށް ކަމަށް މީޑިއާއަށް ދިން އިންޓަވިއުގައި ވަނީ ބުނެފައެވެ. ދުވާލު ހޭލާ އުޅެ ރޭގަނޑު ނިދުމަކީ ގޯސްކަމެއް ނޫން ކަމަށާއި ނަމަވެސް އޭއާރް ރަހްމާންގެ ލައިފް ސްޓައިލް ބައްޓަންކޮށްފައި ވަނީ އެއާ މުޅިން އިދިކޮޅަށް ކަމަށް ކުޅަދާނަ މިއުޒީޝަން އަދި ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ. ފިލްމު "ސްލަމްޑޯގް މިލިއަނަ"ގެ ބެސްޓް އޮރިޖިނަލް ލަވައިގެ އެވޯޑު އަދި ބެސްޓް އޮރިޖިނަލް ސްކޯ އެވޯޑު އަދި ބްރިޓިޝް އެކަޑެމީ ފިލްމްސް އެވޯޑު ކާމިޔާބުކޮށްފައިވާ ލަވަކިޔުންތެރިޔާއަށް ވަނީ ހަމަ އެ ފިލްމުން 2009ވަނަ އަހަރު ގްރެމީ އެވޯޑު އަދި ގޯލްޑެން ގްލޯބް އެވޯޑު ވެސް ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ