ޚާލިދު ހޮޅުއަށީގައި ރާޒުވާ ކުޅެ، ރޯދަ ވިއްލީ ހެދިކާއިން؛ ބުނީ ހަގީގީ ރާއްޖެ ތަޖުރިބާކޮށްފި ކަމަށް

ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ޒިޔާރަތް ކުރާ ގިނަ މީހުން އަންނަނީ ރިޒޯޓުތަކަށެވެ. ދިވެހީންގެ އާންމު ދިރިއުޅުމާ އެކަހެރިކޮށް އޮންނަ ރަށްތަކަށެވެ. ނަމަވެސް މެދުއިރުމަތީގެ މަޝްހޫރު ޔޫޓިއުބަރު ޚާލިދު އަލް އާމިރީ ތަޖުރިބާކުރީ ދިވެހީންގެ ދިރިއުޅުމެވެ. އޭނާ ސިފަ ކުރި ގޮތުގައި 'ރިސޯޓުތަކާއި އިންސްޓަގްރާމް ރީލްސްގެ ބޭރުން، ހަގީގީ ދިވެހިރާއްޖެ' އެވެ. ޔޫޓިއުބް، ފޭސްބުކް އަދި އިންސްޓަގްރާ ފަދަ ޕްލެޓްފޯމްތަކުގައި އެތައް މިލިއަަން މީހުން ފޮލޯކުރާ ޚާލިދު މައިގަނޑު ގޮތެއްގައި ގެނެސްދެނީ ހެއްވާ މަޖާ ވީޑިއޯތަކުގެ އިތުރަށް، އެކި ގައުމުތަކުގެ ކެއުމާއި ސަގާފަތާ ގުޅުން ހުރި ވީޑިއޯތަކާއި އެ ގައުމުތަކުން ފާހަގަކޮށްލެވޭ އެހެނިހެން ވެސް އާދަޔާ ޚިލާފު ކަންތައްތަކެވެ. ޚާލިދު، ޖޯލިފައްޗެއްގައި އިށީނދެލައިގެން -- ފޮޓޯ/ ޚާލިދު އަލް އާމިރީ މި ފަހުން އަވަށްޓެރި އިންޑިއާއިން ތަފާތު ވީޑިއޯތައް ގެނެސްދިނުމަށް ފަހު ޚާލިދު މިހާރު ވަނީ ރާއްޖެއާ ހަމައަށް ވެސް އައިސްފައެވެ. ރާއްޖޭގެ މަންޒަރުތައް މިހާތަނަށް ޚާލިދު ހާމަކޮށްފައިވަނީ ކުރު ކެޕްޝަންއަކާއެކު، ވަރަށް ހިތްގައިމު ފޮޓޯތަކަކާއެކުގައެވެ. އެ ފޮޓޯތަކުން އޭނާ މާލޭގެ އިތުރުން ރާއްޖޭގެ ރަށްރަށަށް ވެސް ޒިޔާރަތްކޮށް، ދިވެހީންގެ ޒަމާންވީ ސަގާފަތުގެ ތެރެއިން އެކި ކަންކަން ތަޖުރިބާ ކުރާ މަންޒަރު ފެނެއެވެ. ޚާލިދު، ރާއްޖޭގައި ޖަމާއަތުގައި ނަމާދު ކުރަނީ -- ފޮޓޯ/ ޚާލިދު އަލް އާމިރީ މާލޭގައި އޭނާ ވަނީ ކިންގް ސަލްމާން މިސްކިތުގައި ނަމާދުކޮށް، ސުނާމީ ބިނާ ބަލައިލާފައެވެ. އެވަރުން ނިންމާނުލައި، އޭނާ މަސް ދަތުރެއްގައި ވެސް ގޮސްފައިވެއެވެ. ދިވެހި އާއިލާއަކާއެކު ވަގުތު ހޭދަކޮށް، އޭނާ ފޮޓޯ ހިއްސާކޮށްފައިވާއިރު، ސުފުރާއެއް މަތިން ގުޅައާއި ކަޓްލެޓްސްއާއި ކަރާ ފަނި ފަދަ، ދިވެހީން ރޯދަ ވީއްލަން އެންމެ ގިނައިން ބޭނުންކުރާ ކާބޯތަކެތި ފެނެއެވެ. ޚާލިދު، ދިވެހި އާއިލާއަކާއެކު -- ފޮޓޯ/ ޚާލިދު އަލް އާމިރީ ހަވީރު ގަޑީގައި ފިނި ވައި ޖައްސާލަން ހޮޅުއަށްޓަށް ވެސް ގޮސް، ރަށުގެ ރައްޔިތުންނާ ވާހަކަ ދައްކައި، ރާޒުވާ ކުޅެފައިވެއެވެ. ރޭގަނޑު ގަޑީގައި ދުފާތަބަކާ އެކު ޖޯލިފަތީގައި ވެސް މަޝްވަރާއެއް ކުރަން ހުރެއެވެ. ޚާލިދު އަމިއްލަ ގައުމުގައި ހެދުން އަޅާ ގޮތަށް ކުރުތާއެއް ލައިގެން ފުރަތަމަ ފެށި ދަތުރު ނިންމައިލީ، ދިވެހި ސަގާފަތާ އެއްގޮތަށް، ހުދު ގަމީހެއް ލައި ފޭލިއެއް އަނދެގެންނެވެ. އެ ވެސް، ބޮޑުބެރު ވެސް ޖަހައިފައެވެ. ޚާލިދު، ރާއްޖޭގެ ރަށެއްގައި ކުޅިއެއްގައި -- ފޮޓޯ/ ޚާލިދު އަލް އާމިރީ ޚާލިދުވަނީ، އޭނާއަށް މި ދިވެހި ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބުނީ ވިޒިޓް މޯލްޑިވްސްގެ ސަބަބުންކަން ފާހަގަކޮށް، އެކަމަށް ޓަކައި ޝުކުރު އަދާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ