ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލާގެ ހުކުމް މާދަމާ އިއްވަން ސުޕްރީމް ކޯޓުން ތާވަލްކޮށްފި އެވެ.
އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށްފަހު، އެ މީހާ ދޫކޮށްލި ކަމަށް ތުހުމަތު ކުރާ މައްސަލާގައި ކޮންޓްރޯލަރުގެ މަގާމުން ވަކިކޮށް, ހައްޔަރުކުރި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން އޮތީ ދަމަހައްޓައިފަ އެވެ.
އެ މައްސަލަ ޝަމްއާންގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ މައްސަލާގެ ހުކުމް މާދަމާ މެންދުރު އިއްވަން ސުޕްރީމް ކޯޓުން މިހާރު ވަނީ ތާވަލްކޮށްފަ އެވެ.
އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު އަބްދުالله ހަމީދެވެ.
ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށް ފަހު، އެ މީހާ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތު ކުރާ މައްސަލާގައި ޝަމްއާންގެ މައްޗަށް މިހާރު ވަނީ ތިން ދައުވާއެއް އުފުލައިފަ އެވެ. އެއީ ފޭރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ ނުވަ އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.
ޝަމްއާން ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާގެ ތެރެއިން އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 250،000 ރުފިޔާ ދައުލަތަށް ނަގައިދިނުމަށާއި ޝަމްއާންގެ އަތުގައި ބެހެއްޓި ޖުމްލަ 400،000 ރުފިޔާގެ ބާކީއަށްވާ 150،000 ރުފިޔާގެ ބަދަލުގައި އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފައިސާތަކުގެ ތެރެއިން އެ އަދަދަށްވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ދައުވާފައި އެދިފައި ވެ އެވެ.
ބިދޭސީމީހާގެ އަތުން ފޭރުނު ކަމަށް ބުނާ ފައިސާގެ ބަދަލު ނަގައިދިނުމަށް ވެސް ދައުލަތުން އެދިފައިވެ އެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ޝަމްއާން ބަންދުކުރި މައްސަލަ ސުޕްރީމް ކޯޓުން މާދަމާ ނިންމަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ