މުޑުދާރު ކެފޭއެއް ބަލައި ފާސްކޮށް، 11 ބިދޭސީން ބެލުމުގެ ދަށަށް ގެންގޮސްފި

ގަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމުގެ މަސައްކަތުގެ ތެރެއިން، މާލޭގެ މުޑުދާރު ކެފޭއެއް ބަލައިފާސްކޮށް، 11 ބިދޭސީއެއް ރޭ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައުމަށް ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަންގެ ވީޑިއޯއެއް ވަނީ ސޯޝަލްމީޑިއާގައި ހިއްސާކޮށްފައެވެ. އޭގެން ފެންނަ ގޮތުގައި، އެ ކެފޭގައި ކާބޯތަކެތި ތައްޔާރު ކުރަމުން ދިޔައީ ސާފުތާހިރުކަމުގެ މިންގަނޑުތަކާ ޚިލާފަށް ވަރަށް މުޑުދާރު ކޮށެވެ. އެގޮތުން، ކާބޯތަކެތި ތައްޔާރުކުރަން ބޭނުންކުރާ އެކޭފޭގެ ބަދިގެ އޮތީ ވަރަށް ހަޑިކޮށެވެ. އެ ތަނުގައި ބައެއް ކާއެއްޗެހި ހަދާފައި ހުރި ތެލިތަކުގައި މަތިނުޖަހާހުރި އިރު، އެހެނިހެން ސާމާނުތައް ހުރީ އެތަނުގެ ތެރޭގައި އެއްވެސް ތަރުތީބެއް ނެތިއެވެ. https://x.com/ImmigrationMV/status/1908203477341507985 އެތަން ބަލައި ފާސްކޮށް، އިމިގްރޭޝަނުން ވަނީ ނުގަވައިދުން އުޅޭ ބިދޭސީންތަކެއް ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އިމިގްރޭޝަނުން އަންނަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އިމިގްރޭޝަނުން ވަނީ ގަވާއިދާ ޚިލާފަށް ކާބޯތަކެތި ތައްޔާރުކުރި ގިނަ އަދަދެއްގެ ބިދޭސީން ޑީޕޯޓުކޮށްފައެވެ. މީގެ ކުރިން ވަނީ ގަވާއިދާ ޚިލާފަށް، ވަރަށް މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކުރި ބިދޭސީންތަކެއް ވެސް އަތުލައިގެންފައެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ އަދަދުތަކަށް ބަލާއިރު، ދިވެހީންގެ އާބާދީއަކީ 382،751 މީހުންނެވެ. ބާކީ 132،371 މީހުންނަކީ ބިދޭސީންނެވެ. އެ ގޮތުން ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ހުރީ ކޮންމެ ތިން ދިވެއްސަކަށް ބިދޭސީއެއްގެ މަގުންނެވެ. މި ސަރުކާރުގެ އަމާޒަކީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ހައްލުކުރުމެވެ. އެހެންވެ، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ