ﷲއާ ބައްދަލުވާން އެދޭ ނަމަ ކުރަން އޮތީ 2 ކަމެއް

ﷲއާ ބައްދަލުވާން ނޭދޭނެ އެއްވެސް މުސްލިމެއް ނުހުންނާނެއެވެ. އެހެނަސް ﷲއާ ބައްދަލުވާނީ ކިހިނެތް؟ ކޮންތާކުންތޯ؟ މިއީ ޖަވާބު ބޭނުންވާ ސުވާލުތަކެކެވެ. އެއިލާހާ ބައްދަލުވާނީ އުޚުރަވީ ޙަޔާތުގައެވެ. ސުވަރުގޭގެ އެންމެ މަތީ ދަރަޖައިގެ ވެސް މަތިންނެވެ. އެއިލާހާ ބައްދަލުވާން އެދޭ މީހާ ކުރަންވީ ކޮންކަމެއްކަން ވެސް އެނގުން އެއީ ވަރަށް މުހިންމު ކަމެކެވެ.އަޅުގަނޑުމެން ދިރިއުޅެމުން މި ދާ ދުނިޔޭގެ ޙަޔާތަކީ ވަގުތީ ގޮވައްޗެކެވެ. މާގިނަ ދުވަސްތަކެއް ނުވެ މި ތަން ދޫކޮށް ދާން އެބަޖެހެއެވެ. ދުނިޔޭގެ ޙަޔާތަށްފަހު އޮތީ ބަރުޒަޚެވެ. ދެން ހިސާބާއި ކިތާބެވެ. އެއަށްފަހު ދާއިމީ ގޮވައްޗެކެވެ. އެހެންޔާ ނަރަކައާއި އެތަނުގެ ވޭންދެނިވި އަޒާބެވެ. ނޫނީ ސުވަރުގޭގެ ލައްޒަތާއި މީރުކަމެވެ. އެ ސުވަރުގޭގެ ހުރިހާ ނިޢުމަތަކާއި އުފަލަކާއި ހިތްހަމަޖެހުމެއް އިންސާނާގެ ހިތްފުރާ އިތުރުކުރެއެވެ. އޭގެ ބޭރުން އެއްވެސް ނިޢުމަތަކަށް ބޭނުން ނުޖެހޭ ވަރަށް ފުދުންތެރިއަކު ކަމުގައި އޭނާ ވެއެވެ. އެހެނަސް މި ހުރިހާ ހިތްގައިމުކަމެއްގެ މައްޗަށް ދަރަޖަ އުފުލިގެންވާ އެންމެ މަތިވެރި ނިޢުމަތަކީ އަޅުގަނޑުމެންގެ މަޢުބޫދު ﷲ جل جلالهގެ ވަޖުހުފުޅު ފެނުމެވެ. ސުވަރުގެއިން އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ، އޭނާގެ ޚާލިޤުވަންތަ ވެރި އިލާހާ ބައްދަލުވުމެވެ. ސުވަރުގޭގެ އަހުލުވެރިން އެ ތަނުގެ ނިޢުމަތްތަކުގައި އުފަލާއެކު އުޅެމުން ދަނިކޮށް އެބައިމީހުންނަށް ބުނެވޭނެއެވެ. ތިޔަބައިމީހުން މިއަށް ވުރެ ބޮޑު ނިޢުމަތެއް އެދެމުހެއްޔެވެ؟ އެބައިމީހުން ދަންނަވާނެއެވެ. މިހާރު ތިމަންމެން މި ތިބަ މަތިވެރި ނިޢުމަތަށްވުރެ ވަކީން ބޮޑު ނިޢުމަތެއް އޮންނާނެތޯއެވެ؟ ޖަވާބުގައި އެ މީހުންނަށް ބުނެވޭނެއެވެ. ތިޔަބައިމީހުންގެ ވެރިރައްބުގެ ވަޖްހުފުޅު ދުށުމުގެ ފުރުޞަތު އޮންނާނެއެވެ. ދެން ސުވަރުގޭގެ އަހުލުވެރިންނަށް ﷲގެ ވަޖުހުފުޅު ދެއްކެވޭނެތެވެ. އަދި މީސްތަކުންނަށް ލިބޭ އުފަލާއި ހިތްހަމަޖެހުމުގައި ﷲގެ ވަޖުހުފުޅަށް ބަލަބަލައި އެބައިމީހުން ހުއްޓިފައި އެތައް ޒަމާނެއް ވަންދެން ތިބޭނެއެވެ. އަދި އެއިލާހުގެ ނޫރުފުޅުގެ ގަދަކަމާއި އަލިކަމުން މީސްތަކުންގެ މޫނުތައް ވެސް އެ ދުވަހުން ހުންނާނީ ދިއްލި އަލިވެފައެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿وُجُوهٌ يَوْمَئِذٍ نَّاضِرَةٌ﴾ (القيامة: ٢٢) މާނައީ: "އެ ދުވަހުން މޫނުތަކެއް ރީތިވެ، އަލިވެގެންވެއެވެ." ﴿إِلَىٰ رَبِّهَا نَاظِرَةٌ﴾ ‎(القيامة: ٢٣)‏ މާނައީ: " އެ މޫނުތަކުގެ ވެރިރަސްކަލާނގެއަށް ބަލަބަލައި ތިބެއެވެ." މިއީ ނިޢުމަތްތަކުގެ ތެރެއިން އެންމެ ބޮޑު ނިޢުމަތެވެ. މި މަތިވެރި ނިޢުމަތް އެދޭ މީހާގެ މައްޗަށް އޮތީ އެންމެ ދެ ޝަރުޠެއް ފުރިހަމަކުރުމެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا﴾ (الكهف: ١١٠) މާނައީ: "ފަހެ، އެ މީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުވުމަށް އެދޭ މީހާ (ދަންނާށެވެ!) ފަހެ، އެ މީހާ ޞާލިޙު ޢަމަލުން ޢަމަލުކުރާހުށިކަމެވެ! އަދި އެ މީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި، އެއްވެސް މީހަކު ބައިވެރި ނުކުރާހުށިކަމެވެ! މިއާޔަތުގައި އަންގަވާ ދެ ޝަރުޠަކީ 1- ޞާލިޙު ޢަމަލު ކުރުމެވެ. އަދި 2- އަޅުކަން ކުރުމުގައި އެއްވެސް މީހަކު އެއިލާހާ އެކު ބައިވެރި ނުކުރުމެވެ.ޞާލިޙު ޢަމަލަކީ ﷲ ރުހިވޮޑިގަންނަވާ ކޮންމެ ޢަމަލެކެވެ. އަދި އެއިލާހު ނަހީ ކުރެއްވި ކޮންމެ ކަމަކުން ދުރުވުން ވެސް އެއީ ހެޔޮ ޢަމަލެވެ. ހެޔޮ ޢަމަލަކީ އޭގައި ހެޔޮ ނިޔަތެއް އޮތުމާ އެކު ﷲގެ ނުރުހުން ނުވާ ކޮންމެ ޢަމަލެކެވެ. ހެޔޮ ޢަމަލަކީ އިސްލާމްކަމުގެ ފަސް ރުކުން އެކަންޏެއް ނޫނެވެ. ހިމޭންކަމާ އެކު މަގުހިނގުމާއި، ބާޒާރުތަކުގައި މަޑުމައިތިރިވުމާއި، މުޢާމަލާތް ހެޔޮ ކުރުން މިއީ މުޅީން ވެސް ހެޔޮ ޢަމަލެވެ. އަނބިމީހާގެ އަނގަޔަށް ލަވައިދޭ ސުވާ ވެސް އެއީ ޞަދަޤާތެކެވެ. މަގުމަތީގައި މީހުންނަށް އުނދަގޫ ވާގޮތަށް އޮންނަ އެއްޗެއް އެއްފަރާތް ކޮށްދިނުން ވެސް އެއީ އީމާންތެރިކަމުގެ ޢަމަލެކެވެ. މީހުންނަށް ހިނިތުންވުމާއި، އޯގާތެރި ހިތަކައިގެން މުޚާޠަބުކުރުން މީ މުޅީން ވެސް ހެޔޮ ޢަމަލެވެ. ފަރުޟު ފަސްނަމާދު ގަޑިންގަޑިއަށް އަދާކުރުމާއި، ޞަދަޤާތް ދިނުމާއި، ރޯދަހިފުމާއި، ޤުރްބާންކުރުމާއި، ޙައްޖުވުން މިއީ ﷲއަށް އަދާކުރެވޭ އަޅުކަމެވެ. ދުޢާކުރުމާއި، ކަންކަމު އެދުމާއި، ވަކީލުކުރުން ވެސް ހިމެނެނީ ހަމައެކަނި ﷲއަށް ޓަކައި ކުރެވޭ ކަންކަމުގެ ތެރޭގައެވެ. މިއިން އެއްވެސް ކަމެއްގައި އެހެން އެއްވެސް ފަރާތެއް ބައިވެރިކުރުމަކީ ޝިރުކުގެ ޢަމަލެކެވެ. އެފަދަ ޢަމަލެއް ކޮށްފި މީހާ ތައުބާނުވެ ހުއްޓައި މަރުވެއްޖެ ނަމަ ﷲ އާއި ބައްދަލު ވެވޭނެ މީހުންގެ ތެރޭ އޭނާ ނުހިމެނިދާނެއެވެ. އެ ކަމަށް ކަނޑައެޅިފައިވާ ޝަރުޠުތަކާ އޭނާ އެ ވަނީ ޚިލާފު ވެގެންނެވެ. އެހެންކަމުން އެއްވެސް ކަމެއްގައި ﷲނޫން ފަރާތެއް ބައިވެރި ނުކުރާ ބަޔަކު ކަމުގައި ވަމާތޯއެވެ! ﷲއަށް ޓަކައި ހިތް ޚާލިޞްކޮށް ހެޔޮ ޢަމަލުކުރުން މަތީ ދެމިތިބޭ ބަޔަކު ކަމުގައި ވަމާތޯއެވެ! ވަގުތީ ޙަޔާތް ނިމި ދާއިމީ ގޮވައްޗަށް އެނބުރިދާއިރު ހެޔޮ ރަނގަޅު މަންޒިލަށް ދެވޭނީ އޭރުންނެވެ. ﷲއާ ބައްދަލުވާނީ އޭރުންނެވެ. އެއިލާހުގެ ވަޖުހުފުޅު ފެންނާނީ އޭރުންނެވެ. އެ ކަމުގެ ތައުފީޤު އަޅަމެން އެންމެންނަށް ދެއްވާނދޭވެ! آمين.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ