މީޑިއާނެޓުގެ ސްޓްރީމިން ޕްލެޓްފޯމު ވީޑިއޯކްލަބުގައި މުޅިން އާ ސީރީޒެއް ކަމަށްވާ "އިމްތިހާން" ރިލީޒް ކުރަން ތައްޔާރުވެ، ޓީޒާ ދައްކާލައިފި އެވެ.
ވީޑިއޯކްލަބުން ބުނީ ޖުމްލަ 10 އެޕިސޯޑުގެ މި ސީރީޒްގެ ޓްރެއިލާ ވަރަށް އަވަހަށް ރިލީޒްކުރާނެ ކަމަށެވެ.
މީޑިއާނެޓުގެ ކަސްޓަމަރުންނަށް އެމްޓީވީ ސާވިސް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެ ޓީވީ އަދި ފޯނު މެދުވެރިކޮށް އެ ސީރީޒް އަދި އެހެނިހެން ދިވެހި ސީރީޒްތަކުގެ އެޕިސޯޑުތަކާއި ފިލްމު ބެލޭނެ އެވެ.
އެމްއެސް ގްލޯބަލް އާއި އެމްއެސް ޑީޖިޓަލް ގްލޯބަލް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް މި ސީރީޒް ބެލޭނެ އެވެ.
ޓީވީ މެދުވެރިކޮށް މި ސީރީޒް ބަލާލުމަށް ވީޑިއޯކްލަބްގެ ޓީވީ ޕެކޭޖެއް އެންމެ 100ރ. އަށް ނަގާލުމުން ބެލޭނެ އެވެ. އަދި ފޯނު މެދުވެރިކޮށް އެންމެ 50ރ، ގެ ޕެކޭޖަކުން ވެސް އެ ސީރީޒު ބެލޭނެ އެވެ.
ފެމިލީ ޑްރާމާ ޖޯންރާގެ މައްޗައް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ސީރީޒްއަކީ ހުނަރުވެރި އެކްޓަރު އަދި ފިލްމީ ދާއިރާގައި ފުންނާބު އުސް ތަރި އަބްދުﷲ މުޢާޒު (މުއާ) ގެ ޑައިރެކްޝަނެކެވެ.
އެ ސީރީޒްގައި ދައްކުވައިދޭނީ އަފާ އަދި މިރުފާންގެ ވާހަކަ އެވެ. ކުޑައިރުއްސުރެން ގާތް މިދެ ރަހުމަތްތެރިން ލޯބީގެ ގޮތުން ގުޅި ސިއްރިޔާތުގައި ކައިވެނިކޮށް ދަރިފުޅާއެކު ހޭދަކުރާ ދުވަސްތަކުގައި ދިމާވާ އެކިއެކި ހާދިސާތައް ސީރީޒުގައި ފެނިގެންދެ އެވެ.
ދެމަފިރިންގެ ދޭތެރޭގައި މައްސަލަ ބޮޑުވެ އަފާގެ ދިރިއުޅުން މާލެ ބަދަލުކުރަން ޖެހުމާއި ދެމީހުންގެ އަންހެން ދަރިފުޅުގެ ބަލި ހާލަތު ގޯސްވުމުގެ ސަބަބުން ކުރިމަތިލާންޖެހޭ އެކިއެކި ކަންކަން ވެސް ސީރީޒުން ފެނިގެންދެ އެވެ.
މި ސީރީޒްގެ ލީޑު ރޯލުތަކުން ފެނިގެންދާނީ އަފާގެ ރޯލުން މަގްބޫލު މޮޅު ފިލްމީ ތަރި މަރިޔަމް ޝީފާ އަދި މިރުފާންގެ ރޯލުން ފިލްމީ ދާއިރާގައި މަގްބޫލު ތަރި އަހްމަދު އަޒްމީލް (އަޒޭ) އެވެ.
އެ ދެ ތަރިންގެ އިތުރުން އެ ސީރީޒްގެ އެހެނިހެން ރޯލުތަކުން ޓިކްޓޮކްގައި ގިނަ ދިވެހިންގެ މަގްބޫލުކަން ހޯދި ތަރި މުހައްމަދު އިޝްފާން، ޝަހީދާ އަޙްމަދު (ޑޯރާ) އަދި އައިޝަތް ލައިޝާ ލަތީފް ފެނިގެންދާނެ އެވެ.
ވީޑިއޯކްލަބުގެ "އިމްތިހާން" ގެ ޓީޒާ ދައްކާލައިފި ވީޑިއޯކްލަބުގެ "އިމްތިހާން" ގެ ޓީޒާ ދައްކާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ