ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލް ކޮރަޕްޝަންގެ އަމަލެއް ހިންގަވާފައިވާ ކަމަށް ތުހުމަތުކުރައްވައި އެ ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ހުށަހެޅި މައްސަލަ އެ ކޮމިޝަނުގައި ރަޖިސްޓްރީކޮށްފި އެވެ.
އަޒްމިރަލްދާ މި މައްސަލަ ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމުން އަޒްމިރާލްދާ ސަސްޕެންޑު ކުރީ "ޖިނާއީ ތަހުގީގެއް" ހިންގަމުންދާ ކަމަށް ބުނެ ޝާމިލް ސޮއިކޮށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވި ސިޓީއާ ގުޅިގެންނެވެ. ޖޭއެސްސީން ފަނޑިޔާރުންތައް ސަސްޕެންޑުކުރީ މި ސިޓީއަށް ބިނާކޮށެވެ.
މި ސިޓީއަކީ އާންމުކޮށް އޭސީސީއަށް ހުށަހަޅާ މައްސަލަތަކާ ހިލާފަށް ފޮނުވާފައިވާ ސިޓީއެއް ކަަމަށް "އަދަދު" އަށް މައުލޫމާތު ލިބިފައިވެ އެވެ. އަޒްމިރަލްދާ ވެސް ތުހުމަތުކުރައްވަނީ މި މައްސަލަ ފޮނުވުމުގައި އޭސީސީން އަމަލުކޮށްފައި ވަނީ އިޖުރާއަތްތަކާއި އުސޫލުތަކުގެ ބޭރުން ކަމަށެވެ.
އެ ގޮތުން ޝާމިލް ސޮއިކުރައްވާ, ޖޭއެސްސީއަށް ފޮނުއްވި ސިޓީގައި ނަންބަރެއް ނެތް ކަމަށާއި ޖޭއެސްސީއަށް ޖިނާއީ ތަހުގީގެއް ހިންގާކަން އެންގިއިރު އެފަދަ ތަހުގީގެއް އޭނާގެ މައްޗަށް ކުރަން އޭސީސީން ނިންމާފައި ނުވާކަން އަޒްމިރާލްދާ ފާހަގަކުރެއްވި އެވެ.
އަޒްމިރަލްދާ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ, މި މައްސަލަ ގުޅެނީ ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލެވޭ ގޮތަށް ގާނޫނީ އަސާސީ ބަދަލުކުރި މައްސަލައާ ކަމަށެވެ. އަދި މިއީ ޝާމިލްގެ މަގާމު ދިފާއުކުރުމުގެ މަސްލަހަތުގައި ބަންޑާރަ ނައިބު ބޭނުންވާ ގޮތަށް މައްސަލަ ކުރިއަށް ނުގެންދަން ފަހިކޮށްދިނުމުގެ ގޮތުން ޖޭއެސްސީއަށް ފޮނުއްވި ސިޓީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުގެ ޝަރީއަތެއް ހުއްޓުވާލައި ފަނޑިޔާރުން ސަސްޕެންޑު ކުރުވުމަށް ސިޓީ ފޮނުވާފައި ވަނީ، ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދެވުމަށް މައްސަލަ ރައްދުވާ އެޓާނީ ޖެނެރަލްގެ ފަރާތުން ބޭނުންވާތީ އެ މަގުސަދު ހާސިލުކޮށްދިނުމަށާއި، އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ފަރާތެއް ކަމަށް އެ ކޮމިޝަނުގެ ގާނޫނަށް ގެނެވުނު 3 ވަނަ އިސްލާހުގައި ކަނޑައަޅާފައިވާތީ އަމިއްލަ މަގާމު ދިފާއު ކުރުމުގެ މަސްލަހަތުގައި ކަމަށް ދެކެމެވެ،" އަޒްމިރަލްދާ ހުށަހެޅުއްވި މައްސަލައިގައި ލިޔުއްވާފައިވެ އެވެ.
އޭގެ އިތުރުން, ޝާމިލްގެ އަމަލުތަކަކީ ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށާއި އެކަމުގައި މަންފާ ލިބެން ނުޖެހޭ ފަރާތަކަށް މަންފާ ހޯދައިދިނުމުގެ މަގްސަދުގައި ކޮށްފައިވާ އަމަލެއް ކަމަށް ވެސް މައްސަލައިގައި ބަޔާންކޮށްފައިވެ އެވެ.
އޭސީސީން އަޒްމިރަލްދާގެ މައްސަލައެއް ބަލަމުންދާ ކަމަށް ބުނި ނަމަވެސް މިއަދާ ހަމައަށް އެ މައްސަލަ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ. އަދި މި މައްސަލައާ ގުޅިގެން ފަނޑިޔާރުގެ ސުލޫކީ މައްސަލަ ބަލަމުން އަންނަ ޖޭއެސްސީން ވެސް ވަނީ މި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަނުވާނެ ގޮތަށް ހުރިހާ އަޑުއެހުންތަކެއް ސިއްރުކޮށްފަ އެވެ.
ޝާމިލްއާ ދެކޮޅަށް އަޒްމިރަލްދާ ހުށަހެޅި ކޮރަޕްޝަން މައްސަލަ އޭސީސީން ރަޖިސްޓްރީކޮށްފި ޝާމިލްއާ ދެކޮޅަށް އަޒްމިރަލްދާ ހުށަހެޅި ކޮރަޕްޝަން މައްސަލަ އޭސީސީން ރަޖިސްޓްރީކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ