ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލު އިތުރަށް އިސްލާހުކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު، އިތުރަށް އިސްލާހުކުރުމަށް މިއަދު ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ބިލު ތަޞްދީޤުނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވީ މި މަހުގެ 11 ވަނަ ދުވަހު، ބަންޑާރަ ނައިބުގެ އޮފީހުގެ ލަފާ ހޯއްދެވުމަށްފަހުގައެވެ. މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ބިލު އަނބުރާ ފޮނުއްވި ސަބަބު ބަޔާންކުރައްވައި ފޮނުއްވި ސިޓީ މަޖިލީހަށް އިއްވުމަށްފަހު، މައްސަލައިގެ ބަހުސް ކުރިއަށް ގެންދެވުނެވެ.
މި މައްސަލައިގެ ބަހުސްގައި ބިލު އިތުރަށް ދިރާސާކުރުމަށް ހުށަހެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް އެވެ. ބަހުސްގެ މަރުހަލާގައި ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ ބިލު މަޖިލީހަށް ހުށަހެޅި ފާސްކުރަން ނިންމި ސަބަބުތަކާމެދު މަޝްވަރާކުރައްވާފައެވެ.
ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ސިޓީގައި ބިލު ތަޞްދީޤުނުކުރެއްވި ސަބަބު ވަރަށް ސާފުކޮށް ބަޔާންކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ. މި ބިލު އަލުން ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމަށް ނެގުނު ވޯޓުގައި، ވޯޓުގައި ބައިވެރިވި 50 މެންބަރުން ވަނީ އެކަމަށް ތާއީދުކުރައްވާފައެވެ. އެހެންނަމަވެސް 7 މެންބަރަކު ވަނީ އެގޮތަށް ނުފެންނަކަމަށް ވޯޓުދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ