މިނިވަން މުއައްސަސާތަކާއި ޝަރުޢީ ދާއިރާ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ދެ އަހަރު ދުވަހަށް ކުޑަކުރުމާ މެދު މަޖިލީހުގެ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުށަހަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ސަރުކާރުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 12,000 ރުފިޔާއިން މަތިން ލިބޭ މަގާމުތަކުގެ އަސާސީ މުސާރައިން 10 އިންސައްތަ އުނިކުރުމާ މެދު މަޖިލީހުން ދެކޭގޮތެއް ހިއްސާކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މީގެއިތުރުން، ޝަރުޢީ ދާއިރާ އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަސާސީ މުސާރައިންވެސް 10 އިންސައްތަ އުނިކުރުމާ މެދު މަޖިލީހުގެ ރުހުން އޮތްތޯ ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ. އަދި މިކަމާ މެދު މަޖިލީހުން ނިންމަވާ ގޮތެއް އަންގަވައިދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.
މި މައްސަލަ ދިރާސާކުރުމަށްޓަކައި މިހާރު ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވިފައެވެ. މި މައްސަލައަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.
މިނިވަން މުއައްސަސާތަކާއި މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ