އިސްލާމީ ބައެއް ބޮޑެތި ގައުމުުތަކަށް މިރޭ ހަނދު ނުފެނުމާ އެކު މާދަމާއަކީ މި އަހަރުގެ ރޯދަ މަހުގެ ފަހު ދުވަސް ކަމަށާއި އީދު ވާނީ އަންނަ ހޯމަދުވަހު ކަމަށް ކަނޑައަޅައިފި އެވެ.
ވީ ކިހިނެއް؟- ކަލަންޑަރުގައިވާ ގޮތުން ވެސް މި އަހަރުގެ ފިތުރު އީދުވާނީ ހޯމަދުވަހެވެ. އެކަމަކު ހަނދު ފެނިއްޖެ ނަމަ، ކުރިން ލަފާކުރާ ދުވަހަށް ވުރެ ކުރިއަށް ވެސް އީދު ހަމަޖައްސަ އެވެ.
އިސްލާމީ ގައުމުތަކުން މިހާރު އަންނަނީ، އެ ގައުމުތަކަށް ހަނދު ފެނޭތޯ ބަލަމުންނެވެ. ހަނދު ނުފެނުމާ އެކު، ފިތުރު އީދު ދުވަސް ވާނީ 31 މާޗު ވާ ހޯމަދުވަހު ކަމަށް ކަނޑައެޅި ބައެއް ގައުމުތަކުގެ ތެރޭގައި ހިމެނެނީ:
ބަންގްލަދޭޝް
އިންޑޮނޭޝިއާ
މެލޭޝިއާ
ބުރުނާއީ
ސައުދީ އަރަބިއްޔާއިން ހަނދާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ، މިރޭ ރާއްޖޭ ގަޑިން އަށެއް ޖަހާކަންހާއިރު އެވެ. ރާއްޖެއިން ވެސް ހަނދު ސާބިތުކުރުމުގެ ޖަލްސާ އެ ގަޑީގައި އޮންނާނެ އެވެ.
އެނގުން މުހިއްމު- މާދަމާ ފިތުރު އީދު ވެދާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ލަފާކުރައްވަ އެވެ. އެކަމަކު އެމަނިކުފާނުގެ އެ ވާހަކައާ ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދުގެ ހިޔާލު ތަފާތެވެ. މިރޭ އިރުއޮއްސޭއިރު ރާއްޖެ އާއި މުސްލިމް އެހެން ބައެއް ގައުމުތަކަށް ހަނދު ނުފެންނާނެ ކަމަށް ލަފާކުރައްވާ އޭނާ ވިދާޅުވީ އީދު ވާނީ 31 މާޗުއަށް ކަމަށެވެ.
މި ދެ ބޭފުޅުންގެ ހިޔާލު ތަފާތުވުމުގައި އާންމުންގެ ވަރަށް ގިނަ ބަޔަކު، އެބަޔަށް ފެންނަ ހިޔާލެއް ސޯޝަލް މީޑިއާގައި ވެސް އައީ ފާޅުކުރަމުންނެވެ.
އިސްލާމީ ބޮޑެތި ބައެއް ގައުމުތަކުން ނިންމީ 31 މާޗުއަކީ އީދު ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ