ޓީޓީ އެސޯސިއޭޝަނުން މި އަހަރަށް 6.4 މިލިއަން ރުފިޔާގެ ބަޖެޓެއް ޓީޓީ އެސޯސިއޭޝަނުން މި އަހަރަށް 6.4 މިލިއަން ރުފިޔާގެ ބަޖެޓެއް

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން މި އަހަރަށް 6.4 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.
ޓީޓީއޭއެމްގެ އަހަރީ އާންމު ޖަލްސާގައި އެ އެސޯސިއޭޝަނުގެ ބަޖެޓް ފާސްކުރިއިރު، މި އަހަރުގެ ބަޖެޓުން ވެސް ބޮޑު ބަޔެއް ދާނެ ކަމަށް ލަފާކޮށްފައިވަނީ ބައިނަލްއަގްވާމީ މުބާރާތްތަކަށެވެ.
އެ ގޮތުން, މި އަހަރު ޓީޓީއޭއެމް އިން ބައިނަލްއަގްވާމީ ފަސް މުބާރާތެއްގައި ވާދަކުރުމަށް ވަނީ ނިންމައިފަ އެވެ. އެއީ، ނޭޕާލުގައި ކުރިއަށްދާ ސައުތު އޭޝިއާ ކޮލިފިކޭޝަނާއި، ހަމަ އެ ގައުމުގައި ކުރިއަށްދާ ސައުތު އޭޝިއަން ރީޖަނަލް ޔޫތު ޗެމްޕިއަންޝިޕް، ބަހްރެއިންގައި ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސް، ސައުދީގައި ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އަދި އިންޑިއާގައި ކުރިއަށްދާ އޭޝިއަން ޗެމްޕިއަންޝިޕް އެވެ.
މި ފަސް މުބާރާތައް ޖުމްލަ 1.3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ޓީޓީއޭއެމް އިން އަންދާޒާ ކުރެ އެވެ.
މީގެ އިތުރުން، އެ އެސޯސިއޭޝަނުން އެންމެ ބޮޑު ހަަރަދެއް ދާނެ ކަމަށް ލަފާކޮށްފައިވަނީ ރާއްޖޭގައި ބާއްވާ ލޯކަލް މުބާރާތްތަކުގެ އިތުރުން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމަށެވެ. ޓީޓީއޭއެމް އިން ވަނީ މާލެ، ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި މި އަހަރު ވައިޑީޕީ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ނިންމައިފަ އެވެ.
މާލެ ސަރަހައްދުގެ އިތުރުން މިހާރުވެސް ވައިޑީޕީ ޕްރޮގްރާމް އެ އެސޯސިއޭޝަނުން އަންނަނީ ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދަމުންނެވެ.
ޓީޓީއޭއެމް އިން ވަނީ މި އަހަރު ފައިދާގެ ގޮތުގައި އެ އެސޯސިއޭޝަނަށް 823،000 ލިބޭނެ ކަމަށް އަންދާޒާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ