ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ފުލުހުން ޤާއިމްކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުން ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ޤާއިމްކޮށްފިއެވެ. މިދިޔަ ހޯމަދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމާއި އެހެން އިދާރާތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީގޮތެއްގައި ބަލަހައްޓާނީ އަލަށް ޤާއިމްކުރެވުނު އެންޓި ސްކޭމް ސެންޓަރުންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ނިންމަވާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކުރެއްވިއެވެ.މިއައު ނިޒާމުގެ ދަށުން ޤާއިމްކުރެވުނު ކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓްކުރާ ހިސާބުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެއިދާރާތަކުން ލިބެންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.މިއަދުން ފެށިގެން ނޭޝަނަލް އިމަރޖެންސީ ނަންބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020) އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް [email protected] މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. އަދި މިހާރެކޭވެސް އެއްގޮތަށް މާލެއާއި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ފުލުހުންގެ ސެންޓަރުތަކަށްވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެކަމަށް އިތުރަށް ހާމަކުރެއްވިއެވެ.މި އައު ނިޒާމަކީ އިތުރަށް ފުޅާވަމުންދާ ސްކޭމްގެ މައްސަލަތަކަށް އަވަސް އަދި ހަރުދަނާ ފިޔަވަޅު އެޅުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށާއި ކުށްވެރިން ހޯދައި ހައްޔަރުކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ