ކޯސްޓާ ނަވަރީނޯ، ގްރީސް (މާޗް 21) - އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)ގެ ރައީސްކަމަށް އިންތިހާބުވި ފުރަތަމަ އަންހެނެއްގެ ޝަރަފް ޒިމްބާބްވޭގެ ކާސްޓީ ކަވެންޓްރީ އަށް ލިބިއްޖެ އެވެ.
ޒިމްބާބްވޭގެ ސްޕޯޓްސް މިނިސްޓަރުކަން ކުރައްވަމުން އަންނަ ކާސްޓީ، 41، އަށް އަަހަރުގެ ދައުރަކަށް އައިއޯސީގެ ރައީސްކަމަށް އިންތިހާބުވީ، މިރޭ ކުރިއަށްދިޔަ އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ. މި އިންތިހާބުގައި ހަތް ކެންޑިޑޭޓުން ވާދަކުރި އެެވެ. އިންތިހާބުގެ ފުރަތަމަ ބުރުގެ މެޖޯރިޓީ ވޯޓު ކާސްޓީ އަށް ވަނީ ލިބިފަ އެވެ. އެއީ، 97 ވޯޓުގެ ތެެރެއިން 47 ވޯޓެވެ.
ކާސްޓީ ވެފައިވަނީ އައިއޯސީގެ ރައީސްކަން ކުރައްވާނެ ފުރަތަމަ އަންހެން ރައީސަކަށް ވުމުގެ އިތުރުން، އެފްރިކާ އަށް ނިސްބަތްވާ ފުރަތަމަ ރައީސަށް ވެސް މެ އެވެ.
"މިއީ ވަރަށް އާދަޔާހިލާފު ވަގުތެއް. ނުވަ އަހަރުގެ ކުޑަ ކުއްޖެއްގެ ގޮތުގައި އަހަރެން ހުރިއިރު، އަހަންނެއް ދުވަހަކު ވެސް ނުވިސްނަން، މިއަދު ހުއްޓިގެން މި ހުރި ހިސާބުގައި ހުރެވޭނެ ކަމަށް،" ޖޫން 23 ވަނަ ދުވަހު، އައިސޯސީގެ ރައީސްކަމުގެ ދައުރު ފަށަން ހަމަޖެހިފައިވާ އާ ރައީސް، ކާސްޓީ ވިދާޅުވި އެވެ.
އައިއޯސީގެ ރައީސަކަށް މި ވަގުތު ހުންނެވި، ޖަރުމަނުގެ ވަކީލް، ތޯމަސް ބަކް، މި އަހަރު މަގާމުން ވަކިވާނެ ކަމަށް އިއުލާނުކުރެއްވީ މިދިޔަ އަހަރު އެވެ. ބަކް، އަންނަނީ 2013 ވަނަ އަހަރުން ފެށިގެން އައިއޯސީގެ ރައީސްގެ މަގާމު ފުރުއްވަމުންނެވެ. އޭނާ ވަނީ، 2021 ވަނަ އަހަރު ދެ ވަނަ ދައުރަކަށް އިންތިހާބުވެފަ އެވެ. އައިއޯސީގެ ރައީސްގެ މަގާމުން ވަކިވުމަށް ފަހު، ބަކް ދެން ހަމަޖެހިގެންދާނީ، އޮނަރަރީ ރައީސެއްގެ މަގާމަށެވެ.
ކާސްޓީ މި ފަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވީ، ސްޕެއިނުގެ ޖުއާން އެންޓޯނިއޯ ސަމަރާންޗް، ފްރާންސްގެ ޑޭވިޑް ލަޕޯޓިއެން، ވޯލްޑް އެތުލެޓިކްސްގެ ރައީސް، އިނގިރޭސި، ސަބެސްޓިއަން ލޯޑް ކޯ، ޖަޕާންގެ މޮރިނާރީ ވަޓަނާބޭ، ސްވިޑެންގެ ޖޯހަން އެލިއަޝް އަދި ޖޯޑަންގެ ޕްރިންސް ފައިސަލް އަލް ހުސެއިން އެވެ.
އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ފުރަތަމަ އަންހެން ރައީސަކަށް ކާސްޓީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ފުރަތަމަ އަންހެން ރައީސަކަށް ކާސްޓީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ