'އާތު އަވާ' ފާހަގަކުރަން އެއް ގަޑިއިރަށް ބޮކިތައް ނިވާލަން އެދެފި

މި އަހަރުގެ 'އާތު އަވާ' ފާހަގަ ކުރުމުގެ ގޮތުން އެއް ގަޑިއިރަށް ދިއްލުންތައް ނިވާލަން އެންވަރަޔަމެންޓް މިނިސްޓްރީން އެދެފި އެވެ.
ވީ ކިހިނެއް؟ ތިމާވެއްޓާ ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ 'އާތު އަވާ'ގެ ހަރަކާތްތައް ރާއްޖޭގައި ވެސް މާދަމާ ރޭ ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
ތަފްސީލް - އެންވަރަމެންޓް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި އެދިފައިވަނީ މާދަމާ ރޭގެ 8:30-9:30އަށް، ކޮންމެހެން ބޭނުން ކުރަން ޖެހޭ ތަކެތި ފިޔަވައި، އެހެން ހުރިހާ ދިއްލުންތަކެއް ނިވާލުމަށެވެ.
މިނިސްޓްރީން ވަނީ މާލެ އާއި ހުރިހާ ރަށެއްގައި، އާއްމު ގެތަކާއި ވިޔަފާރި ކުންފުނިތަކާއި މަދަނީ ޖަމިއްޔާތަކުން އެކަމުގައި ބައިވެރިވުމަށް އެދިފަ އެވެ.
އެންވަރަމެންޓް މިނިސްޓްރީން ބުނިގޮތުގައި މި ހަރަކާތަކީ، ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ މެދު އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ދުނިޔޭގެ ފެންވަރުގައި ބާއްވާ ހަރަކާތެކެވެ.
އޭގެ މަގްސަދަކީ:
މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުން
ގުދުރަތީ ތަރިކަ ހިމާޔަތްކުރުމަށް އެއްބައިވަންތަކަން ދައްކުވައިދިނުން
އަދި މުޅި ދުނިޔެ ފާހަގަކުރާ އެއް ގަޑިއިރުގެ ނިވާލުމުގައި ބައިވެރިވެ، ތިމާވެއްޓަށް އަންނަ ބަދަލުތަކާ ދެކޮޅަށް ތެދުވުމަށް ހިތްވަރު ދިނުން
އެނގުން މުހިއްމު - މީގެ ކުރިން ވެސް، އެކި އަހަރުތަކުގައި ރާއްޖޭގައި އާތު އަވާ ފާހަގަ ކޮށްފައިވެ އެވެ. އެކަމަކު މި ފަހަކުން އެކަން އޮތީ މެދުކެނޑިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ