ފިޔާޒަށް ރައީސް ބިރު ދެއްކެވި މައްސަލާގައި މީޑިއާ ކައުންސިލުން ރައީސް އޮފީހާ ބައްދަލުކުރަނީ ފިޔާޒަށް ރައީސް ބިރު ދެއްކެވި މައްސަލާގައި މީޑިއާ ކައުންސިލުން ރައީސް އޮފީހާ ބައްދަލުކުރަނީ

އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާއަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި އިންޒާރު ދެއްވައި ބިރު ދެއްކި މައްސަލާގައި ރައީސް އޮފީހާ ބައްދަލުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އެދިއްޖެ އެވެ.
ފިޔާޒުއަށް ރައީސް މުއިއްޒު ފޯނުން ގުޅުއްވައި ބިރު ދެއްކެވީ މާޗު 14، ގެ އިރާކޮޅު 19:04 ގަ އެވެ. ރައީސް އިންޒާރު ދެއްވީ އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެންބަރަކު ރައީސްގެ އާއިލާ ބޭފުޅަކާ ބެހޭގޮތުން ދެއްކި ވާހަކައާ ގުޅިގެން ކޯފާ އިސްކުރައްވަ އެވެ.
މި މައްސަލާގައި އެމްއެމްސީން އިއްޔެ ވަނީ ފިޔާޒު އަދި އަދަދު ނޫހާ ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފަ އެވެ. މި ބައްދަލުވުމުގައި މައްސަލާގެ ކަންކަން ސީރިއަސްކޮށް ބަލާނެކަމުގެ ޔަގީންކަން އެމްއެމްސީން ދީފައިވެ އެވެ.
އެމްއެމްސީން މައުލޫމާތު ދިން ގޮތުގައި ރައީސް އޮފީހާ ބައްދަލުކުރަން އެ ކައުންސިލުން އިއްޔެ އެދުނު ކަމަށެވެ. އެކަމާ ގުޅިގެން ސަރުކާރުން އަދި ޖަވާބެއް ނުދޭ ކަމަށް ވެސް އެމްއެމްސީން ބުންޏެވެ.
އެމްއެމްސީން ބުނި ގޮތުގައި މި މައްސަލަ ތަހުގީގުކޮށް ފިޔާޒުއަށް ރައްކާތެރިކަން ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)، ރާއްޖޭގައި ހުންނަ އދ. ގެ އޮފީސް، އަދި ޔޫއެންއޯޑީސީގައި ވަނީ އެދިފަ އެވެ.
ރައީސްގެ އިންޒާރާ ގުޅިގެން ސަރުކާރުން މިހާތަނަށް އެއްވެސް ބަހެއް ނުބުނެ އެވެ.
މި މައްސަލައާ ގުޅިގެން ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ރައްކާތެރިކަން ދީފައިވޭތޯ ސާފުކުރުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މަޖިލީހަށް ހާޒިރުކުރުމަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެދިފައިވެ އެވެ.
ހުކުރު ދުވަހުގެ ރޭ ރައީސް ގުޅުއްވާ މިނެޓެއްހާ އިރަށް ދިގުދެމިގެންދިޔަ އެ ފޯނު ކޯލުގައި ފިޔާޒުއަށް ރައީސް އިންޒާރު ދެއްވީ އަދަދު ނޫހާއި ފިޔާޒު އާމެދު އެޅުއްވެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވިދާޅުވެ އެވެ.
އަދަދު ނޫހުގެ ނޫސްވެެރިންނަށާއި ފިޔާޒުއަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ ރައީސް ތިން ފަހަރު ފިޔާޒުއަށް އިންޒާރު ދެއްވި އެވެ.
މި މައްސަލަ ކުށްވެރިކޮށް އެ މައްސަލަ ވީހާ ވެސް އަވަހަކަށް ތަހުގީގު ކޮށްދިނުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިންވެސް ފުލުހުންނަށް ގޮވާލާފައިވެ އެވެ.
އެ ޖަމިއްޔާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގައުމުގެ އެންމެ އިސްވެރިޔާގެ ފަރާތުން ނޫސްވެރިންނަށް އިންޒާރު ލިބުމަކީ އެމްޖޭއޭއިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ އިންޒާރުގެ ސަބަބުން ފިޔާޒު އާއި މި ނޫހުގެ ނޫސްވެރިން ވެސް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި، ނޫސްވެެރިންނަށް ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގަށް ވަރަށް ބޮޑަށް ހުރަސް އެޅިގެންދާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެމްޖޭއޭގެ އިތުރުން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އަދި އާންމުންގެ ގިނަ ބަޔަކު ވެސް ދަނީ މިކަން ކުށްވެރިކޮށް، މި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ