ވީއައިއޭގެ އާ ޓާމިނަލް އޮކްޓޯބަރުގެ ކުރިން ހުޅުވަން އަމާޒުކޮށްފި

އަންނަ އޮކްޓޯބަރު މަހުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ބާއްވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރަން ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ތަފްސީލް - އޭގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ މި އަހަަރުގެ އޮކްޓޯބަރު މަހުގެ ކުރިން ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލް ހުޅުވާ، މި އަހަރު ތެރޭ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ ގަން އެއާޕޯޓުގެ މަސައްކަތް ނިންމައި ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހަނިމާދޫ އަދި އައްޑޫ އެއާޕޯޓުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގަ އެވެ.
ތިން އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން، އެތެރޭގެ ދަތުރުތައް ކުރާ އެއާޕޯޓުތައް ތަރައްގީކޮށް، ވައިގެ ދަތުރުފަތުރުން ރާއްޖެ ގުޅާލުމަށް ކުރާ މަސައްކަތް ވެސް ރައީސް މިއަދު ފާހަގަ ކުރެއްވި އެވެ. އެގޮތުން، އެ މަނިކުފާނު ވިދާޅުވީ:
މ. މުލީ އެއާޕޯޓު އޭޕްރީލް މަހު ހުޅުވަން މަސައްކަތް ކުރަމުން އެބަދޭ
އެ މަނިކުފާނުގެ ވައުދުވެވަޑައިގެންފައިވާ ގޮތަށް ފ. ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށި، އއ. މަތިވެރި، ގދ. ކާޑެއްދޫ، ގއ. ވިލިނގިލި، ށ. މިލަންދޫ، ށ. ކޮމަންޑޫ، ށ. ބިލެތްފަހި، ރ. ފައިނު، ހއ. ދިއްދޫ، ރ. އަލިފުށި، ބ. ތުޅާދޫ އަދި ލ. ކައްދޫ އެއާޕޯޓުގެ މަސައްކަތް އަހަރުގެ އެކި ހިސާބުތަކުގައި ކުރިއަށް ދާނެ
ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫ އެއާޕޯޓުގެ ހިދުމަތް ފުޅާކުރުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް މި އަހަރު މަސައްކަތް ފަށާނެ
ފާހަގަ ކުރެވޭ - އަންނަ އޮކްޓޯބަރުގެ ކުރިން ވީއައިއޭގެ އާ ޓާމިނަލް ހުޅުވޭނެ ކަމަށް ރައީސް ވިދާޅުވި އިރު، މީގެ ކުރިން ސަރުކާރުން މަސައްކަތް ކުރީ މިދިޔަ އަހަރުގެ ޓޫރިޒަމް ސީޒަން ފެށޭއިރަށް ޓާމިނަލުން ބައެއް ހުޅުުވުމަށެވެ.
ނަމަވެސް އެއާލައިން އޮޕަރޭޓާސް ކޮމިޓީ (އޭއޯސީ)ގެ ލަފާގެ މަތިން ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމުމަށް ފަހު ހުޅުވަން ނިންމީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ