އީރާން ވުޖޫދުންވެސް ފުހެލާނަން، ނަމަވެސް އީރާނުގެ ރައީސް އާ ބައްދަލުކުރަން ބޭނުން: ޓްރަމްޕް

ވޮޝިންޓަން (5 ފެބްރުއަރީ 2025): އީރާނަށް އޮތީ ހިތި ދުވަސްތަކެއް ކަމަށާއި އީރާން އިނދަޖައްސާލާނެ ކަމަށާއި އެހެން ނަމަވެސް އީރާނުގެ ރައީސްއާ ބައްދަލުކުރަން ތައްޔާރަށް ހުންނެވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ބައިނަލްއަގްވާމީ ކޯޓުން ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ ވޯންޓެޑް މީހެއްކަމަށްވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ވައިޓް ހައުސްގައި ބައްދަލުކުރެއްވުމަށްފަހު ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ އީރާން މުޅިން އިނދަޖައްސާލެވޭ ވަރުގެ ހަރުކަށި ޕްރެޝަރުތަކެއް އެގައުމަށް ކުރައްވާނެ ކަމަށާއި އީރާނުގެ ތެޔޮވެސް ގޭސްވެސް އެއްވެސް ވަރަކަށް ނުވިކޭވަރު ކޮށްލާނެ ކަމުގައެވެ. އަދި މިކަން ކުރުމުގެ ހައްގު އެމެރިކާއަށް އެބައޮތް ކަމުގައެވެ. އެމްނެސްޓީ އިންޓަނޭޝަނަލްއިންވަނީ ނަތަންޔާހޫ އާ ބައްދަލުކޮށް މަޝްވަރާ ކުރުމުގެ ބަދަލުގައި އޭނާ ހައްޔަރުކޮށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓާ ހަވާލުކުރުމަށް ޓްރަމްޕަށް ގޮވާލައި ބަޔާނެއް ނެރެފައެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި އޭނާ އަވަހާރަކޮށްލަން އީރާން އުޅެފިނަމަ އީރާން ދުނިޔޭން ނައްތާލައި ވުޖޫދުންވެސް ފުހެލާނެއެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި އީރާން އޮތީ ބޭނުންއިރަކު ނިއުކްލިޔާ ބޮން ހެދޭނެ ހާލަތެއްގައެވެ. އެއީ ވަރަށް ނުރައްކާތެރި ހާލަތެކެވެ. އީރާންވަނީ ދުވަހަކުވެސް އެގައުމު ގާތްނުވާވަރަށް ނިއުކްލިޔާ ހަތިޔާރު އުފެއްދުމާ ގާތްވެފައި ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވިގޮތިގައި މިކަން ހުއްޓުވުމަށްޓަކައާއި ނިއުކްލިޔާ ހަތިޔާރު އުފައްދައިގެން ނުވާނެކަން އީރާނަށް ވިސްނައި ދިނުމަށްޓަކައި އީރާނުގެ ރައީސް ޑރ. މަސްއޫދު ބަޒެޝްކިޔާން އާ ބައްދަލުކުރަން އޭނާ ހުންނެވީ ތައްޔާރަށެވެ. ޓްރަމްޕް އިއްޔެވަނީ އީރާން އިނދަޖައްސާލުމަށް އަމާޒުކޮށް އެެމެރިކާއިން އީރާނާ ދެކޮޅަށް ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ރިޔާސީ ގަރާރެއްގައި ސޮއިކުރައްވާފައެވެ. އެެހެން ނަމަވެސް އެގަރާރާ ބޭހޭގޮތުން މިއަދު ޓްރަމްޕް ވިދާޅުވީ މުޅިން އެހެން ވާހަކަތަކެކެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި އެއީ ވަރަށް ހަރުކަށި ގަރާރެކެވެ. އެގަރާރުގައި ސޮއިކުރަން އޭނާއަށް ވަރަށް އުނދަނގޫވިއެވެ. އެެހެންކަމުން އީރާން އިނދަޖައްސާލުމުގެ ގަރާރަށް އަމަލުކުރަން ނުޖެހޭގޮތަށް ކަންތައް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް އިއްޔެ ސޮއިކުރެއްވި އީރާން އިނދަޖައްސާލުމުގެ ގަރާރުގައި ވަނީ އީރާނުން ގޭހާއި ތެޔޮ ބޭރުކުރާ މިންވަރު ސުމަކަށް ގެނައުމަށް އެމެރިކާގެ ޚާރިޖީ ވުޒާރާ އަށާއި މާލީ ވުޒާރާއަށް އަމުރު ކުރައްވާފައެވެ. ޓްރަމްޕްގެ މިގަރާރަށް ފާޑުކިޔާ ފަރާތްތަކުން ވަނީ ޓްރަމްޕްގެ މޮޔަކަމާމެދު މަލާމާތް ކޮށްފައެވެ. އީރާންގެ ތެޔޮ މައިގަނޑު ގޮތެއްގައި ގަންނަ ގައުމަކީ ޗައިނާ ކަމަށްވާއިރު ޗައިނާގެ އޮއިލް ޓޭންކަރުތަކުން އީރާނުގެ ތެޔޮ ގަނެގެން ގެންދާއިރު އެއަށް ހަމަލާދޭން އެމެރިކާއަށް ކެރިދާނެތޯ ސުވާލު އުފައްދާފައެވެ. އަދި އީރާނާއި ރަޝިއާ އާ ދެމެދުގައިވާ އެމެރިކާއަށް އެކްސެސްނެތް ބަންދު ކަނޑެއްކަމަށްވާ ކެސްޕިޔަން ކަނޑު ހުރަސްކޮށް އީރާނާއި ރަޝިއާ އެދެގައުމުގެ އާގު ބޯޓުތަކުގައި ކުރަމުން ގެންދާ ވިޔަފާރީގެ މުއާމަލާތްތަކަށް އެމެރިކާ ހުރަސްއަޅާނީ ނުވަތަ ހުއްޓުވާނީ ކޮންގޮތަކަށްތޯ ބުނެ ޓްރަމްޕަކީ މޮޔައެއްތޯ ސުވާލު އުފައްދާ ފައެވެ. ޓްރަމްޕްގެ ފުރަތަމަ ދައުރުގައިވެސް އީރާން އިނދަޖައްސާލުމަށްޓަކައި ވަރަށް ގިނަ ގަރާރުތައް ނެރުއްވިއެވެ. އަދި ވަރަށް ބޮޑެތި ބިރުތައްވެސް ދެއްކެވިއެވެ. ނަމަވެސް އެގަރާރުތައް ތަންފީޒު ކުރުމުގައި އެމެރިކާ ވަނީ ނާކާމިޔާބުވެފައެވެ. އަދި އެމެރިކާގެ ފިޔަވަޅުތަކުން ސަލާމަތްވާނެ އެތަށް ގޮތްތަކެއް އީރާން ވަނީ ހޯދާފައެވެ. އެދުވަސްވަރަށް ވުރެ ބޮޑަށް މިއަދު ޗައިނާއާއި ރަޝިއާ އީރާން އާ ވަނީ ގާތްވެފައެވެ. އެދެގައުމާއެކު އީރާންވަނީ ސްޓްރެޓީޖިކް ޕާޓްނާޝިޕް އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. އަދި އެމެރިކާ މިއަދުވަނީ ދުނިޔޭގައި ކުރިޔަށް ވުރެ ބޮޑަށް އެކަހެރިވެފައެވެ. ޓްރަމްޕް ވަނީ އެމެރިކާއިން ފަލަސްތީނުގެ ޣައްޒާ ހިފައި ޣައްޒާ އެމެރިކާގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސް ޣައްޒާގެ ރައްޔިތުން ޣައްޒާއިން ބޭރުކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ. ޣައްޒާގެ މިލްކުވެރިކަން އޮންނަން ޖެހޭނީ އެމެރިކާއަށް ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އެމެރިކާގެ ކޮންގްރެސްގެ މެދުމިނުގެ ޚިޔާލުގެ ބައެއް މެންބަރުންވެސް ވަނީ ޓްރަމްޕަކީ ބޯ ހަމަޖެހޭ މީހެއްތޯ ނޫނީ އޭނާއަކީ ހަމަ މީހެއްތޯ ސުވާލު އުފައްދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ