ލަންޑަން (މެއި 17) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ލީގުގެ ހަތަރު ވަނަ އަށް ޖެހިލިއިރު، އެސްޓަން ވިލާ އިން 2-0 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ޖާގަ ހޯދުމުގެ ރޭހުގައި ފިޔަވަޅެއް ކުރިއަށް ގޮސްފި އެވެ.
މި ފަހަރު ޕްރިމިއާ ލީގުގެ ގަދަ ފަސް ޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގަ ލިބޭއިރު، މި ވަގުތު އޭގެއިން މަގާމެއް ޔަގީންކޮށްފައި އޮތީ ލީގު ޗެމްޕިއަންކަން ހޯދި ލިވަޕޫލުންނެވެ. ލިވަޕޫލަށް، 36 މެޗުން 83 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އާސެނަލަށް 36 މެޗުން 68 ޕޮއިންޓް ވަނީ ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް 36 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ޗެލްސީ އާއި ފަސް ވަަނައިގައި އޮތް ވިލާ އަށް 66 ޕޮއިންޓް ހަމަކުރެވުނީ 37 މެޗުންނެވެ. އަދި ހަ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 36 މެޗުން 65 ޕޮއިންޓް ލިބިފަ އެވެ.
ޗެލްސީގެ ދަނޑު ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މެޗުގައި ޔުނައިޓެޑުގެ ހެރީ މެގުއާ ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު 71 ވަނަ މިިނިޓްގައި ޗެލްސީ އަށް ޖަހައިދިނީ، ރީސް ޖޭމްސް ނަގައިދިން ހުރަހަކުން މާކް ކުކުރޭއާ ބޮލުންނެވެ.
ޔުނައިޓެޑް މި ފަހަރުގެ ލީގުގައި 18 ވަަނަ މެޗުން ބަލިވިއިރު، މިއީ، އެ ޓީމަށް މޮޅެއް ނުލިބި ޖެހިޖެހިގެން ލީގުގައި ނިންމާލަން ޖެހުނު އަށް ވަަނަ މެޗެކެވެ. މިއާއެކު، ލީގުގެ ދަށް ރެކޯޑަކާ ޔުނައިޓެޑުން ހަމަކުރީ އެެވެ. ޔުނައިޓެޑް، ލީގުގެ 16 ވަނައިގައި އޮތީ 37 މެޗުން 39 ޕޮއިންޓާ އެކު އެވެ.
ޓޮޓެންހަމް އަތުން ވިލާ މޮޅުވިއިރު، ދެ ގޯލު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި އެޒްރީ ކޮންސާ ޖެހިއިރު، އަނެއް ގޯލު ޖެހީ އޭރިއާ ރޮނގުކައިރިން ތިރީ ކަނަށް ބޯޅަ ފޮނުވާލި ބައުބަކާ ކަމާރާ އެވެ.
ލީގުގެ 17 ވަނައިގައި އޮތް ޓޮޓެންހަމް އަށް 37 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު މި ވަނީ ސީޒަނުގައި، ހުރިހާ މުބާރާތެއްގައި 25 މެޗުން ބަލިވެ، ކްލަބް ތާރީހުގައި އެންމެ ދަށް ސީޒަނުގެ ރެކޯޑާ އެއްވަރުވެފަ އެވެ. މީގެ ކުރިން، ޓޮޓެންހަމް އެއް ސީޒަނެއްގައި މިހާ ގިނަ މެޗުން ބަލިވީ، 1991/1992 ވަނަ އަހަރުގެ ސީޒަނުގަ އެެވެ.
ދަށް ރެކޯޑުތަކާ އެކު، މި ސީޒަން ނިންމާލަން ޖެހޭ ޓޮޓެންހަމާއި ޔުނައިޓެޑަށް ތަށްޓެއް ހޯދައި، ޗެމްޕިއަންސް ލީގަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އެއީ، މި ދެ ޓީމު އަންނަ ބުދަ ދުވަހުގެރޭ ޔޫރޮޕާ ލީގުގެ ފައިނަލުގައި ކުޅޭއިރު، މޮޅުވާ ޓީމަކަށް ވެސް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގަ ލިބޭނެ އެވެ.
ޔުނައިޓެޑް ބަލިކޮށް ޗެލްސީ ހަތަރަކަށް، ވިލާ ވެސް ޓްރެކުގައި ޔުނައިޓެޑް ބަލިކޮށް ޗެލްސީ ހަތަރަކަށް، ވިލާ ވެސް ޓްރެކުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ