ޢާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ޤައުމުގެ ކުރިއެރުން ހަލުވިވެގެންދޭ: ރައީސް

ދިވެހި ޢާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ޤައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާވެގެންދާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޢާއިލާތަކުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައި އެމަނިކުފާނު ވަނީ، ދިވެހި ކޮންމެ ޢާއިލާއަކަށް ފަހިކަމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައެެވެ. އަދި، އިސްލާމްދީނުގައި އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދީފައިވަނީ ޢާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް ކަމަށް ވިދާޅުވެ، ޤައުމުގެ ތަރައްޤީއާއި ޢާއިލާތަކުގެ ގުޅުމުގެ މައްޗަށް އެމަނިކުފާނުގެ ޕޯސްޓްގައި އަލިއަޅުއްވާލައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ދިވެހި ކޮންމެ ޢާއިލާއަކަށް ފާގަތި ދުވަސްތަކެއް ހޯދައި ދިނުމުގައި މާތް ﷲ ނަޞްރާއި ކާމިޔާބީ މިންވަރުކުރެއްވުމަށްވެސް އެދިވަަޑައިގަންނަވާފައިވެއެވެ.
ދިވެހިރާއްޖެއަކީ ޤައުމުގެ އިޖްތިމާޢީ ތަރައްޤީގައި ޢާއިލާތަކުގެ މުހިންމު ދައުރެއް އޮންނަކަން އަބަދުވެސް ޤަބޫލުކުރާ ޤައުމެކެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ޕްލޭންތަކުގައި ސިޔާސަތުތައް ހިމެނުމުގައި ޢާއިލާތަކަށް އަމާޒުކޮށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވެއެވެ. މީގެ ތެރޭގައި އާސަންދަ ޞިއްޙީ ޚިދުމަތުގެ ނިޒާމް ތަޢާރަފްކުރުމާއި، ޗައިލްޑް އެންޑް ސޯޝަލް ޕްރޮޓެކްޝަން ސާރވިސްގެ ޚިދުމަތް ފުޅާކުރުމާއި، އެކަނިވެރި މައިންނާއި ބަފައިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މުސާރަ ލިބޭ ވިހެއުމުގެ ޗުއްޓީ، މައިންނަށް 6 މަހަށް އަދި ބައްޕައިންނަށް 1 މަހަށް އިތުރުކުރުން ފަދަ ކަންކަމަކީ، މުޖުތަމަޢުގެ އެންމެ އަސާސީ ބިންގާ ކަމުގައިވާ އާއިލާތައް ހަރުދަނާކޮށް، ޢާއިލާތަކުގެ ތެރެއިން މުޖުތަމަޢަށް ނިކުންނަ ކުދިންނަކީ ދުޅަހެއު، ތަޢުލީމީ ގޮތުން ކުރިއަރާފައިވާ، އުފެއްދުންތެރި ރައްޔިތެއްކަން ކަށަވަރުކުރުމާއެކު ޢާއިލާތައް ބާރުވެރިކުރުމަށް ޤާއިމްކުރެވިފައިވާ މުހިންމު ސިޔާސަތުތަކެކެވެ. މީގެ އިތުރުން، މިދައުރުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ހޮސްޕިޓަލެއް ތަރައްޤީކޮށް، ހިންގަން ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ