ސްރީލަންކާގެ މަސް ބޯޓެއް, އޮޔާދާތީ ސިފައިން އެހީތެރިވަނީ
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން, އަވައްޓެރި ސްރީލަންކާގެ މަސް ބޯޓެއް އޮޔާދާތީ އެހީތެރިވުމުގެ މަސައްކަތް, ދިވެހި ސިފައިން ފަށައިފިއެވެ. އެމްއެންޑީއެފްއިން މިއަދު ބުނީ ސްރީލަންކާގެ މަސްބޯޓު "ސަންޑާލީ ވެލެންޓިނާ" އޮޔާދާކަމުގެ މަޢުލޫމާތު، ސްރީލަންކާގެ ކަމާބެހޭ އިދާރާތަކުން އެމްއެންޑީއެފް ކޯސްޓްގާޑަށް ދިނުމާއެކު، ކޯސްޓްގާޑުން ދިޔައީ އެ ބޯޓު މޮނީޓާކުރަމުން ކަމަށެވެ. މި ބޯޓް މިދިޔަ ބުރާސްފަތި ދުވަހު އޮތީ އައްޑޫ ސިޓީ ހިތަދޫގެ ހުޅަނގުން 70 ނޯޓިކަލް މޭލު ބޭރުގައެވެ. އަދި އެ އުޅަނދު އޮޔާ އަންނަނީ އައްޑޫސިޓީ ހިތަދޫ ކޯއްޓޭއާ ދިމާލަށް ކަމަށް އޭރު އެމްއެންޑީއެފްއިން ބުންޏެވެ. މި ބޯޓަކީ ފެހިކުލައާއި ނޫކުލަ ލާފައިވާ އުޅަނދެކެވެ. އޮޔާ ދަމުން ދިޔަ ބޯޓް ބުރާސްފަތި ދުވަހު ލޮކޭޓް ކުރެވުނު ސަރަހައްދު-- ފޮޓޯ: އެމްއެންޑީއެފް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓުގާޑުގެ ފާސްޓް އިންޓަސެޕްޓަ ކްރާފްޓް "ދޮށިމޭނާ" ގައި ސިފައިން ވަނީ އެ ބޯޓު އޮޔާދާ ސަރަހައްދަށް ދަތުރުކޮށް، މިއަދު ހެނދުނު 08:05 ހާއިރު، އައްޑޫ ސިޓީގެ ހުޅަނގުން، 15 ނޯޓިކަލް މޭލު ބޭރުން އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އޮޔާދާ އެ ބޯޓުގައި ހަ ފަޅުވެރިން ތިބިއިރު، އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ސިފައިން ބުންޏެވެ. މިއީ ސްރީލަންކާގެ މަސްވެރިން އާއްމުކޮށް ބޭނުން ކުރާ ޒާތުގެ ބޯޓެކެވެ. މިފަދަ ބޯޓްތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް އަތުލައިގަތުމަކީ ވަރަށް އާއްމު ކަމެކެވެ. އަދި މަދުން ނަމަވެސް ހާލުގައި ޖެހިގެން ވެސް ރާއްޖެ ސަރަހައްދަށް މިފަދަ ބޯޓްތައް ވަދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ