އަނިޔާ ލިބުނު ކުޑަކުދިންގެ ތެރެއިން އެންމެ ގިނައީ ޖިންސީ އަނިޔާ ލިބުނު ކުދިން އަނިޔާ ލިބުނު ކުޑަކުދިންގެ ތެރެއިން އެންމެ ގިނައީ ޖިންސީ އަނިޔާ ލިބުނު ކުދިން

އެކި ގޮތް ގޮތުން އަނިޔާ ލިބުނު ކުޑަކުދިންގެ ތެރެއިން ރާއްޖޭގައި އެންމެ ގިނައީ ޖިންސި އަނިޔާ ލިބުނު ކުދިން ކަން ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހޮނިހިރު ދުވަހު އާންމު ކުރި ހިސާބުތަކުން އެނގޭ ގޮތުގައި 264 ކުއްޖަކަށް 2023 ވަނަ އަހަރު ވަނީ ޖިންސީ ގޯނާ ލިބިފަ އެވެ.
ހިސާބުތަކުން އެނގޭ ގޮތުގައި، އެހެން ހުރިހާ ބާވަތެއްގެ މައްސަލަތަކަކަށްވުރެ ރާއްޖޭގައި ގިނައީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކެވެ. ދެން އެންމެ ގިނައީ ކުޑަކުދިންނަށް ޖިސްމާނީ އަނިޔާ ލިބުނު މައްސަލަތަކެވެ. މައުލޫމާތުތަކުން އެނގޭ ގޮތުގައި 2023 ވަނަ އަހަރު 191 ކުއްޖަކަށް ވަނީ ޖިސްމާނީ އަނިޔާ ލިބިފަ އެވެ.
އޭގެ އިތުރުން، ކުޑަކުދިންނަށް އަޅައިނުލުމާއި އަނގަބަހުން ނުވަތަ ނަފުސާނީ ގޮތުން ކުޑަކުދިންނަށް ކުރެވޭ އަނިޔާ އާއި ބުލީ ކުރުމުގެ މައްސަލަތަކާއި އިންޓަނެޓު މެދުވެރިކޮށް ބުލީ ކުރުމުގެ މައްސަލަތަކާއި ނަހަމަ ގޮތުގައި ކަންކަން ކުރުވުމުގެ މައްސަލަތަކާއި އަމިއްލަ ނަފުސަށް ގެއްލުންދިނުމުގެ މައްސަލަތައް ވެސް 2023 ވަނަ އަހަރު ހުށަހަޅާފައިވެ އެވެ.
ޖިންސީ ކުށުގެ މައްސަލައަކީ ދިވެހިރާއްޖޭގައި އެންމެ ބޮޑު އެއް މައްސަލަ އެވެ. މި އަހަރުގެ މިހާތަނަށް ވެސް އެފަދަ 76 މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާފައިވެ އެވެ. އަދި ހާއްސަކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރާއްޖޭގައި ގިނަ އެވެ.
ޔުނިސެފުން ހަދާފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި ރާއްޖޭގެ ކޮންމެ ތިން އަންހެން ކުދިންގެ ތެރެއިން އެއް ކުއްޖަކު ޖިންސީ ގޯނާއާ އޭނާގެ ހަޔާތުގައި މަދުވެގެން އެއް ފަހަރު ކުރިމަތިލާންޖެހެ އެވެ. ރާއްޖޭގެ ކުޑަކުދިންގެ ތެރެއިން 15 ޕަސެންޓު ކުދިން ޖިންސީ ގޯނާގެ ޝިކާރައަށްވެފައިވާ ކަމަށް ވެސް ދިރާސާތަކުން ދައްކަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ