ދައުލަތުގެ ވަޒީފާއެއްގައި ތިބެ މަހުޖަނުންނަށް ވާ ވެރިން މިއަދު ވެސް ކ. މާފުއްޓަށް އަރާބަލާށެވެ. އެ ވެރިންނަށް ތައުރީފްކުރުމާއި ހޫނު މަރުހަބާކިޔުމާއި އެ މީހުންގެ މޮޅު ވާހަކަައިން އަމުނާ ގަތާނެ އެވެ.
އެކަމަކު މާފުށީގެ ފިހާރަކުން 'ކުޑަ ވައްކަމެއް' ކޮށްލި ކުޑަ ވަގަކަށް ހަދާލި ގޮތް ދެކިބަލާށެވެ. އޭނާ ފިހާރައިން ނެެރެ މަގުމަތީގައި ބައިންދައި، ހުދު ކުލަ ފާޓާއަކުން މުޅި ގައިގައި ކުލަ އުނގުޅަން މަޖޫބުރުކުރެ އެވެ. އޭގެ ފަހުން އެ ކުލަ ފާޓާ ބޮލަށް އަޅާލައި، މުޅި ގައި ހުދުކޮށްލަ އެވެ.
ސޯޝަލް މީޑިއާގައި އެ މަންޒަރަށް ލިބުނީ ތައުރީފަށް ވުރެ ބޮޑަށް ފާޑުކިޔުމެވެ. ގެސްޓްހައުސްގެ 'ނަމޫނާ ރަށުން' އެފަދަ ނާތަހުޒީބު އަމަލެއް ފެނުމުން ދެރަވި މީހުން ގިނަ އެވެ.
އެއްޗެއް ގަންނަ ކަމަށް ހަދައިގެން ފިހާރަތަކަށް ވަދެ 'ކުދިކުދި' ވައްކަންކުރުމަކީ މިއަދު ރާއްޖޭގައި އާންމު ކަމެކެވެ. އެކަން ނުހުއްޓުވިގެން އުޅޭ ސަބަބުތައް އެންމެންނަށް ވެސް އެނގެ އެވެ. މަސްތުވާތަކެތީގެ ވިހަ އާދައިން ދިރިއުޅުން ހަލާކުވެފައި ތިބި ޒުވާނުންނެވެ. ރަނގަޅު ތަރުބިއްޔަތުގެ ހިމާޔަތުން ބޭރުން ބޮޑުވެފައިވާ ޒުވާނުންނެވެ. އާއިލާ ރޫޅި، ނުވަތަ އާއިލާގެ އަޅާލުން ނުލިބި މަގު ގެއްލިފައިވާ ޒުވާނުންނެވެ.
ހަލާކުގެ އެ މަގުން ހިނގަމުން އަންނަ ބޮޑު އާބާދީއެއް ރާއްޖޭގައި އެބަ އޮތެވެ. އެމީހުންގެ އުނދަގޫ ނުޖެހޭ ރަށެއް ނެތެވެ. ގަބޫލުކުރަން ބޭނުން މި ރީތި ގައުމު މިދަނީ އިޖުތިމާއީ ބޮޑު ބައްޔެއް ތަހައްމަލްކުރަމުންނެވެ.
ނަމަވެސް ހަނދާންކުރާށެވެ! ވަގުންނަށް އަދަބު ދިނުން އޮންނަނީ އާންމު މީހާގެ އަތްމައްޗަކު ނޫނެވެ. ފުލުހުން ގެންގޮސް އޭނާ ވައްދާ ދޮރުން އެ ވަގުތު ނެރެ ދޫކޮށްލިޔަސް، ކުށަށް އަދަބު ދިނުމާއި މައްސަލަތައް ހައްލުކުރަން އެއްބަޔަކު އަނެއް ބައެއްގެ ގަޔަށް އަތްނުލައި ދާން ޖެހޭ އިދާރާތައް އެބަ ހުއްޓެވެ. އާނއެކެވެ: އިންސާފު ލިބުމުގައި ކިތައްމެ ދައްޗެއް ފެންނާނެ އެވެ. ނަމަވެސް ގައުމެއްގައި ކަނޑައަޅާފައި އޮންނަ ނިޒާމުގެ ބޭރުން އެއްވެސް މީހަކަށް އަނެކަކަށް އަނިޔާއެއް ނުދެވޭނެ އެވެ.
ކުޑަ ވަގުން އެބަ ބޭޒާރުކޮށްލެވެ އެވެ. ނަމަވެސް ގައުމުގައި އުފެދުނު/އުފެދެމުން ދާ ބޮޑެތި ވަގުން ހިމާޔަތްކުރުމުގައި ޕާޓީގެ ސަޕޯޓަރުން އެ ތިބެނީ ކުރީގަ އެވެ. އޭރަކު އޮންނަ ސަރުކާރަކުން ވަޒީފާއެއް ލިބިއްޖެ ނަމަ، ސަރުކާރުގެ ވެރިންގެ ހުރިހާ އަމަލެއް ހުދު ފޮތިކޮޅަކަށް ހަދާލަ އެވެ.
އާންމު ވިސްނުމުގައި މި ފެންނަނީ ތިމާގެ އަމިއްލަ އެއްޗެއް ވަގަށް ނަގާ މީހާ ވަގަަކަށް ވާތަނެވެ.
މީގެ އަހަރުތަކެއް ކުރިން އަޅުގަނޑު ޓެކްސީއަކަށް އެރީމެވެ. ދަތުރު ފެށީއްސުރެ ޑްރައިވަރު ވާހަކަ ދައްކަމުން ދިޔައީ ސަރުކާރުގެ ވެރިންގެ ދިފާއުގަ އެވެ. ހިޔާނާތުގެ ފައިސާއިން އެތައް ބަޔަކު މުއްސަނދިވަމުން ދިޔަކަން އޭނާއަށް ވެސް އެނގެ އެވެ. ނަމަވެސް އެއީ ކޮންމެ ސަރުކާރެއްގައި ވެސް ކަން އޮތް ގޮތް ކަމަށް ބުނެ، އޭނާ އިނީ ސަރުކާރު ދިފާއުކުރުމުގެ އައްޑަނަ ހިފައިގެންނެވެ.
ދަތުރު ނިންމާފައި ކާރުން ފޭބުމުގެ ކުރިން އަޅުގަނޑު ބުނީމެވެ: މި ކާރު ބާއްވާފައި އޮއްވާ ކާރުން ވައްކަންކޮށްގެން މީހަކު ދިޔައިމާ ފުލުހުންނަށް ގުޅާނެ ކަމެއް ނެތެވެ. ވަގަށް ގެންދިޔަ އެއްޗަކީ އެ ގެންދިޔަ މީހާއަށް ލިބެން ހުރި އެއްޗެއް ކަމަށް ބަލާނީ އެވެ.
ދައުލަތުގެ ފައިސާ ވަގަށް ނެގީމާ އެއީ މައްސަލައަކަށް ނުވަނީ އަމިއްލަ ޖީބުގައި އޮތް އެއްޗެއް ވަގަށް ގެންދިޔަކަމުގެ އިހުސާސް ނުކުރެވޭތީ އެވެ. އެކަމަކު ދައުލަތުގައި ހުންނާނީ އަހަރެމެން އެންމެންގެ ފައިސާ އެވެ. އެންމެންގެ ހައްގެވެ. އެންމެންގެ މުއްސަނދިކަމެވެ. އެއަށް ހިޔާނާތްވާ މީހާއަށް ވުރެ ވަކިން ބޮޑު ވަގެއް ހުންނާނެ ހެއްޔެވެ؟
އެކަމަކު ސިޔާސީ ކަންކަމުގައި މިވަނީ އެހެން ގޮތެކެވެ. އެތައް ވެރިންނެއް މުއްސަނދިވެ، މަތިމައްޗަށް ގެދޮރު ނަގައި، އެތައް ބިމަކާއި އެޕާޓްމަންޓްތަކެއް ގަނެ، ބޮޑެތި އިންވެސްޓްމަންޓްތައް ކުރަމުން އެ ދަނީ އަހަރެމެން އެންމެންގެ ކުރިމަތީގަ އެވެ. އިއްޔެ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ދެއްކި ވާހަކަ ބަލާބަލާށެވެ. މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިހާރު ފެންނަނީ ހިޔާނާތުގެ މައްސަލަތަކާ ދެކޮޅަށް އެންމެ ބޮޑަށް ވާހަކަ ދައްކަވާ މެމްބަރުގެ ގޮތުގަ އެވެ. އޭނާއާ މެދު އިހަށް ނުވިސްނާށެވެ. އޭނާ ދެއްކެވި ވާހަކައަށް ވިސްނާލާށެވެ.
"ނުހައްގުން ހޯދާ ހުރިހާ ފައިސާއެއް މިހިރީ ހުޅުމާލޭގެ، ބިންތަކާއި އެޕާޓްމަންޓުތަކަށް އިންވެސްްޓްކޮށްފައި. އަނެއްކާ އެ ފައިސާ މިހުންނަނީ ފަށަލަކޮށްފައި އެސެޓްތަކަށް ބަދަލުކޮށްފައި. އެ އެއްޗިހި ގަނެ ވިއްކައި ފައިދާ މި ހޯދަނީ. އެކަންކަމުގެ ފަހަތުން ގޮސް އެތަކެތި ދައުލަތަށް އެބަ ހޯދަން ޖެހޭ،" ނާޒިމް ވިދާޅުވި އެވެ.
މިއީ ވިސްނާ ދިވެހިންނަށް ނޭނގޭ ކަމެއް ނޫނެވެ. އެ މުއްސަނދިކަން ހޯދި/ހޯދާ މީހުން ތިބީ "ސިޔާސީ ހިމާޔަތު"ގަ އެވެ. އޭރަކު އޮންނަ ސަރުކާރަށް ކުރެވޭނެ ކަމަކީ ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތުގެ އަމަލުތައް (އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން އުޅޭނީ އެންމެ ކުރީގަ އެވެ.) ހިމާޔަތްކޮށްފައި، ކުރީ ސަރުކާރުގެ މީހުންގެ މައްސަލަތައް ބެލުމެވެ. އެ ބެލުން ވެސް އޮންނާނީ އަމާޒުފަތްގަނޑަކަށް ވާ މަދު ބަޔަކާ ދެކޮޅަށެވެ.
އެއް ސަރުކާރުން އަނެއް ސަރުކާރަށް ބަދަލުވާ އިރު އާންމުންނަށް ނުފެންނަ/ ލިއުމުގައި ނެތް ފަހުމުނާމާއެއް އޮވެ އެވެ. އޭގެ މައިގަނޑު ވިސްނުމަކީ މި އެވެ: "ތިބާ ވައްކަން ކުރާށެވެ. އަހަރެމެން އަޅައެއް ނުލާނަމެވެ. އަހަރެމެން ވެސް ވައްކަން ކުރާނަމެވެ. ތިބާ ވެސް އަޅާނުލާށެވެ."
ނުލިޔެ، އަދި ސޮއި ވެސް ނުކޮށް އޮންނަ މި 'ފަހުމުނާމާ'ގެ ފައިދާ ސިޔާސީންނަށް ވަރަށް ބޮޑެވެ. ހިޔާނާތުގެ ކުށް ސާބިތުވީ ރާއްޖޭގެ ކިތައް ވެރިންނަށް ހެއްޔެވެ؟ ތިބާ އަމިއްލައަށް ޖަވާބު ދޭށެވެ. ބޮޑެތި ވަގުންގެ ގޮތުގައި ބެލިދާނެ އެތައް ބަޔަކު އެ އުޅެނީ ހަމަ އުފަލުގަ އެވެ. އެއީ ދިވެހި ރައްޔިތުންގެ ތެރޭގައި ހަމަ މަގުބޫލު، މޮޅެތި މީހުންނެވެ. އެ މީހުންގެ ފަސްބައި އެނގޭ އިރު ވެސް އަހަރެމެން ކުރަނީ ތައުރީފެވެ. އަހަރެމެން އުޅެނީ އެ މީހުންގެ ހިމާޔަތުގަ އެވެ. ކުލަ ފާޓާ ގެންގޮސް އޮއްސާލަނީ ފާރުތަކަށެވެ. ލިއެލަނީ ތައުރީފްގެ ބަސްތަކެވެ.
ފޭސްބުކުން ފެނުނު އެންމެ ޕޯސްޓެއް ހިއްސާކޮށްލާނަމެވެ. މިއީ އަހަރެމެންގެ ދިވެހިންގެ ގޮތެވެ.
މިއީ "ކުދިކުދި ވައްކަން ކުރާ "ކުޑަމީހާ" ފެނުނީމާ ބޮލަށް ކުލަފާޓާ އަޅާފައި، ދައުލަތުން ބޮޑެތި ބިޔަ ވައްކަން ކުރާ "ބޮޑެތި މީހުން" ފެނުނީމާ އަދަބު އިހުތިރާމުގެ ކުރުނީސް ކުރާ ރާއްޖެ" އެވެ.
ކުދިކުދި ވަގުންގެ ގަޔަށް ކުލަ ފާޓާ، ބޮޑެތި ވަގުންނަށް ތައުރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ