ބަންދު ނިމޭއިރަށް މޫސުން ގޯސްވެ، އުދަ އަރާނެ ކަމަށް ލަފާކޮށްފި

މިހާރު ކުރިއަށްދާ އީދު ބަންދު ނިމެންވާއިރަށް ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އުދަ އަރައިފާނެތީ ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ. މެޓުން ބުނީ އަންނަ ހޯމައިން ފެށިގެން ކުރިޔަށް އޮތް ފަސް ދުވަހަށް ކަނޑުތައް ގަދަވެ، ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށެވެ. އާންމު ގޮތެއްގައި ވައިޖެހޭނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށް ވަނީ ބުނެފައެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ. އެ ގޮތުން ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރެއެވެ. އަދި ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް މެޓުން އެދެއެވެ. ހައްޖު ދުވަހާއެކު މި ބަންދު ފެށިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ. ސްކޫލްތަކާއި އޮފީސްތައް އަލުން ހުޅުވޭނީ އަންނަ އަންގާރައިގައެވެ. މި މުއްދަތުގައި ލިބޭ ޗުއްޓީއަކީ ގިނަ އަދަދެއްގެ މީހުން ދަތުރުފަތުރު ކުރާ ދުވަސްތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ