އިއްތިހާދު އެއާވޭސް އިން އެމެރިކާއާއި އެކު 14.5 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް

އިއްތިހާދު އެއާވޭސް އިން އެމެރިކާއާއި އެކު 14.5 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާ އާއި އެމިރޭޓްސް އާ ދެމެދު ޖުމްލަ 200 ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކެއްގައި ސޮއިކުރެވުނު ކަމަށް އިއުލާނުކޮށްފައެވެ. މީގެ ތެރޭގައި އިއްތިހާދު އެއަރވޭސްއާއި ބޯއިންގ އަދި ޖީ.އީ އެއަރޯސްޕޭސް އާ ދެމެދު ވެވުނު 14.5 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހިމެނެއެވެ.
ވައިޓް ހައުސްއިން ބުނެފައިވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން އެތިހާދު އެއަރވޭސްއިން 28 ބޯއިންގ 787 އަދި 777އެކްސް މަތިންދާބޯޓު ގަތުމަށް ވަނީ އެއްބަސްވެފައެވެ. މި މަތިންދާބޯޓުތަކުގައި ބޭނުންކުރާނީ ޖީ.އީ އިން އުފައްދާ އިންޖީނުތަކެވެ.“777އެކްސް މަތިންދާބޯޓުތައް އިއްތިހާދުގެ ފްލީޓަށް އިތުރުކުރުމާއެކު، އެމިރޭޓްސް އާއި އެމެރިކާ އާ ދެމެދު އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ, މީގެ ސަބަބުން އެމެރިކާގެ އުފެއްދުންތެރިކަން އިތުރުވެ، އެކްސްޕޯޓް ކުރިއަރައިގެންދާނެ.” ވައިޓް ހައުސްއިން ބުނެފައިވެއެވެ.
މިހާރު ވެސް އިއްތިހާދު އެއަރވޭސްގެ ފްލީޓުގައި 100 އާ ގާތްކުރާ އަދަދަކަށް މަތިންދާބޯޓު ހިމެނޭއިރު، އެކުންފުނީގެ ސީ.އީ.އޯ އެންޓޮނޯއަލްޑޯ ނެވެސް ވިދާޅުވެފައިވަނީ މިއަހަރު 20 އާއި 22 އާ ދެމެދުގެ އަދަދަކަށް އައު މަތިންދާބޯޓު އިތުރުކުރާނެ ކަމަށެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް އިއްތިހާދުގެ ފްލީޓުގައި 170 އަށްވުރެ ގިނަ މަތިންދާބޯޓު ހިމެނޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިއްތިހާދު އެއަރވޭސްއަކީ އަބޫދާބީގެ 225 ބިލިއަން ޑޮލަރުގެ ވެލްތް ފަންޑު އޭ.ޑީ.ކިއުގެ ދަށުން ހިންގާ ކުންފުންޏެކެވެ. ފާއިތުވި އަހަރުތަކުގައި އެކުންފުނީގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މެނޭޖްމަންޓް ބަދަލުކުރުމަށްފަހު، މިހާރު ނެވެސްގެ ދަށުން ކުންފުނި ވަނީ އިތުރަށް ފުޅާވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ