ވައިގެމަގުން ރާއްޖެއަށް އެތެރެކުުރަނިކޮށް، 7.2 މިލިއަން ރުފިޔާގެ ޑުރަގު އަތުލައިގެންފި
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.6 ކިލޯގެ މަސްތުވާތަކެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން އިން މިރޭ އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ބުނީ، މި ތަކެތި އަތުލައިގަތީ ވައިގެ މަގުން ރާއްޖެ އެތެރެކޮށްފައިވާ ޝިޕްމެންޓެއްގައި މަސްތުވާތަކެތި ހުރިކަމަށް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިރޭ އެ ޝިޕްމެންޓް ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. މިގޮތުން އަތުލައިގަނެވުނު މަސްތުވާތަކެތި ފުރަތަމަ މަރުޙަލާގެ ތަހުލީލުތަކުން މެތަމްފެޓަމައިން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދިނެވެ. އަތުލައިގަތް ތަކެތީގެ ބަރުދަނުގައި ޕެކިންއާއިއެކު ޖުމްލަ 3.6 ކިލޯގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 7.2 މިލިއަން ދިވެހި ރުފިޔާއަށް އަރާ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އަތުލައިގަނެވުނު މަސްތުވާތަކެތި ކަސްޓަމްސްއިން މިހާރުވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. މި ސަރުކާރުގެ އަމާޒުތަކުގެ ތެރޭގައި، މަސްތުވަތަކެތީގެ މައްސަލައެއް ދާއިމީ ހައްލެއް ހޯދުން ހިމެނެއެވެ. އެގޮތުން ހޯމް މިނިސްޓްރީގެ އަމާޒާ އެއްގޮތަށް، ތަންފީޒީ އިދާރާތަކުން މަސައްކަތްކުރަނީ މަސްތުވާތަކެތީގެ ބޮޑެތި ވިޔަފާރިވެރިންގެ ސަޕްލަޔަރުންތައް ހޯދައި، އެ ވިޔަފާރީގެ އެންމެ ފުނުގައި ތިބި މީހުންނާމެދު ފިޔަވަޅު އެޅުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ