ކަނު އަނދިރީގައި އަދި ދެލޯ މަރާލައިގެން ހުންނައިރުވެސް އިންސާނުންނަށް ފެންނާނެ ކޮންޓެކްޓް ލެންސްތަކެއް ސައިންސްވެރިން އުފައްދައިފި

ހަމަލޮލަށް ނުފެންނަ އިންފްރާރެޑް އަލި، ފެންނަ އިމޭޖަރީއަކަށް ބަދަލުކޮށް، އަނދިރިކަމުގެ ތެރޭގައި ވެސް އަދި ލޯ ލައްޕާލައިގެން ހުންނައިރު ވެސް ފެންނާނެ ފަދަ ކޮންޓެކްޓް ލެންސްތަކެއް ސައިންސްވެރިން އުފައްދައިފި އެވެ. ސެލް ޖާނަލްގައި ދާދި ފަހުން ޝާއިއުކުރި ދިރާސާއެއްގައި ޗައިނާ އާއި ޔުނިވާސިޓީ އޮފް މެސެޗޫސެޓްސް ޗަން މެޑިކަލް ސްކޫލުގެ ސައިންސްވެރިން ބުނެފައި ވަނީ އެ މީހުން ފަރުމާކޮށްފައި ވަނީ "އަޕްކޮންވާޝަން ނެނޯޕާޓިކަލްސް" އެކުލެވިގެންވާ ސޮފްޓް ކޮންޓެކްޓް ލެންސްތައް ކަމަށާއި، އެ ލެންސްތަކުން ގާތްގަނޑަކަށް އިންފްރާރެޑް ލައިޓް ހިފަހައްޓައި، ފެންނަ އަލިކަމެއްގެ ގޮތުގައި ދޫކުރާ ކަމަށެވެ. މި ކުރިއެރުމުގެ ސަބަބުން، އިންފްރާރެޑް ސިގްނަލްތައް ދެނެގަތުމާއި، ކުޑަ އަލިކަމެއްގައި ހުންނަ ބައްޓަންތައް ދެނެގަތުމާއި، ރަތް، ފެހި އަދި ނޫ ކުލަ ފަދަ އިންފްރާރެޑް ކުލަތައް ތަފާތުކުރުމަށް މަގުފަހިކޮށްދެ އެވެ.
މި ދިރާސާގެ އިސް ލިޔުންތެރިޔާ އަދި ޔޫމާސް ޗަން މެޑިކަލް ސްކޫލްގެ ނެނޯޓެކްނޮލޮޖީ އެކްސްޕާޓް ޑރ. ގޭންގް ހާން ވިދާޅުވި ގޮތުގައި ކޮންޓެކްޓް ލެންސް އަޅާއިރު އަދިވެސް ފެންނަނީ އާދަޔާ ހިލާފަށް ހުރިހާ އެއްޗެއް ކަމަށެވެ. ލެންސްތަކުން ހަމައެކަނި އާންމުކޮށް ފެންނަ މަންޒަރުތަކުގެ މައްޗަށް އިންފްރާރެޑް ފޮޓޯތައް ފެނުމުގެ ގާބިލުކަން އިތުރުކޮށްދެއެވެ.
ލެންސްތައް މަސައްކަތް ކުރަނީ ލެންސް މެޓީރިއަލްގައި ހިމުން ވެއްޔަށް ވުރެ އެތައް ހާސް ގުނައެއް ކުޑަ ނެނޯ ޕާޓިކަލްތައް ބަހާލައިގެންނެވެ. މި ޕާޓިކަލްތަކަކީ އިންސާނުންނަށް ފެންނަ ސްޕެކްޓްރަމްއިން ބޭރުން ނުފެންނަ ވޭވްލެންތްތައް ދެނެގަނެ، އިންސާނުންނަށް ދެނެގަނެވޭނެ ކުލަތަކަކަށް ބަދަލުކުރުމުގެ ގާބިލުކަން ލިބިފައިވާ ޕާޓިކަލްތަކެކެވެ. އާންމުކޮށް ބޭނުންކުރާ ނައިޓް ވިޝަން ގޮގްލްސްއާ ހިލާފަށް، މި ލެންސްތަކުގައި ޕަވާ ސޯސްއެއް ބޭނުން ނުވެ އެވެ.
ހާން ފާހަގަކުރެއްވި ގޮތުގައި އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ، ބައިވެރިންނަށް އަދިވެސް ލޮލުގައި އަޅައިގެން އިންފްރާރެޑް ފޮޓޯތައް ފެންނަން ހުރުމެވެ. ލޮލުގެ ވަށައިގެން ގާތްގަނޑަކަށް އިންފްރާރެޑް ލައިޓް ގެ ކެޕޭސިޓީ ހުރުމުންނެވެ. އިންސާނުންގެ ބޭނުމަށް އެޕްލިކޭޝަނަށް ބަދަލު ގެނައުމުގެ ކުރިން މި ޓެކްނޮލޮޖީ އެންމެ ފުރަތަމަ ޓެސްޓު ކުރީ މީދާ ބޭނުންކޮށްގެންނެވެ. ޗައިނާގައި ބައިވެރިވި މަދު ބަޔެއްގެ މައްޗަށް ޓްރަޔަލްތައް ކުރިއަށް ގެންދިޔައިރު، އެ އެންމެންގެ ލޮލުގެ ފެނުން އާދަޔާ ހިލާފަށް ހުއްޓެވެ. ސައިންސްވެރިންގެ ވިސްނުން ހުރީ ލޮލުގެ ފެނުމުގެ ތަފާތު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހަށިގަނޑުގައި ލެންސްގެ އަސަރު ހުރި މިންވަރު ދެނެގަތުމަށާއި ދިގު މުއްދަތުގެ ރައްކާތެރިކަން ދެނެގަތުމަށް އިތުރު ޓްރަޔަލްތަކެއް ކުރިއަށް ގެންދިއުމަށެވެ.
"މިއީ މުސްތަގުބަލުގައި އިތުރަށް ތަހުލީލުކުރަން ބޭނުންވާ މުހިންމު ދާއިރާއެއް،" މި ޕްރޮޖެކްޓްގައި ބައިވެރިވި އެހެން ރިސާޗަރެއް ކަމަށްވާ ޑރ ޔުކިއާން މާ ފާހަގަކުރެއްވި ގޮތުގައި ސޯލާ ރޭޑިއޭޝަންގެ ދެބައިކުޅަ އެއްބައި އެކުލެވިގެންވަނީ އިންސާނާގެ ލޮލަށް ދެނެނުގަނެވޭ އިންފްރާރެޑް އަލިންނެވެ. "މި ލެންސްތަކާ އެކު ގުދުރަތީ ދުނިޔޭގައި ފޮރުވިފައިވާ އެއްޗަކަށް މި ވަނީ ވަދެފައި،" އޭނާ ބުނެފައިވެ އެވެ.
މިހާރު އެ ލެންސްތަކަކީ ހޫނު އެއްޗެހީގެ ސަބަބުން ބޭރުވާ ބަލިކަށި އިންފްރާރެޑް ރޭޑިއޭޝަން ދެނެގަނެވޭ ވަރަށް ސެންސިޓިވް އެއްޗެއް ނޫން ކަމަށާއި އޭގެ މާނައަކީ އަދި ވެސް ތާމަލް ވިޝަން ނުލިބޭ ކަމަށެވެ. ނަމަވެސް ސައިންސްވެރިން ދަނީ ނެނޯޕާޓިކަލްތަކުގެ ސެންސިޓިވިޓީ އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ. ޗައިނާގެ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ނިއުރޯސައިންޓިސްޓެއް ކަމަށްވާ ޕްރޮފެސަރު ޓިއަން ޒޫ ވިދާޅުވީ މެޓީރިއަލް ސައިންޓިސްޓުންނަށް އިތުރު އެފިޝިއެންސީއަކާ އެކު އަޕްކޮންވާޝަން ނެނޯޕާޓިކަލްތައް އުފައްދައިދެވިއްޖެނަމަ ކޮންޓެކްޓް ލެންސް ބޭނުންކޮށްގެން ވަށައިގެންވާ އިންފްރާރެޑް ލައިޓް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އަސްކަރީ އަދި ސަވައިލެންސްގެ ބޭނުންތަކުގެ އިތުރުން، ނެވިގޭޝަން، ކޮމިއުނިކޭޝަން އަދި ލޮލުގެ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެޕްލިކޭޝަންތައް ވެސް މި ޓީމުން ގެންގުޅެ އެވެ. މިސާލަކަށް އިންފްރާރެޑްގައި މެސެޖުތައް ފޮނުވިދާނެ ކަމަށާއި އެކަން ދެނެގަނެވޭނީ ލެންސް އަޅައިގެން ތިބޭ މީހުންނަށް އެކަންޏެވެ. މި ޓެކްނޮލޮޖީގެ ސަބަބުން ކުލަ އަނދިރިކަން ހުންނަ މީހުންނަށް ވެސް ފައިދާ ކުރާނެ ކަމަށް ބެލެވޭ ވޭވްލެންތްތައް އަޅާ މީހާއަށް ފެންނާނެ ގޮތަށް ބަދަލުކުރެވިދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ