2
ޖޫންގެ ބަޔާ ގުޅޭ
ރައިނާ އެތެރެއަށް ގޮސް އެނދުގައި އިށީނުމާއެކު ހުރިހާ ހިތްވަރެއް ނެތިގެން ލޮލުން ކަރުނަ އަތުވެއްޖެ އެވެ. އެއް އަތުން ބެޑްޝީޓް ބޮނޑިކޮށްލެވުމާއެކު އަނެއް އަތުން އަނގަމަތީ ބާރަށް ހިފަހައްޓާލީ ރުއިމުގެ އަޑު ބޭރަށް އިވުނަ ނުދޭންވެގެންނެވެ. ހަމްރާއު ކުރިމަތީ މިހާ ހިތްވަރު ދައްކާފައި އައިސް ކޮންމެ ފަހަރަކު އޭނަ ރޮއިރޮއި ހާލު ދެރަވާކަން އެކަކަށް ވެސް ދައްކާކަށް ބޭނުމެއް ނޫނެވެ. ދައްކަން ވެސް ވީ ކީއްކުރަން ހެއްޔެވެ؟ ހަމްރާއު ވެސް އޭނަގެ އާދޭހެއް ނޭހި އެވެ.
ހަމްރާއުގެ އަޑެއްބަޑެއް ނީވި ގިނައިރު ވުމުން ރައިނާ ހީކުރީ
ގެއިން ނިކުމެގެން ދިޔައީ ކަމަށެވެ. އޭނަ ކޮޓަރިން ނިކުތީ ކޮޓަރީގައި އޮންނަ ހިތް
ނުވެގެންނެވެ. މީގެ ކުރިން ކޮޓަރިން ނުނިކުމެ ހަމައެކަނި ފޯނަށް ބެލުމުގައި ވެސް
އެތައް ގަޑިއެއް ހޭދަވެގެން ދެ އެވެ. އެކަމަކު މިހާރު އޭނަ ބޭނުންވަނީ އިތުރު މީހުންނާއެކު
ވަގުތު ހޭދަ ކުރާށެވެ. ނޫނީ ބޭރަށް ނިކުމެ އުޅޭށެވެ. މިނިވަން ކޮކާލެއްހެން
އެކުވެރިންނާއެކު އުޅުނު ކުއްޖާގެ އެ އުޅުމަށް ހުރަސް އެޅުނު އެއް ކަމަކީ ވެސް
ހަމްރާއުގެ ދެވަނަ ކައިވެންޏެވެ. ފެންނަހާ ތާކުން އޭނައަށް ހީވަނީ އޭނައަށް މީހުން
ބަލާފައި ސިއްރުން މަލާމާތް ކުރާހެންނެވެ. އެކުވެރިން ވެސް އޭނަ ހުންނަ ތަންތާ
މާބޮޑަށް މަޖާކޮށް ސަކަރާތްޖަހާ ހަދަން ޖެހިލުންވެ އެވެ.
"ތި ނިކުތީތަ؟ އަހަރެން ހީކުރީ ނިދުނީ ކަމަށް،"
ހަމްރާއު ސިޓިންރޫމް ސޯފާގައި ފޯނަށް ނަޒަރު ހުއްޓާލައިގެން އިނދެފައި ދޮރު
ހުޅުވުނު އަޑަށް ބަލާލުމަށް ފަހު ރައިނާ ފެނިގެން ތެދުވި އެވެ.
އުންމީދުނުކޮށް ހުއްޓާ ކުއްލިއަކަށް ކުރިމަތިން ހަމްރާއު
ފެނުމުން އޭނަގެ ފިޔަވަޅުތައް މަޑުޖެހިލި އެވެ. ދެން އަނެއްކާވެސް ހިނގައިގެންފައި
ގޮސް ހުހަށް ހުރި ސޯފާއަށް ވެއްޓިގެންފައި ރިމޯޓް ނަގައިފި އެވެ. ރައިނާ ޓީވީ
ހުޅުވާލުމާއެކު ހަމްރާއު އޭނައަށް ބަލަމުން ކުރިން އިން ތާނގައި އިށީނެވެ. ރައިނާ
ޓީވީ ބަލަން ފެށިއިރު ހަމްރާއު އަދިވެސް އިނީ ނަޒަރު ވަކިކޮށްލުމެއްނެތި އެ މޫނަށް
ބަލަހައްޓައިގެންނެވެ.
"ވަޓް؟" ހަމްރާއު ބަލާކަން އިހްސާސްވެގެން
ރައިނާ އެހި އެވެ.
އޭނަގެ ނަޒަރު އަދިވެސް ހުރީ ޓީވީއަށެވެ.
"އެބަ އަންނަން ކާލާނެ އެއްޗެއް ހިފައިގެން،"
ހަމްރާއު ތެދުވެގެން ގޮސް ވަނީ ބަދިގެއަށެވެ.
އޭނަ އިރުކޮޅަކުން އެނބުރި އައީ ތަބަކެއްގައި ކާތަށިތައް
އަތުރާލައިގެންނެވެ. ތަބައް މޭޒުމަތީ ބަހައްޓާފައި ހަމްރާއު މިފަހަރު އިށީނދެލީ
ރައިނާގެ ކައިރީގަ އެވެ. އޭނަ އުލުން ކާއެތިކޮޅެއް ނަގާފައި ރައިނާގެ އަނގައާ
ކައިރިކޮށްލަދިނެވެ. ސިހިފައި ރައިނާއަށް އެ މޫނަށް ބަލައިލެވުނެވެ. ހަމްރާއު ދައްކައިލީ
ރީތި ހިނިތުންވުމެކެވެ. ރައިނާ އަނގަ ހުޅުވާލައިފައި ކާން ފެށި ގޮތަށް ވަގުތުން
އަވަހަށް އަނެއްކާވެސް ޓީވީ ބަލަން ފެށި އެވެ. ހަމްރާއުގެ މޫނަށް ބަލާކަށް އޭނަ
ބޭނުމެއް ނޫނެވެ.
"އަހަންނަށް އިނގޭ ދޯ ހަމަ މީރުކޮށް ކައްކަން؟"
ހަމްރާއު އެތިކޮޅެއް ކާލާފައި ސަމާސާ މޫޑެއްގައި ފެށި އެވެ.
ރައިނާ ގާތަށް ހިނި އައިސްގެން އެކަން ފޮރުވަން ކެއްސައިލި
ކަމަށް ހަދާފައި އަތް މުށްކަވާލުމަށް ފަހު އަނގަމަތި ނިވާކޮށްލި އެވެ. ހަމްރާއުއަށް
އެތަން ފެނުނެވެ. އޭނަ ކާމިޔާބުކަމާއެކު ހިނިތުންވެލި އެވެ. އެތައް ދުވަހަކު
ރައިނާ އޭނަ ކުރިމަތީ އެވަރަށް ވެސް ހިނިތުންވެލި މީ ފުރަތަމަ ފަހަރެވެ.
ކުޑައިރުކޮޅެއް ވީއިރު ރައިނާ އިނީ ހަމަޖެހިފަ އެވެ. ޓީވީން
ފެންނަމުންދިޔަ ޕްރޮގްރާމުގައި ޖެހުމުގެ އިތުރުން ހަމްރާއުގެ އަތުން ކޮންމެވެސް
ވަރަކަށް ކައިފި އެވެ. ރައިނާ ދޭށޭ ބުނީމަ ވެސް ހަމްރާއު ދެކޮޅު ހަދައިގެން ރައިނާ
ހުއްޓާލަން ބުނަންދެން ކާން ދިނީ އަތުންނެވެ. ފުރުސަތުގެ ބޭނުން ހިފާލައިގެން
ހަމްރާއު ސޯފާގައި ރަނގަޅަށް ލެނގިލައިފައި ރައިނާގެ ކޮނޑަށް އަތް ވައްޓައިލި
އެވެ.
ފުރަތަމަ ރައިނާ ކުޑަކޮށް ދުރުވެލަން އުޅުނު ކަހަލަ ގޮތަކަށް
ހަރަކާތްކޮށްލި އެވެ. ދެން އެކަމަކު އެ އަތުގެތެރޭ ހަމަޖެހިލައިފި އެވެ. އިރުކޮޅަކުން
ހަމްރާއުގެ ކޮނޑުގައި ބޯ އަޅައިލި އެވެ.
ހަމްރާއުއަށް ގުޑިލަން ނުކެރިފައި އިނދެވުނެވެ.
"އަހަރެން ވާހަކައެއް އަހާލަންތަ؟" ރައިނާ
ވާހަކަދެއްކީ އިރުކޮޅެއް ފަހުންނެވެ.
ހަމްރާއުގެ ހިތަށް ތަދުވި އެވެ. ރައިނާއަކީ އެގޮތަށް ހުއްދަ
ހޯދައިގެން ސުވާލުކުރާ ކުއްޖެއް ނޫނެވެ. ކުޑަ ދުވަސްކޮޅެއްތެރޭ ހާދަ ބޮޑު ދުރުކަމެއް
އެ ދެމެދަށް އަތުވެއްޖެ އެވެ.
"ހޫމް..." ހަމްރާއު އިއްވައިލި އެވެ.
ރައިނާ ސުވާލުކުރަން ތައްޔާރުވެލީތަނާ ދޮރު ހުޅުވާލައިފައި
ނިކުތީ ރަނާ އެވެ. ރަނާއަށް މަންމަ އާއި ބައްޕަ ފެނުމާއެކު ފަހަރަކު މީހަކަށް
ގޮވާލައިފައި އުފަލުން ދުވެފައި އަ އެވެ. އިސާހިތަކު ދެ މީހުންގެ ސަމާލުކަން ވެސް
އެނބުރުނީ އެކުއްޖާ އަށެވެ.
***
ސަކީނާ މާލެ އައީ އެ ދުވަހުގެ މެންދުރުގެ ވަގުތެއްގަ އެވެ.
މައިދައިތަ ބަލާ ގޮސް ހަމްރާއު ހުރިއިރު ވިއްސާރައިގެ ކުލަތައް ދައްކަމުންދިޔަ
އެވެ. އުޑުމައްޗަށް ވިލާ އެއްވަމުން ދިޔައިރު ޖެހެމުންދިޔަ ވައިރޯޅި ވެސް ގަދަވެއްޖެ
އެވެ. ސަކީނާއާއެކު ބޯޓުން ފޭބީ ފިރިހެންދަރިފުޅު ފިރުޝާން އެވެ. ރިޒްވާންގެ
އިތުރުން އާއިލާގައި ދެން ހުންނަ ފިރިހެނަކީ ފިރުޝާން އެވެ. އެކަމަކު ގިނައިން
ރަށުން ބޭރުގައި ދިރިއުޅޭތީ ހަމްރާއުއާ ވެސް ދިމާވަނީ މަދު ފަހަރެއްގަ އެވެ.
ފިރުޝާން އައިސް ސަލާންކޮށްފައި ހާލުއަހުވާލު އެހީ އުފާވެރި
ހިނިތުންވުމަކާ އެކީގަ އެވެ. ސަކީނާ ފެނުނީ ތަންކޮޅެއް ވަރުބަލިކޮށެވެ. މުސްކުޅި
އުމުރުގައި ކުރު ދަތުރެއްކޮށްލިއަސް އޭގެ އަސަރު ފެންނަނީ އެވެ. ހަމްރާއު
މައިދައިތައާ ވާހަކަދެއްކީ އަދަބާއި އިހުތިރާމާ އެކުގަ އެވެ. ސަކީނާއަކަށް ވެސް
ހަމްރާއުއަށް ނުރުހުމުގެ މޫނު ދައްކާކަށް ނުކެރުނެވެ. އެ ރަށުގައި
ދިރިއުޅުނުއިރު ވެސް ހަމްރާއުއަކީ އެ މީހުން ސަކީނާގެ ރަންދަރީގެ ލަގަބު ދީފައި
ހުރި މީހެކެވެ. އަމިއްލަ ދަރިއަކަށް ނުވިއަސް ހަމްރާއުގެ އަޅާލުމާއި އެހީތެރިކަން
އެހެން ހުރިހާ ދަރިންނާ ނުބައްދަލުވެ ޚުދު ސަކީނާއަށް ވެސް ހަމްރާއުއަށް އެ ހިތުން
ދެވިފައިވަނީ ހާއްސަ މަގާމެކެވެ.
"ރަނާ ވެއްޖެ ގޭގަ. މާމަ އަންނާތީ ނިކަން އުފާވެގެން
އެ ވާހަކަ ދެއްކި،" ސަކީނާ ރަނާގެ ވާހަކަ އެހުމުން ހަމްރާއު ޖަވާބުގައި
ކިޔައިދިނެވެ.
އެ މީހުން ގެނައި ސާމާނު ޑިކީއަށް ލާފައި ކާރަށް އެރިއިރު
ހަމްރާއު އެރީ ކުރިއަށެވެ. އަނެއް ދެ މީހުން އިށީނދެލީ ފަހަތުގަ އެވެ.
ދިޔަ މަގުމަތީގައި ރަށުގެ އެކި ވާހަކަތައް ކުރިއަށް
ދިޔަ އެވެ. ރިޒްވާންގެ އަންހެން ދަރިފުޅުގެ ކައިވެނީގެ ތައްޔާރީތަކުގެ ވާހަކަ އާއި
އާއިލާގައި ދެން ތިބި މީހުންގެ ދިރިއުޅުމުގެ ވާހަކަ އެވެ. ރަށުގެ ބައެއް އާ
ވާހަކަތަކާއި މޫސުމީ ބަދަލުތަކުގެ ވާހަކަ އެވެ. މިގޮތުގައި ދަތުރު ނިމި ގެއަށް
ދެވުނުއިރު ފިރުޝާން ވެސް މަންމަ ލާފައި އަވަހަށް ފުރަން ޖެހޭކަން ހާމަކޮށްފި އެވެ.
ގެއަށް ދިޔައިރު ރައިނާ ހޮޑުލަނީ އެވެ. ރަނާ އުޅެނީ
އެކަމާ ދެރަވެގެންނެވެ. ސިޓިންރޫމްގައި ދެކޮޅަށް ހިނގަން ހުރެފައި ހަމްރާއު
ވަންހާއިރުން އަވަހަށް އައިސް އެ ވާހަކަ ބުނެފި އެވެ. މާމަ އާއި ރަނާ ބައްދަލުކުރަން
ބައިތިއްބާފައި ހަމްރާއު ގޮސް ކޮޓަރިއަށް ވަނެވެ.
"ރައިނާ!" ހަމްރާއު އަނބިމީހާއަށް ގޮވާލައިފައި
ފާހާނާ ދޮރުފަތުގައި އަތް ޖައްސާލިހާއިރުން ހުޅުވިއްޖެ އެވެ. ރައިނާ ހުރީ އޭރު
އިސްކުރު ދޫކޮށްލައިގެން މޫނު ދޮންނަ ތަށި ކައިރީގަ އެވެ. އެ ދެލޯ ވަނީ ރަތްވެ
ދުޅަވެފަ އެވެ. ރޮމުންރޮމުން އޭނަ ފަހަރަކު ފެންގޮށްޓެއް ނަގާ މޫނަށް ވިއްސަމުން
ދިޔަ އެވެ. ދެން އަނެއްކާވެސް ގުދުވެ އޯކަށް ދެމެން ފަށައިފި އެވެ. އެކަމަކު ބަނޑު
ހުސްވެ އެއްވެސް އެއްޗެއް ނާދެ އެވެ.
ހަމްރާއު ފަހަތުގައި ހުއްޓިފައި ރައިނާގެ މޫނުމައްޗަށް ފައިބާފައިވާ
އިސްތަށިތައް އެއް އަތުން ހިފަހައްޓާލައިފައި އަނެއް އަތުން ބުރަކަށީ ފިރުމަދޭން
ފެށި އެވެ.
"ހަމްރާއު!" ރޮމުންރޮމުން ރައިނާ އާދޭހާއެކު
ގޮވާލި އެވެ.
"ކޯއްޗެއް ގެނެސްދޭންވީ؟ ފެންފޮދެއް ބޯލަންވީނު!"
ހަމްރާއު ލަފާދިނެވެ.
"ނޫން. އަނެއްކާ އެ ވެސް ހޮޑަށް އަންނާނީ،"
ރޮވިފައި ރައިނާ ވާހަކަދެއްކި އެވެ.
ހަމްރާއު ބޯޖަހާލައިފައި އިތުރަށް އެކަމަކަށް ބާރެއް
ނާޅަ އެވެ.
ރައިނާ އަނެއްކާވެސް މޫނު ދޮވެލާފައި ނޭފަތް ވެސް
ފޮޅާލުމަށް ފަހު އަތް ދޮވެލި އެވެ.
"ނިކުންނަން ހިނގާ. ރައިނާ މަންމަ ވެސް އެބައިން
ބޭރުގަ،" ހަމްރާއު ރައިނާ އަތުލަފިކޮށްގެން ނިކުންނަން ދިޔަ އެވެ.
ފާހާނާއިން ނެރެގެން ގެންގޮސް ބެއިންދީ އެނދުގަ އެވެ.
ރައިނާ ޓިޝޫގެ ވާހަކަ ބުނުމުން ހަމްރާއު އެ ފޮށި ހުރި ތާކުން ނަގައިގެން ގެނެސް ކައިރީ
ބަހައްޓައިދިނެވެ. ރައިނާ ޓިޝޫތަކެއް ނަގައިގެން މޫނާއި ނޭފަތް ހިއްކަމުން
ދިޔައިރު ހަމްރާއު ކައިރީގައި އިނީ އޭނަގެ ހަރަކާތްތަކަށް ބަލާށެވެ.
"މަންމަ ވައްދަންވީތަ މިތަނަށް؟ ނޫނީ ބޭރަށް ނިކުންނާނީތަ؟"
ހަމްރާއު ރައިނާ ބޭނުންވާ ގޮތް އެހި އެވެ.
"ނުހިނގޭނެ މި ގަޑިއަކު." ރައިނާ އޮށޯވެލީ
އެނދުގަ އެވެ.
ހަމްރާއު ބަލަން އިނދެލާފައި ސަކީނާ ހޯދަންވެގެން ނިކުތެވެ.
ރައިނާމެން ދެމައިންނާއި ރަނާ ކޮޓަރީގައި ބައިތިއްބާފައި
އެކަނި ވަގުތުކޮޅެއް ލިބުމުން ފެންތަށްޓެއް ބޯލަން ބަދިގެއަށް ވަދެފައި ފޯނު
މަތިން ހަނދާންވި އެވެ. ޖީބުން ނެގިއިރު ހޫރައިންގެ މިސްކޯލުތަކެއް ހުއްޓެވެ.
ހަމްރާއުއަށް އަނެއް އަތުން ކަނދުރާމަތީ ހިފާލެވުނެވެ. ހަދާނެ ވަކި ގޮތެއް ނޭނގިގެން
އޭނަ މިހާރު އެ ވަނީ ކަންބޮޑުވެފަ އެވެ. ސަކީނާ ރައިނާ ކައިރީ ހުރުމަކީ އޭނައަށް
ލިބޭނެ ނިކަން ބޮޑު ހިތްހަމަޖެހުމެކެވެ. އެކަމަކު ސަކީނާ އަކީ މިހާރު ދުވަސްވީ
މުސްކުޅިއެކެވެ. އެ މުސްކުޅި މަންމަގެ އަތްމައްޗަށް ބަލި ރައިނާ ދޫކޮށްލާފައި އޭނަ
ހޫރައިން ގޮވައިގެން އުފާ ކުރަން ދާންވީ ހެއްޔެވެ؟
ދެ ފިކުރެއްގައި ހުރެފައި ހަމްރާއު ހޫރައިންއަށް
ގުޅާލުމަށް ފަހު ފެންތަށްޓެއް ހިފައިގެން ގޮސް މޭޒު ދޮށުގައި އިށީނެވެ.
ތިންވަނަ ރިންގުން ހޫރައިން ފޯނު ނަގައިފި އެވެ. އެ އަޑު
ހުރި ގޮތުން ދުވެފައި އައީކަން ހަމްރާއުއަށް އެނގުނެވެ.
"ހަމްރާއު..." ހޫރައިން އަވަސް ނޭވާތަކެއް
ލަމުން ގޮވާލި އެވެ.
"ހޫރައިން.... ކީއްކުރަނީ؟" ހަމްރާއު ބޭނުންވީ
ތަންކޮޅެއް ސީރިއަސްކަން ކުޑަ ގޮތަކަށް ވާހަކަ ބަހައްޓާށެވެ.
"މި އައީ... މި އައީ ބަދިގެއިން. ބަނޑުހައިވެގެން
އެއްޗެއް ކާން އިނދެފަ ފޯނު އަޑު އިވިގެން ދުވެފަ މި އައީ. ފޯނު މި އޮތީ ކޮޓަރީގައި
ޗާޖަށް ޖަހާފަ،" ހޫރައިން އަވަސްއަވަހަށް ކިޔައިދިނެވެ.
"ކޯއްޗެއް ކެއީ؟" ހަމްރާއު އިތުރަށް އެހި އެވެ.
"އައިސްކްރީމް،" ހޫރައިން އޮޅުންފިލުވައިދިނެވެ.
"މީހުން ބަނޑުހައިވީމަ ބަނޑުފުރަން ކާއެއްޗެއްތަ ތީ؟
އަހަރެންގެ ރަނާއެކޭ އެއްގޮތެއްނު،" ހަމްރާއު ގާތަށް ހިނި އަ އެވެ.
"ހެވޭ ދެން ދިމާ ނުކުރިއަސް،" ހޫރައިން އަމިއްލަ
ދިފާއުގައި ބުނެލި އެވެ.
ދެ މީހުން ވެސް ހިމޭންވީ އެ ހިސާބުންނެވެ. ހަމްރާއު ބުނަން
ބޭނުންވެފައިވާ ވާހަކަ ބުނަން ޖެހިލުންވިއިރު އަނެއްކޮޅުން ހޫރައިން ވެސް ދައްކާނެ
ވާހަކައެއް ނޭނގިފައި ނޫނީ ނުކެރިފަ އެވެ.
"ބިޒީތަ؟" ހޫރައިން އެންމެ ފަހުން އެހި އެވެ.
"ނޫން." ހަމްރާއު ވެސް ދިނީ ކުރު ޖަވާބެކެވެ.
"އެހެންވިއްޔާ... ޕެކް ކުރަންވީތަ؟ ދެވޭތަ
މިއަދު؟" ހޫރައިން އެންމެފަހުން ހިތްވަރެއް ކޮށްލާފައި ސުވާލުކޮށްލައިފި
އެވެ.
ހަމްރާއުއަށް ހިމޭންވެވުނީ އަނެއްކާވެސް އެ ހިސާބުންނެވެ.
"ހަމްރާއު،" ހޫރައިން ގޮވާލި އެވެ. "ނުދެވެންޏާ
ކޮންމެހެން ގަދަކަމުން ދާން އުޅޭނެ ކަމެއް ނެތް. އަހަރުމެންގެ ދިރިއުޅުން އަދިވެސް ކުރިއަށް
އޮތީނު އިރާދަކުރެއްވިއްޔާ. ރައިނާ ހަމްރާއުއަށް ބޭނުންވަންޏާ ނުދިއުން ކަންނޭނގެ
ރަނގަޅީ. މީ އޭނައަށް އެންމެ އަޅާލަންޖެހޭ ދުވަސްވަރު،" ހޫރައިން މަޑުމައިތިރިކަމާއެކު
ވާހަކަދެއްކި އެވެ.
ހަމްރާއު އަދިވެސް އެއްޗެއް ނުބުނެ އަޑުއަހަން ހުރީ އެވެ.
ހޫރައިން އިތުރު އެއްޗެއް ބުނޭތޯ ނޫނީ އަދިވެސް އޭނައަށް ބުނާނެ އެއްޗެއް ނޭނގިފައި
ކަހަލަ އެވެ. ރަނާ ދުވެލާފައި އައިސް މަންމަ އެބަ ހޯދައޭ ބުނީ އެ ގަޑީގަ އެވެ.
ހަމްރާއު ފަހުން ގުޅާނަމޭ ކިޔާފައި ފޯނު ބޭއްވީ އެކޮޅުން ހޫރައިން އާނއެކޭ ބުނީމަ
އެވެ. ފޯނު މުށުތެރެއަށް ލައިގެން އޭނަ ރަނާ ފަހަތުން ކޮޓަރިއާ ދިމާއަށް ދިޔަ
އެވެ.
(ނުނިމޭ)
ވާހަކަ: މިތުރާ މަގޭ - ފަންސަވީސްވަނަ ބައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ