އިންތިޒާރުކުރަމުން މިއަންނަ ހުޅަނގުފަރާތުން އިރުއަރާނެ ދުވަހު ކުރިމަތިވާނެ ބިރުވެރިކަން ބޮޑުކަމުގެ ވަރަށް ކުޑަކުޑަ މިންވަރެއް-!

ހިނގަމުންދާ ނުބައިކަމެއް ނުވަތަ މީހަކު ފާފަކުރާތަން ފެންނައިރަށް "މިފެންނަނީ ފަހުޒަމާނުގެ ޢަލާމާތްތަކޭ، ނޫނީ ޤިޔާމަތްވުން ދާދި ގާތްވެއްޖެ ކަމުގެ ޢަލާމާތްތަކޭ" ބުނެލާ މީހުން ވަރަށް ގިނައެވެ. ސުވާލަކީ މިމޭރުމުން ބުނެލާ މީހުންނަށްވެސް ޤިޔާމަތް ދުވަހަށް އެބަ ބިރުވެތިވެވޭ ހެއްޔެވެ؟  
ތިއަބައިމީހުންގެ ތެރެއިން ހަމައެކަކުވެސް ނިކަން ބުނެބަލާށެވެ! ކިތަންމެ ބޮޑު ބިރިވެރިކަމެއް ކުރިމަތިވިނަމަވެސް އަދި ކިތަންމެ ބޮޑު ހިތްދަތިކަމެއްގައި އުޅެންޖެހުނަސް އެއްވެސް މީހަކަށް (އެދުވަހު ނޫނީ) މިބާވަތުގެ ކަމެއް މެދުވެރިވެދާނެހެއްޔެވެ؟  
"ތިޔަބައިމީހުންނަށް އެ ޒަލޒަލާ ފެންނަދުވަހު، ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، އަދި މާބަނޑުއަންހެނުން އެއުރެންގެ ބަނޑުގައިއޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެއުރެންވަނީ، މަސްތުވެފައެއްނޫނެވެ. އެހެނެއްކަމަކު اللَّه ގެ ޢަޛާބް ގަދަފަދައީއެވެ." 
މިއީ އަލް ޙައްޖު ސޫރަތުގެ 2 ވަނަ ޢާޔަތެވެ. މިއާޔަތުގައި އެވާ އެއްވެސް ކަމަކީ އެދުވަހުން ނޫނީ މީހަކަށް މެދުވެރިވެދާނެ ކަންކަން ހެއްޔެވެ؟ އަދި މިވަރަކުންވެސް ނިމެނީއެއް ނޫނެވެ. އެދުވަހުގެ ހުރި ބިރުވެރިކަމުގެ ބޮޑުކަން ބަޔާންކުރައްވަވައި ވަޙީ ކުރައްވަވާފައިވާ މިއާޔަތްވެސް އަޑުއަހާށެވެ!
"ފަހެ، ތިޔަބައިމީހުން ކާފިރުވެއްޖެނަމަ (އެދުވަހުގެ ބިރުވެރިކަމުން) ކުޑަކުދިން މުސްކުޅިންނަށް ހަދައިލާ ދުވަހުން (އެބަހީ: އެދުވަހުގެ ޢަޛާބުން) ތިޔަބައިމީހުން ރައްކާތެރިވާނީ ކޮންފަދައަކުން ހެއްޔެވެ؟"
(އަލް މުޒަންމިލް: 17)   
މީސްތަކުންނޭވެ! ކުރިން މިބަޔާންކުރިފަދައިން (އެދުވަހުން މެނުވީ) ކިތަންމެ ބޮޑު ބިރުިވެރިކަމެއް ކުރިމަތިވިނަމަވެސް ކުޑަކުދިންގެ ބޮލުގައި ހުންނަ ކަޅު އިސްތަށިތައް ކުއްލިއަކަށް ނުރަވެގެން ހިނގައިދާނެ ހެއްޔެވެ؟ 
އެދުވަހެވެ މިކިޔެނީ ޤިޔާމަތްވާ ދުވަހުގެ ވާހަކައަށެވެ. ޤިޔާމަތުގެ ވަޤުތު އައިސް ޖެހިއްޖެކަން އެންގެވުމަށް ތާޅަފިލި ފުމެލައްވަވާނެ މަލާއިކަތާ ތާޅަފިލި ފުންމަވައިލައްވަވާނެ ދުވަހުގެ ވާހަކައެވެ. 
އެއީ އެދުވަސްކަން އެނގެނީ މަޙްޝަރުގެ މައިދާނަށް މީސްތަކުން އެއްކުރައްވަވާނެ ދުވަހު ކިރުމައިންނެއް ނުތިބޭނެއެވެ. މާބަނޑު އަންހެނުންނެއް ވެސް ނުތިބޭނެއެވެ. އެންމެން ތިބޭނީ އެއް ސިފައެއްގައެވެ. ﷲ ތަޢާލާ ޚާއްޞަ ސިފަފުޅެއް ދެއްވެވި، ނުވަތަ ޢަޛާބަށް ހުށަހެޅުއްވެވި މީހަކު މެނުވީއެވެ. 
މިވާހަކަތައް މިދައްކަނީ މިއަދު ތާޅަފިލީގެ އަޑު އިވިދާނެކަމަކަށް ނޫނެވެ. މިއަދު އެއަޑު އަހުރެމެންގެ ކަންފަތުގައި ނުޖެހުނަސް ޤިޔާމަތް ދުވަހާއިމެދު އަދި ޤިޔާމަތްވުމާއިމެދު މިއަދު ބިރުވެތިނުވެވިއްޖެނަމަ ނަރަލައިން ސަލާމަތްނުވެވޭނެތީއެވެ. ސަލާމަތްކަން ލިބުން އޮތީ މިކަންކަމަށް ފުރިހަމަ ގޮތުގައި ބިރުވެތިވެވިއްޖެ މީހަކަށް ކަމުގައިވާތީއެވެ.
 
- މައްލޫމާތު: ޝައިޚް މުޙައްމަދު ބަޖޫރުގެ ދަރުސަކުން 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ