މޫސުމީ ބަދަލުން މަސްވެރިކަމަށް އަސަރު ކުރޭ، ކަނޑުތައް ރައްކާތެރިކުރަން މާލީ އެހީ ދޭން ޖެހޭ: ޝިޔާމް

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ފައިދާ ކުރާ މަސައްކަތެއް ކަމަށްވާ މަސްވެރިކަމަށް ބޮޑެތި ގެއްލުންތައް ލިބެމުން އަންނަ ކަމަށާއި ކަނޑުތައް ރައްކާތެރިކުރުމަށް ކުދި ޖަޒީރާ ގައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދޭން ޖެހޭ ކަމަށް ކަމަށް ފިޝަރީޒް މިނިސްތަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ފްރާންސްގައި މިހާރު ކުރިއަށްދާ އދ. ގެ އޯޝަން ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ އަދި އެ ނުރައްކަލާ ރާއްޖެއިން ކުރިމަތިލާން ޖެހިފައިވާ ކަމެއް ކަމަށެވެ.
ކަނޑުގެ ލޮނުގަނޑު އުފުލުމާއި މުރަކަތައް މަރުވުމަކީ ހަމައެކަނި ސައިންސުވެރިން ފާހަގަކުރާ ކަންބޮޑުވުމެއް ނޫން ކަމަށާއި އެއީ ދިވެހީންގެ ދިރިއުޅުމުގެ ހަގީގަތް ކަމަށް ޝިޔާމް ވިދާޅުވިއެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް އެންމެ ބޮޑަށް ކުރާ ގައުމުތަކުގެ ތެރޭން ދިވެހިރާއްޖެ ހިމެނޭ އިރު، އެ ނުރައްކަލުން އަރައިގަތުމަށް ރާއްޖޭން އަބަދުވެސް ކުރީ ސަފުގައި މަސައްކަތް ކުރަމުންދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގައި މަސްވެރިކަމަށް ދިމާވާ ގޮންޖެހުންތައް ހިއްސާކުރައްވަމުން ޝިޔާމް ވިދާޅުވީ، ކަނޑުގެ ހޫނުމިން އިތުރުވެ، މަހުގެ ސްޓޮކް ކުޑަވަމުންދާ ކަމަށެވެ. ރާއްޖެއަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތަކާއެކު ކަނޑުގެ ވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކަނޑަކީ ސީދާ ދިވެހީންގެ ދިރިއުޅުމާ ގުޅިފައިވާ ވަސީލަތެއް ކަމަށާއި އެއީ ދިވެހީންގެ ސަގާފަތް ރަމްޒުކޮށްދޭ އެއްޗެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި 93 އަށް ވުރެ ގިނަ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށްފައިވާ ކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ރާއްޖެ މި ވަނީ އދގެ އޯޝަންސް ކޮންފަރެންސްގެ ލަނޑުދަނޑިތައް ހާސިލްކޮށްފައި ކަމަށެވެ. އެއްފަހަރު ބޭނުންކޮށް އުކަލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް މިނިސްޓަރި އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ ކަނޑާ ގުޅުންހުރި މުހިންމު ނިންމުންތައް ނިންމުމުގައި ކަނޑަށް އެންމެ ބޮޑަށް ބަރޯސާވާ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ބަސް ހިމެނަން ޖެހޭ ކަމަށްާއި. ކަނޑުގެ މުސްތަގްބަލަކީ މަދު ބަޔަކަށް ލިޔެވިދާނެ އެއްޗެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި ކުދި ޖަޒީރާ ގައުމުތަކަށް މާލީ އެހީތެރިކަން ހޯދުމުގައި ގޮންޖެހުންތައް ހުންނަ ކަމަށާއި އެފަދަ ގައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ތަރައްގީވެފައިވާ ގައުމުތަކަށާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާއަތްތަކަށް ޝިޔާމް ގޮވަލެއްވިއެވެ. އަދި ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކަށް ދެވޭ ލޯނުތައް މައާފުކޮށް ދިނުމަކީ މުހިންމު ކަމެއް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ