ޕީޕީއެމްގެ މަސްއޫލުވެރިންނަކީ ރައީސް މައުމޫން، ރައީސް ޔާމީން އަދި އާޒިމާ: އިލެކްޝަންސް ކޮމިޝަން

ޕީޕީއެމްގެ މަސްއޫލުވެރިންގެ ގޮތުގައި އެޕާޓީ އުފެއްދިއިރު ރަޖިސްޓްރީކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރު މުހައްމަދު ޝަކީލް މިރޭ ސަން އަށް ވިދާޅުވީ، ޕީޕީއެމްގެ ރަޖިސްޓްރީ ގެއްލިގެން އެޕާޓީން އެ ކޮމިޝަނަށް ހުށަހެޅުމުން ރަޖިސްޓްރީގެ ކޮޕީއެއް މިހާރު ވަނީ އެޕާޓީއާ ހަވާލުކޮށްފައި ކަމަށެވެ. ޝަކީލް ވިދާޅުވީ، އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނުން ދޫކުރި އެ ޕާޓީގެ ރަޖިސްޓްރީގައި ޕާޓީގެ މަސްއޫލުވެރިންގެ ނަންތައް ހިމަނާފައިނުވާ ކަމަށާއި އެއީ އެއިރު އަމަލުކުރި ގޮތް ކަމަށެވެ. ނަމަވެސް ޕާޓީތަކުގެ ރަޖިސްޓްރީގެ ފޯމެޓަށް މިހާރު ގެނައި ބަދަލާއެކު އޭގައި ޕާޓީގެ މަސްއޫލުވެރިންގެ ނަންތައް ހިމަނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އެއީ އެންމެ ފުރަތަމައިނުން ވެސް ޕީޕީއެމް އަލަށް ރަޖިސްޓްރީކުރި އިރު ޕީޕީއެމްގެ މަސްއޫލުވެރިންގެ ގޮތުގައި ތިއްބެވި ތިން ފަރާތަކީ. އެއްވެސް އެއްޗަކަށް ބަދަލެއް ނާދޭ. ހަމައެކަނި އާ ރަޖިސްޓްރީގެ ކޮޕީއެއް އަޅުގަނޑުމެން ހަދައިދިނީ. މިހާރު ރަޖިސްޓްރީ ހަދާއިރު މަސްއޫލުވެރި ފަރާތްތަކުގެ ނަންތައް ހިމަނާފަ ވާނީ،" ޝަކީލް ވިދާޅުވިއެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ދޫކޮށްފައިވާ ޕީޕީއެމްގެ ރަޖިސްޓަރީ -- މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވީ، ސިޔާސީ ޕާޓީއެއްގައި މަސްއޫލުވެރިން ތިބެންޖެހޭނެ ކަމަކަށް ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގައި ބަޔާންކޮށްފައިނުވާ ކަމަށެވެ. "އަޅުގަނޑުމެންނަށް އެނގޭވަރުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ނޫނީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގައި ބުނެފައެއް ނޯންނާނެ ސިޔާސީ ޕާޓީއެއްގައި މުއައްސިސުން ނުވަތަ މަސްއޫލުވެރިން ތިބެންޖެހޭނެ ކަމަށް. އެފަދަ މަގާމެއް ނުވެސް އޮންނާނެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އަށް 2011 ވަނަ އަހަރު ދޫކުރެއްވި ރަޖިސްޓްރީގައި ހަމައެކަނި އޮންނާނީ، ހަމައެކަނި ޕާޓީގެ ރަޖިސްޓްރީ ދޫކުރައްވައިފީމޭ،" ފާރިސް ވިދާޅުވިއެވެ. ފާރިސް ވިދާޅުވީ، ޑީއާރްޕީ ތެރޭގައި އުފެދުނު މައްސަލައަށްފަހު އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ރައީސް މައުމޫން ނިންމެވުމުން ޕާޓީއެއް އުފެއްދުމުގެ ހުއްދައަކަށް އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގަތީ އޭނާ ކަމަށެވެ. އަދި އެ އެދިވަޑައިގަތުމަށް އެ ކޮމިޝަނުން ހުއްދަދީ 3000 މީހުންގެ ސޮއި ހަމަކުރަން އެންގި ކަމަށާއި ދެ މަސް ތެރޭގައި އެކަން ފުރިހަމަކޮށް އޭނާ ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ކުރީން ދޫކޮށްފައިވާ ޕީޕީއެމްގެ ރަޖިސްޓަރީ -- ޕާޓީ އުފެއްދުމަށްޓަކައި ރައީސް މައުމޫން އެކުލަވާލެއްވި 11 މެމްބަރުންގެ ވޯކިން ކޮމެޓީ ޗެއާކުރެއްވީ އޭނާ ކަމަށާއި އެ ކޮމެޓީގައި ރައީސް ޔާމީނާއި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ފާރިސް ވިދާޅުވިއެވެ. "ކޮންމެއަކަސް އެ ކޮމެޓީގެ ޗެއާއަކަށް އަޅުގަނޑު ހުރެގެން މިދެންނެވި މަރުހަލާ ފުރިހަމަކޮށްފަ 3600 ސޮޔާއެކު އަޅުގަނޑު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިން. އެ ފޮޓޯތައް ތި ފެނިވަޑައިގަންނަވަނީ ސޯޝަލް މީޑިއާ އިން. އެ މައޫލޫމާތު ބައްލަވާފަ ސައްޙަ ކަމަށް ވިދާޅުވެފަ ދެން ހުއްދަ ދެއްވީ އަޅުގަނޑުމެން ޕާޓީއެއް އުފެއްދުމަށްޓަކައި ބާއްވަންޖެހޭ ފުރަތަމަ ޖަލްސާ ބޭއްވުމަށް،" ފާރިސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ