މިއަދުވެސް މޫސުން ގޯސް: ހއ. އިން ވާވަށް އޮތީ އޮރެންޖު ސަމާލު

އޮރެންޖު ސަމާލަކީ މޫސުން ގޯސްވުމުން ނެރޭ އިންޒާރުތަކުގެ ތެރެއިން ދެވަނައަށް އެންމެ ނުރައްކާތެރި ދަރަޖަ އެވެ.
މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބޮޑު ސަރަހައްދަކަށް އޮރެންޖު ސަމާލު ނެރެފި އެވެ. 
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ވަނީ ވިލާގަނޑަކު 60 މޭލަށް ވައިގަދަވާނެތީ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ވ. އަތޮޅާ ދެމެދަށް ރީނދޫ ސަމާލު ނެރެފަ އެވެ. އެ ސަރަހައްދަށް އާންމު ގޮތެއްގައި ވައި ޖެހޭނީ 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށް މެޓް އޮފީހުން ބުނެ އެވެ. އޮރެންޖު ސަމާލު ނެރެފައިވާ ސަރަހައްދުތަކުގެ ކަނޑުގެ ރާޅު ހުންނާނީ 6 ފޫޓާއި ނުވަ ފޫޓާ ދެމެދުގެ އުސްމިނެއްގައި ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.  "ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ލަފާކުރެވޭތީވެ ހުރިހައި ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް ދަންނަވަން." މެޓް އޮފީހުން އިލްތިމާސްކުރެ އެވެ. އާންމުކޮށް ހުޅަނގު މޫސުންތަކާ ހިލާފަށް، އާދަޔާ ހިލާފަށް ވައިގަދަވުމުގެ ސަބަބުން މެޓް އޮފީހުން އަންނަނީ ތަކުރާރުކޮށް އޮރެންޖު ސަމާލުތައް ނެރެމުންނެވެ. އޮރެންޖު ސަމާލަކީ މޫސުމީ އިންޒާރުގެ ދެވަނައަށް އެންމެ ނުރައްކާ ބޮޑު ގިންތި އެވެ. އިއްޔެއިން ފެށިގެން އުތުރާއި މެދުރާއްޖެތެރެއަށް ވިއްސާރަކުރި ނަމަވެސް، ދެކުނަށް އާންމު ގޮތެއްގައި މޫސުން ގޯހެއް ނޫނެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ