ސައްމާހު ދޫވި މައްސަލަ: ސުޕްރީމް ކޯޓުގެ އަމުރު ދެގޮތަކަށް

މާލޭގައި ޒުވާނަކަށް ހަމަލާދީ މަރާލި މައްސަލާގައި ދައުވާކޮށްފައިވާ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ ބަންދާ މެދު ހައި ކޯޓުން ގޮތެއް ނުނިންމާ އޮއްވާ ދޫވި މައްސަލާގައި ސުޕްރީމް ކޯޓުގެ ދެ އަމުރެއް ދެ ގޮތަކަށް އެބަ އޮތް ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިއަދު ބުނެފި އެވެ.
ސެޕްޓެމްބަރު, 2017 ގައި ވ. ކެޔޮދޫ، ދޭލިޔާގޭ މޫސަ މަރާލި މައްސަލާގައި، އދ. މާމިގިލީ ސޭޑީގްރޯވް، ސައްމާހުގެ މައްޗަށް އުފުލި ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން އޮތީ އިސްތިއުނާފްކޮށްފަ އެވެ. އެ ހުކުމުގެ އިސްތިއުނާފު ޝަރީއަތް ނިމެންދެން ސައްމާހު ބަންދުކޮށްދޭން ދައުލަތުން އެދުނެވެ.
ސުޕްރީމް ކޯޓުން މި މަހު ނިންމީ ސައްމާހު ވަގުތީ ގޮތުން ބަންދުކުރަން ހަތް ދުވަހުގެ މުއްދަތެއް ދީ، އެ މުއްދަތުގެ ތެރޭގައި އޭނާ ބަންދުކުރުމާ މެދު އެ ކޯޓުން ގޮތެއް ނިންމަން އަމުރުކޮށްފައިވެ އެވެ.އެ މުއްދަތު ހަމަވެގެން ދިޔަ އިރު ވެސް ހައި ކޯޓުން ގޮތެއް ނިންމައިފައި ނުވާތީ އޭނާ މިނިވަންވި އެވެ.
އެ މައްސަލާގައި ހައި ކޯޓުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ހައި ކޯޓަށް ލިބުނު ފުރަތަމަ އަމުރުގައި އޮތީ ހައި ކޯޓުން ގޮތެއް ނިންމަން ދެން ބަންދުގައި ސައްމާހު ބަހައްޓަން ޖެހޭ ކަމަށެވެ.
އެކަމަކު ފަހުން ކަރެކްޝަނުން ސާފުކުރި އިރު ސައްމާހު ދޫކޮށްލީ ހަތް ދުވަހެއް އޮތް އަމުރެއްގެ ދަށުން ކަމަށް ވިދާޅުވި އެވެ. ދެ އަމުރަށް ބަލާއިރު އޮތީ ސުޕްރީމް ކޯޓުގެ ހަމަ އެއް ނަންބަރެއް ކަމަށާއި އެއް ނަންބަރަކުން ދެ އަމުރެއް ނެރޭނެ ކަމަށް ގަބޫލު ކުރަން ދަތިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
"ޝަރުއީ ނިޒާމުގެ މި އޮތް ލިޔެކިޔުންތަކާ މެދު އަޅުގަނޑުމެންނަށް މިހާރު ހަމަ ސުވާލު އުފެދޭ،" ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ފާތިމަތު ފަރުހީޒާ ވިދާޅުވި އެވެ.
މި ކަމަށް ޕްރޮސެކިއުޝަނުން ވެސް މިއަދުގެ އަޑުއެހުމުގައި އެއްބަސްވެފައިވެއެވެ. ދައުލަތުގެ ވަކީލުން ބުނި ގޮތުގައި އެ ފަރަގު އޮތް ކަން ސާފުވީ ހައި ކޯޓުން ފަހުން އެ ގޮތަށް ފާހަގަކޮށްދިނުމުން ކަރެކްޝަންސް އިން އެ ކަން ޕީޖީ އޮފީހަށް އެންގުމުން ކަމަށެވެ.
ފަނޑިޔާރުންގެ ވިދާޅުވީ ހަތް ދުވަސް ތެރޭގައި ބަންދާ މެދު ގޮތެއް ނުނިންމުނީ ބައެއް ފަނޑިޔާރުންގެ ޗުއްޓީގައި ރާއްޖެއިން ބޭރުގައި ތިއްބެވުމުން ކަމަށެވެ. އަދި ބެންޗް ބަދަލުކޮށްގެން ވެސް އަވަހަށް ގޮތެއް ނިންމަން މަސައްކަތް ކުރުމުން ވެސް އެކަން ކާމިޔާބުނުވި ކަމަށް ބެންޗުން ވިދާޅުވި އެވެ.
އެ މައްސަލާގައި އިތުރު ތިން މީހެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކޮށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ހުކުމް ކުރި އެވެ. އެއިން ކުށް ސާބިތުވީ ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަންގެ މައްޗަށް އެކަންޏެވެ. އޭނާ 15 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.
ނ. ޅޮހީ، ކަނީރުމާގެ، މުހައްމަދު ރިޔާޒު އަދި މ. ދިއްގަރު، ދެބުދާރުގެ، އަހުމަދު އިޖާދު މުހައްމަދުގެ މައްޗަށް މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ސާބިތުުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އެ ހުކުމް އިސްތިއުނާފު ކުރުމާ މެދު ދައުލަތުން އަދި ގޮތެއް ނުނިންމަ އެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ